އިންޑިއާއިން ގެނައި ކޮވިޑް ވެކްސިން ބޭނުން ކުރުމުގެ ހުއްދަ އެމްއެފްޑީއޭ އިން ދީފި

ޖެނުއަރީ 20، 2021: އިންޑިއާ އިން ރާއްޖެ އަށް ފޯރުކޮށްދޭ 100،000 ޑޯޒްގެ ވެކްސިން ރާއްޖެއަށް ގެނައުން: އެއާ އިންޑިއާގެ ފްލައިޓެއްގައި ރާއްޖެ މި ވެކްސިން ޑޯޒްތައް ރާއްޖެ ގެނައި އިރު މިއީ އޮކްސްފޯޑް އެސްޓްރަޒެނެކާގެ "ކޮވިޝީލްޑް" ވެކްސިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ އިން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިން ބޭނުން ކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދީފި އެވެ.

އެމްއެފްޑީއޭއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ކޮވިޝީލްޑް ވެކްސިން ބޭނުން ކުރުމުގެ ހުއްދަ މިމަހު 26 ވަނަ ދުވަހު ދީފައިވާނެ ކަމަށެވެ. އަދި ހުއްދަ ދީފައިވަނީ ހާލަތަށް ރިއާޔަތްކޮށް ހަމަ އެކަނި އެމަޖެންސީ ހާލަތުގައި ބޭނުން ކުރުމަށް ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ރާއްޖޭގައި އެ ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދީފައިވަނީ އެކަމުގައި ބަލަންޖެހޭ ޓެކްނިކަލް ކަންކަން ބަލާ ދިރާސާކުރުމަށް ފަހު އެ އޮތޯރިޓީގެ ފަންނީ ލަފާދޭ ނެޝަނަލް ފާމަސޫޓިކަލް ބޯޑުގެ ލަފަޔާއެކު ކަމަށް އެމްއެފްޑީއޭގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ކޮވިޝީލްޑް ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ދިނުމުގެ ކުރިން އޮކްސްފޯޑް އެކްސްޓްރާ ޒެނަކާ ވެކްސިނާއި ކޮވިޝީލްޑް ބްރޭޑްގެ ވެކްސިނާއި ގުޅޭގޮތުން އެކި ގައުމުތަކުގެ އިތުބާރު ހިފޭ އިދާރާތަކުން ހިއްސާކޮށްފައިވާ ލިޔެކިޔުންތައް ދިރާސާކޮށްފައިވާނެ ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ. އަދި އެ ބެލި ބެލުމުން އެ ދެ ވެކްސިނަކީވެސް އެއް ކޮމްޕޮޒިޝަން އަދި ފޯމިއުލޭޝަނެއްގެ މައްޗަށް ބިނާކޮށް އެފައްދާފައިވާ އެއްޗެއްކަން ޔަގީން ކުރެވުނު ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ.

"ކޮވިޝީލްޑް ބްރޭންޑްގެ ވެކްސިނަށް ހުއްދަ ދޫކޮށްފައިވަނީ ކޮވިޑް 19 ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް އުމުރުން 18 އަހަރުން މަތީގެ މީހުން ބޭނުން ކުރުމަށް. އަދި މި ވެކްސިން މާބަނޑު މީހުން ބޭނުންކުރުމުގެ ހުއްދަ ދެވިފައެއް ނުވޭ." އެމްއެފްޑީއޭގެ ބަޔާނުގައި ބުނެފައިވެ އެވެ.

އާންމުކޮށް ކޮންމެ ވެކްސިނަކީވެސް އެ ބޭނުން ކުރުމުން ރިއެކްޝަންތަކެއް އަންނާނެ ވެކްސިނެއް ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ. އެހެންކަމުން ކޮވިޝީލްޑް ވެކްސިން މީހުންނަށް ދިނުމުން ދިމާވެދާނެ ކަންކަން އެ އޮތޯރިޓީއާއި ހެލްތް މިނިސްޓްރީ އަދި އެޗްޕީއޭއިން މޮނިޓަކުރަމުން ދާނެ ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.

comment ކޮމެންޓް