ނުރައްކާތެރި ކުންޏާއި ކެމިކަލް މެނޭޖްކުރާ ސިސްޓަމެއް ހަދަނީ

މާލެ ސިޓީ---ފޮޓޯ/ މުހައްމަދު އަފްރާޙް

މާލޭގައި ނުރައްކާތެރި ކުންޏާއި ކެމިކަލް މެނޭޖްކުރާ ސިސްޓަމް އެއް ތަރައްގީކުރުމުގެ ފީސިބިލިޓީ ސްޓަޑީ ހެދުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް އެންވަޔަރަންމެންޓް މިނިސްޓްރީއިން ހުޅުވާލައިފި އެވެ.

އެންވަޔަރަންމެންޓް މިނިސްޓްރީއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ މަސައްކަތަކީ މިނިސްޓްރީއިން ކުރިއަށް ގެންދާ 'އެލިމިނޭޓިންގ ޕަރސިސްޓަންޓް އޯގަނިކް ޕޮލިއުޓަންޓްސް ތްރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް' ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދިޔުމަށް ރާވާފައިވާ މަސައްކަތެއް ކަމަށެވެ.

އެހެންކަމުން އެ މަޝްރޫއުގެ ފީސިބިލިޓީ ސްޓަޑީ ހެދުމަށްޓަކައި ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ދައުވަތު އަރުވާކަމަށް މިނިސްޓްރީއިން ބުނެއެވެ.

މިނިސްޓްރީއިން ބުނެފައިވަނީ އެކަމަށް ޝައުގުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ގާބިލުކަން ސާބިތުކޮށްދިނުމުގެ މައުލޫމާތު ހުށަހަޅަން ޖެހޭނެ ކަމަށެވެ. އޭގެތެރޭގައި ތަޖުރިބާއާއި ތައުލީމީ ފެންވަރު ފަދަ ކަންތައްތައް ހިމެނޭކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން މިނިސްޓްރީގައި ރެޖިސްޓްރީ ކުރަން ޖެހެއެވެ. ރެޖިސްޓްރޭޝަން ކުރިއަށް ދާނީ އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށެވެ.

ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީހާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން،އީމެއިލް-އެޑްރެސް އަދިގުޅޭނެ ފޯނު ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީހުން ފެށިގެން 90 ދުވަސް އޮންނަންވާނެ ކަމަށް މިނިސްޓްރީއިން ބުނެއެވެ.

comment ކޮމެންޓް