ޝިއޯމީ އިން ހަގީގީ ވަޔާލެސް ޗާޖިން ޓެކްނޮލޮޖީއެއް

އެއްވެސް ކަހަލަ ހާއްސަ ޑޮކް އަކަށް ޖަހަން ނުޖެހޭ މުޅި ކޮޓަރިއަށް ރޭންޖް ލިބޭގޮތަށް ފޯނު އޯވާ ދަ އެއާއިން ޗާޖުކޮށްލެވޭ ވަޔާލެސް ޓެކްނޮލޮޖީއެއް ޗައިނާގެ ޓެކް ކުންފުނި ޝިއޯމީއިން ދައްކާލައިފި އެވެ.

ވަޔާލެސް ޗާޖިން އަކީ އާ ޓެކްނޮލޮޖީއެއް ނޫނެވެ. އެހެންނަމަވެސް މާކެޓުގައި މިވަގުތު ވަޔާލެސް ޓެކްނޮލޮޖީ ބޭނުންކުރާ ގޮތުގެ ސަބަބުން ފޯނު ޗާޖުކުރާ ވަގުތު އެ ފޯނެއް ބޭނުމެއް ނުކުރެވޭނެއެވެ. ޓެކްނިކަލް ކޮށް ބުނާނަމަ ފޯނު ޗާޖު ވަނީ އެއްވެސް ކަހަލަ ވާގަނޑެއް ނެތި އެވެ. އެހެންނަމަވެސް އެ ޗާޖު ކުރަން ޖެހެނީ ހާއްސަ ޕްލޭޓެއް ލާފައި އިންނަ ޑޮކް އެއް ބޭނުންކޮށްގެނެވެ. އެ ޑޮކް އަށް ޖެހުމުން ފޯނު ޗާޖު ކުރެވޭނީ ޑޮކްގައި އިންހައި ހިނދަކު އެވެ.

ޝިއޯމީ އިން ދާދި ފަހުން އާންމުކޮށްފައިވަނީ "މީ އެއާ ޗާޖް" ކިޔާ ހާއްސަ ފޮށިގަނޑެއް ހިމެނޭ ޓެކްނޮލިޖީއެކެވެ. އެ ޓެކްނޮލޮޖީ މެދުވެރިކޮށް އެއިން ރޭންޖް ލިބޭ ހިސާބަކަށް އެއްވެސް ވާގަނޑެއް ނެތި އޯވާ ދަ އެއާ އިން ފޯނު ޗާޖުކޮށްލެވޭނެ އެވެ. އަތުގައި ފޯނު އޮތް ނަމަވެސް އެ ފޯނު ޗާޖު ވާނެ އެވެ.

ހާއްސަ ފޮށިގަނޑެއް ގޭތެރޭގައި ބައިންދާއިރު ފޯނު ޗާޖުކުރާ ހަކަތަ ފޯނަށް ޓްރާންސްމިޓް ކުރާނީ އެ ފޮށިގަނޑު މެދުވެރިކޮށެވެ.

ޝިއޯމީ އިން ބުނާގޮތުގައި އެ ޓްރާންސްމިޓަރުން "ފުދޭވަރަކަށް ދުރަށް ދާ ވަރަށް ގިނަ މީޓަރުތަކެއްގެ ރޭޑިއަސް" އެއް ކަވަރު ކުރާނެއެވެ. އެހެންނަމަވެސް އެ ޗާޖު ކުރެވޭ ހަކަތަ ފޯރާނެ ސީދާ ދުރުމިނެއް ހާމަކޮށްފައެއް ނުވެ އެވެ.

އަދި އެ ޓްރާންސްމިޓަރުން ފޯނު ޗާޖުކޮށްދޭނީ ފަސް ވޯޓުގެ ހަކަތައިގެ ގޮތުގަ އެވެ. އެހެންކަމުން ފޯނު ޗާޖު ވާނީ ފުދޭވަރަކަށް ލަސްކޮށެވެ.

އެ ކުންފުނިން ބުނާ ގޮތުގައި އެ ހިދުމަތް ބޭނުންކުރުމުގައި ސްމާޓްފޯނަށް ހާއްސަ އެންޓެނާ އެރޭއެއް އިންސްޓޯލްކޮށްފައި އިންނަން ޖެހޭނެ އެވެ. އަދި އެ ޓެކްނޮލޮޖީއަކީ ފޯނު ހަދާ ކުންފުނިތަކުން ކުރަން ޖެހޭނެ ކަމެއް ކަމަށް ބުނެފައިވެ އެވެ.

ޝިއޯމީގެ މީ އެއާ ޗާޖް އަދި ނެރޭނެ ސީދާ ދުވަހެއް އެކުންފުނިން ހާމަކޮށްފައެއް ނުވެ އެވެ.

comment ކޮމެންޓް