ކަރަންޓީނު ފެސިލިޓީގެ ގޮތުގައި ބޭނުން ކުރުމަށް ގެސްޓްހައުސް ހޯދަނީ

ހުޅުމާލޭގެ ގެސްޓްހައުސެއް -- ސަން ފައިލް ފޮޓޯ

ފަތުރުވެރިންނާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް ކަރަންޓީނު ކުރުމަށް ހުޅުމާލެއިން ތިން ގެސްޓްހައުސް ހޯދަން ޓޫރިޒަމް މިނިސްޓްރީ އިން އިއުލާނު ކޮށްފިއެވެ.

އެ މިނިސްޓްރީ އިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ކޮވިޑް19ގެ ހާލަތާ ގުޅިގެން ފަތުރުވެރިންނާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން ކަރަންޓީނު ވުމަށާއި އައިސޮލޭޓު ވުމަށް ހުޅުމާލެއިން ހާއްސަ ތިން ގެސްޓްހައުސް ނުވަތަ ހޮޓާ ކަނޑައަޅަން ނިންމާފައިވާ ކަމަށެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވާ އަދި ކޮންޓްރެކްޓް ޓްރޭސިންގެ ތެރެއިން ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ފާހަގަވާ ފަތުރުވެރިން އަދި މުވައްޒަފުން މި ތިން ތަނުގައި އައިސޮލޭޓް އަދި ކަރަންޓީން ކުރަން ނިންމާފައިވާ ކަމަށް މިނިސްޓްރީ އިން ބުންޏެވެ.

ހުޅުމާލެއިން އެކަމަށް ހާއްސަ ތިން ޓޫރިސްޓު ގެސްޓުހައުސް/ހޮޓާ ހަމަޖައްސައި ހިދުމަތް ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 10 ފެބުރުއަރީގެ މެންދުރުފަހު 13:00 ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

ޕްރޮޕޯސަލްތައް ހުޅުވާނީ ޕްރޮޕޯސަލްތައް ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައި 10 ފެބުރުއަރީ 2021 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގައި ކަމަށް މިނިސްޓްރީ އިން ބުންޏެވެ.

މިނިސްޓްރީ އިން ބުނީ ކަރަންޓީނު/އައިސޮލޭޝަން ފެސިލިޓީގެ ގޮތުގައި ބޭނުން ކުރުމަށް ހޯދާ ތިން ތަނުގައި އެކު ޖުމްލަ 45 ކޮޓަރި ހުންނަން ވާނެ ކަމަށެވެ. އަދި މަދުވެގެން ތިން މަސްދުވަހަށް މި ބޭނުމަށް އެ ތިންތަން މިނިސްޓްރީ އަށް ދޫކުރަން ޖެހޭނެ ކަމަށާއި އެތަންތަނުގައި ތިބޭ މީހުންނަށް ކޮންމެ ދުވަހެއްގެ ތިން އިރު ކެއުމާއި އިންޓަނެޓުގެ ހިދުމަތް، ލޯންޑްރީ، ޓީވީ އަދި ހައުސް ކީޕިންގެ ހިދުމަތް ލިބެން ހުންނަންވާނެ ކަމަށް ބުނެފައިވެއެވެ.

އައިސޮލޭޝަނަށް އަދި ކަރަންޓީނަށް ވަކިން ފެސިލިޓީ ހަމަޖައްސަން ޖެހޭއިރު ޕީސީއާރު ޓެސްޓު ކުރަންޖެހޭ ހާލަތްތަކުގައި އެކަމަށް އިންތިޒާމު ހަމަޖައްސައި ސާމްޕަލް ޓްރާންސްޕޯޓު ކުރާނެ އިންތިޒާމުވެސް އެކޮމަޑޭޝަން ހަމަޖައްސާ ފަރާތުން ހަމަޖައްސަން ޖެހެއެވެ.

ހުޅުމާލެއިން ކަރަންޓީނު/އައިސޮލޭޝަނަށް ގެސްޓްހައުސް ހޯދަން އިއުލާނުކޮށްފައިވާއިރު ކޮޓަރިއަކަށް ޗާޖުކުރެވޭނީ ގިނަވެގެން ދުވާލަކަށް 70 ޑޮލަރު ކަމަށްވެސް ޓޫރިޒަމްގެ އާރްއެފްޕީގައި ބުނެފައިވެއެވެ. ގެސްޓުން އަތުން މި ފައިސާ ނަގާނީ އެ ފެސިލިޓީއަކުން ކަމަށްވެސް ބުނެފައި ވެއެވެ.

ޓޫރިަމް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނާއި ޓޫރިސްޓުންނަށް ހާއްސަ ކަރަންޓީނު އައިސޮލޭޝަން ފެސިލިޓީ ހޯދަން އިއުލާނު ކޮށްފައިވާއިރު ރިސޯޓުތަކާއި ގެސްޓްހައުސްތައް ހުލުވާލަން ހުއްދަ ދީފައިވަނީ އެ ފެސިލިޓީތަކުގައ ކަރަންޓީނަށް އަދި އައިސޮލޭޝަނަށް ރޫމް ހާއްސަ ކުރާގޮތަށެވެ.

ޓޫރިސްޓު ފެސިލިޓީތަކުން ކޮވިޑް19 އަށް ޕޮޒިޓިވްވާ މުވައްޒަފުންގެ އަދަދު އިތުރުވެފައިވާއިރު ޓޫރިސްޓުން ޕޮޒިޓިވްވާ މިންވަރު ދަށްކަމަށް މިނިސްޓްރީން ބުނެއެވެ.

comment ކޮމެންޓް