ގަމުން ކޮޅުފުށްޓަށް ދިޔަ ބަޔަކު ޕޮޒިޓިވް ވެއްޖެ

ލ. ގަން (ފޮޓޯ/ވިޒިޓް ލާމު/ފޭސްބުކް)

ލ. ގަމުގައި ތިބެ މ. ކޮޅުފުށްޓަށް ދިޔަ ތިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ގަމު ކައުންސިލުގެ ނައިބު ރައީސް އަހުމަދު ޝާހީން ރޭ "ސަން" އަށް ވިދާޅުވީ ޕޮޒިޓިވް ވެފައިވަނީ ކޮޅުފުށީން ގަމަށް ގޮސް، ގަމުން އެނބުރި ކޮޅުފުށްޓަށް ދިޔަ ބަޔަކު ކަމަށެވެ.

އެމީހުން ގަމަށް ގޮސްފައިވަނީ މި މަހުގެ 20 ހިސާބުގައި ކަމަށާއި ހަތަރު ވަރަކަށް ދުވަހު މަޑުކުރުމަށްފަހު އަނބުރާ ކޮޅުފުށްޓަށް ގޮސްފައިވާ ކަމަށް ޝާހީން ވިދާޅުވި އެވެ.

ކޮޅުފުށިން ޕޮޒިޓިވް ކޭސް އެއް ފެނި މިދިޔަ އާދިއްތަ ދުވަހު ވަނީ އެރަށް މޮނިޓަރިންއަށް ލާފަ އެވެ.

"އެމީހުން ގަމުން ރަށަށް ދިޔައީ އެރަށް މޮނިޓަރިންނަށް ލީ ދުވަހު. އެމީހުން ދިޔަ އިރު އަދި އެރަށް މޮނިޓަރިންނަށް ނުލާ. އެކަމު އެކަމު އެރަށަށް ދެވުން ފަހުން އެރަށް ވަނީ މޮނިޓަރިންނަށް ލާފައި،" ޝާހީން ވިދާޅުވިއެވެ.

އެމީހުންގެ ސާމްޕަލް ނެގުމަށްފަހު ނަތީޖާ ލިބިފައިވަނީ މިއަދު ކަމަށް ޝާހީން ވިދާޅުވިއެވެ. އަދި ޕޮޒިޓިވްވި މީހުން ކަރަންޓީނުގައި ތިބިކަމަށް އޭނާ ވިދާޅުވި އެވެ.

ޝާހީން ވިދާޅުވީ އެ ތިން މީހުން ގަމުގައި ތިބިއިރުވެސް ބަލީގެ އަލާމާތްތައް ފެނިފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެމީހުންގެ އެއްވެސް މައުލޫމާތެއް ޝާހީން ހިއްސާކޮށްފައެއް ނުވެ އެވެ.

އެ މައްސަލައާ ގުޅިގެން މިހާރު ގަމުގައި ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އެ ރަށް މޮނިޓަރިންނަށް އަދި ލާފައި ނުވާ ކަމަށް ޝާހީން ވިދާޅުވި އެވެ.

ރާއްޖެއިން ކޮވިޑްގެ 118 ކޭސް ވަނީ މިއަދު ފެނިފައެވެ. އޭގެތެރޭގައި މީހުން އުޅޭ ރަށްތަކުން ފެނިފައިވާ 20 ކޭސް ހިމެނެ އެވެ.

comment ކޮމެންޓް