ރަށްވެހިކަން ބަދަލުކުރާނަމަ ފެބްރުއަރީ އަށެއްގެ ކުރިން ނިންމަން އެދިއްޖެ

ޖެނުއަރި 26، 2021: ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ބާއްވާނެ ދުވަސް އިއުލާން ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެތެރެއިން ރަށްވެހިކަން ނުވަތަ އެޑްރެސް ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ އަށް ވަނަ ދުވަހުގެ ކުރީން ރަށްވެހިކަން ބަދަލުކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިލްތިމާސްކޮށްފި އެވެ.

މިދިއަ އެޕްރީލް ހަވަނަ ދުވަހު ބާއްވަން އުޅުނު އިންތިހާބު ލަސް ކުރީ ކޮވިޑްގެ ހާލަތާއި ގުޅިގެންނެވެ. ކައުންސިލް އިންތިހާބު ބާއްވަން މިހާރު އިލެކްޝްންސް ކޮމިޝަނުން އިއުލާނުކޮށްފައިވާ ތާރީހަކީ އެޕްރީލް 10 ވަނަ ދުވަހެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ އަންނަ މަހުގެ އަށް ވަނަ ދުވަހަށްފަހު ވޯޓުލާ މީހުންގެ ރެޖިސްޓްރޭޝަންއަށް އެއްވެސް ބަދަލެއް ނުގެނެވޭނެ ކަމަށެވެ.

އެހެންކަމުން ރަށްވެހިކަން ބަދަލުވެފައިވާ އަދި އެޑްރެސް ބަދަލުކޮށްފައިވާ ފަރާތްތައް ވޯޓުލާ މީހުންގެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅާ މުއްދަތުގައި ޝަކުވާ ހުށަހަޅައިގެން އިސްލާހު ކުރުމަށް އިލެކްޝަންސް އިން ވަނީ އެދިފައެވެ.

އިންތިހާބު ބޭއްވުމުގެ ތާރީހު ގާތްވަމުންދާތީ ކެނޑިޑޭޓުންގެ ނަން އަނބުރާ ގެންދެވޭނެ އެންމެ ފަހުގެ ތާރީހެއްވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތުން އަނބުރާ ގެންދިއުމުގެ ފަހު ފުރުސަތަކީ ފެބުރުއަރީ 11 ވަނަ ދުވަހުގެ 14:00 ކަމަށް އިލެކްޝަންސް އިން ބުނެއެވެ.

ކައުންސިލް އިންތިހާބުން 100 އަށްވުރެ ގިނަ ކެންޑިޑޭޓުން މިހާތަނަށް ވަނީ ނަން އަނބުރާ ގެންގޮސްފަ އެވެ.

comment ކޮމެންޓް