ހަތަރު ރަށެއްގައި އެއާޕޯޓު އަޅައިދޭނެ ބަޔަކު ހޯދަނީ

މާފަރު އެއާޕޯޓަށް ދަތުރުތައް ފެށުން -- ސަން ފައިލް ފޮޓޯ

ހަތަރު ރަށެއްގައި އެއާޕޯޓު އަޅައިދޭނެ ބަޔަކު ހޯދަން އިއުލާނު ކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ރޭ ކުރި އިއުލާނެއްގައި ބުނީ ބ. ތުޅާދޫ އާއި ށ. ބިލަތްފަހި އަދި ތ.ވިލިފުއްޓާއި ހދ. މަކުނުދޫގައި އެއާޕޯޓު އެޅުމުގެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

މި މަސައްކަތާ ގުޅޭ ޓާމްސް އޮފް ރިފަރެންސް 31 ޖެނުއަރީ އިން ފެށިގެން ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ. އަދި އީއޯއައި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ދޭނެ ކަމަށްވެސް ފިނޭންސް އިން ބުންޏެވެ.

ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ފެބްރުއަރީ 15 ގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.

ފިނޭންސް އިން ބުނީ ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ކުރިން ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވައިދާއި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ ސިޔާސަތުތަކުގެ ދަށުން ރަޖިސްޓްރީވުމަށް ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވާ ކަން ޔަގީން ކުރަން ޖެހޭނެ ކަމަށެވެ.

ހަތަރު ރަށެއްގައި އެއާޕޓު އެޅުމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މިހާރުވެސް ގދ. ފަރެސްމާތޮޑާ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށް އެބަގެންދެއެވެ. ހއ. ހޯރަފުށީ އެއާޕޯޓު ނިންމައި މިދިޔަ އަހަރުގެ ފަހުކޮޅު ބޭނުން ކުރަން ފަށާފައިވާއިރު، ޅ މަޑިވަރުގައި އަމިއްލަ ފަރާތަކުން ތަރައްގީ ކުރި އެއާޕޯޓުގެެ މަސައްކަތް މިހާރު ވަނީ ގާތްގަނޑަކަށް ނިމިފަ އެވެ.

ސަރުކާރުގެ ސިޔާސަތަކީ މީހުން ދިރިއުޅޭ ރަށުން ފުރައިގެން 30 މިނެޓުން ދެވޭ ސަރަހައްދުތަކުގައި ވައިގެ ބަނދަރު ގާއިމް ކުރުމެވެ. ރާއްޖޭގައި މިހާރުވެސް 14 ޑޮމެސްޓިކް އެއާޕޯޓާއި ތިން ބައިނަލް އަގުވާމީ އެއާޕޯޓު ހިންގަ އެވެ.

ބ. ތުޅާދޫގައި އެއާޕޯޓެއް އަޅަން ނިންމި އިރު އެއަތޮޅު ދަރަވަންދޫ އެއާޕޯޓަކީ ރާއްޖޭގެ އެންމެ ބާރުބޮޑު ޑޮމެސްޓިކް އެއާޕޯޓެވެ. ހދ މަކުނުދޫ އަކީ އެކަހެރިކޮށް އޮންނަ ރަށަކަށް ވާއިރު އެރަށަށް ވައިގެ މަގުން ދެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ ކޮންމެ ސަރުކާރަކުންވެސް ވަމުން އަންނަ ވައުދެކެވެ. ށ. ފުނަދޫގައި އެއާޕޯޓެއް ހިންގާއިރު ތ. ތިމަރަފުށީގައިވެސް އެއާޕޯޓެއް އޮވެ އެވެ.

ހދ ހަނިމާދޫޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތްވެސް މިއަހަރު ފަށާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެ މަސައްކަތް ކުރިއަށް ގެންދަން ނިިންމާފައި ވަނީ އިންޑިއާ ސަރުކާރުގެ އެހީތެރިކަމާ އެކު އެވެ.

comment ކޮމެންޓް