ސިންގަޕޫރުގައި މުސްލިމުންނަށް ހަމަލާ ދޭން ރޭވި ކުއްޖަކު ހައްޔަރުކޮށްފި

ސިންގަޕޫރުން ހައްޔަރު ކުރި ކުއްޖާ ހަމަލާ ދޭން ރޭވި އެއް މިސްކިތް --

ސިންގަޕޫރު (ޖެނުއަރީ 28): ސިންގަޕޫރުގައި ދެ މިސްކިތަކަށް ވަދެ، މުސްލިމުންނަށް ހަމަލާ ދޭން ރޭވި 16 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފައިވާ ކަމަށް އެގައުމުގެ ސަރުކާރުން އިއްޔެ ބުނެފި އެވެ.

ސިންގަޕޫރުގެ މިނިސްޓްރީ އޮފް ހޯމް އެފެއާސް (އެމްއޯއެޗްއޭ)އިން ނެރުނު ބަޔާނެއްގައިވާ ގޮތުން އެގައުމުން ހައްޔަރުކޮށްފައި ވަނީ ނިއު ޒިލެންޑުގެ ކްރައިސްޓްޗާޗުގައި 2019 ވަނަ އަހަރު ދެ މިސްކިތަކަށް ދިން ހަމަލާއާ އެއްގޮތް ހަމަލާއެއް ދޭން ރޭވި 16 އަހަރުގެ ދަރިވަރެކެވެ. އަދި މިދިޔަ މަހު އޭނާ ހައްޔަރު ކުރީ އެގައުމުގެ އިންޓާނަލް ސެކިއުރިޓީ އެކްޓް (އައިއެސްއޭ)ގެ ދަށުންނެވެ.

އެ ގާނޫނުގެ ދަށުން ޝަރީއަތަކާ ނުލައި މީހުން ހައްޔަރުކޮށްފައި ބޭތިއްބޭނެ އެވެ.

"އެ ސެކަންޑަރީ ސްކޫލު ދަރިވަރު ސިންގަޕޫރުގެ ދެ މިސްކިތެއްގައި މުސްލިމުންނަށް ވަޅިއަކުން ހަމަލާ ދޭން ރާވާ، އެކަމަށް ތައްޔާރުވިކަން އަޅުގަނޑުމެންނަށް ވަނީ އެނގިފައި،" އެމްއޯއެޗްއޭއިން ބުންޏެވެ.

އެ މިނިސްޓްރީގެ ބަޔާނުގައިވާ ގޮތުން އެކުއްޖާ ހަމަލާ ދޭން ރޭވީ މި އަހަރުގެ މާޗް 15އިގައި، ކްރައިސްޓްޗާޗް ހަމަލާއަށް ދެ އަހަރު ފުރޭ ދުވަހު އެވެ. އަދި އޭނާ ފުރަތަމަ ހަމަލާ ދޭން އުޅުނީ ބަޑިއަކުން ކަމަށާއި ނަމަވެސް އެގައުމުގައި ބަޑި ހޯދުމާ ގުޅުން ހުރި ގާނޫނުތައް ހަރުކަށި ވުމުން، އޭނާއަށް ބަޑިއެއް ނުހޯދިދާނެތީ ވަޅިއެއް ބޭނުން ކުރަން ނިންމީ އެވެ.

އެމްއޯއެޗްއޭއިން ބުނި ގޮތުގައި އޭނާ ހަމަލާ ދޭން ރޭވީ "އިސްލާމް ދީނަށް ނަފްރަތު ކުރާތީ އާއި ހަމަނުޖެހުމަށް ޝައުގު އުފެދިފައިވުމުގެ" ސަބަބުންނެވެ. އަދި އޭނާ "އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ވީޑިއޯތައް ބަލާ، އެއީ އިސްލާމް ދީން ތަމްސީލުކޮށްދޭ ޖަމާއަތެއް ކަމަށް ގަބޫލު ކުރަން ފެށި ކަމަށާއި އިސްލާމް ދީނުން އެހެން ދީންތަކުގެ މީހުން މަރަން އަންގާ ކަމަށް އޭނާ ގަބޫލު ކުރި" ކަމަށް އެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން އެ ހަމަލާ ލައިވްސްޓްރީމް ކުރަންވެސް އެ ކުއްޖާ ރޭވި ކަމަށާއި އޭނާ ހުރީ ހަމަލާގެ ތެރޭގައި މަރުވާންވެސް ތައްޔާރަށް ކަމަށް ހޯމް އެފެއާސް މިނިސްޓްރީން ބުންޏެވެ.

ސިންގަޕޫރުން ބުނި ގޮތުގައި އެއީ އައިއެސްއޭގެ ދަށުން ހައްޔަރު ކުރި އެންމެ ކުޑަ ކުއްޖާ އެވެ. އަދި އޭނާއަށް ދެން "ދީނީ، ނަފްސާނީ އަދި އިޖުތިމާއީ ރިހެބިލިޓޭޝަން" ފޯރުކޮށްދޭނެ އެވެ.

comment ކޮމެންޓް