އެެމެރިކާއިން ސައުދީ އާއި ޔޫއޭއީއަށް ހަތިޔާރު ވިއްކުން މެދުކަނޑާލައިފި

އެމެރިކާގެ އާ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން -- ފޮޓޯ: ރޮއިޓާސް

ވޮޝިންޓަން (ޖެނުއަރީ 28): އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގައި ހަދާފައިވާ އެއްބަސްވުންތަކުގެ ދަށުން ސައުދީ އަރަބިއާ އާއި ޔުނައިޓެޑް އެމިރޭޓްސް (ޔޫއޭއީ)އަށް ހަތިޔާރު ވިއްކުން މިހާރު އެގައުމުގައި އޮތް ސަރުކާރުން މެދުކަނޑާލައިފި އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ވިދާޅުވި ގޮތުގައި ހަތިޔާރު ވިއްކުމާ ބެހޭ ގޮތުން ހަދާފައިވާ އެއްބަސްވުންތައް ރިވިއު ކުރުމަކީ ކޮންމެ އާ ސަރުކާރަކުން ވެސް ކުރާ ކަމެކެވެ. އަދި އޭގެ މަގުސަދަކީ އެ އެއްބަސްވުންތަކަކީ "އެމެރިކާގެ ސްޓްރެޓީޖިކް އަމާޒުތަކާއި ހާރިޖީ ސިޔާސަތު ކުރިއެރުވޭ ފަދަ އެއްބަސްވުންތަކެއް ކަން" ކަށަވަރު ކުރުން ކަމަށް ބްލިންކެން ވިދާޅުވި އެވެ.

އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕް ވަނީ ސައުދީ އާއި ޔޫއޭއީއާ އެކު ގާތް ގުޅުމެއް ބާއްވަވާފަ އެވެ. އަދި އެ ދެ ގައުމަށް އެތައް ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަން އެއްބަސްވުންތައް ހައްދަވާފަ އެވެ. އެގޮތުން ސައުދީ އާއި ޔޫއޭއީ އާއި އުރުދުންއަށް އަށް ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުން އަވަސް ކުރުމަށާއި ކޮންގްރެސްގެ ހުއްދައާ ނުލައި އެކަން ކުރުމަށް މެއި 2019ގައި ގައުމީ އެމާޖެންސީއެއްވެސް އިއުލާން ކުރެއްވި އެވެ.

މީގެ އިތުރުން ޔޫއޭއީ އިން އިސްރާއީލާ ގުޅުން ގާއިމު ކުރަން ނިންމިކަން މިދިޔަ އަހަރު އިއުލާން ކުރި ފަހުން، ޓްރަމްޕްގެ ސަރުކާރުން އެގައުމަށް 23 ބިލިއަން ޑޮލަރުގެ ފައިޓާ ޖެޓާއި ޑްރޯންސް ފަދަ އެޑްވާންސްޑް ހަތިޔާރު ވިއްކަން ނިންމިކަން މިދިޔަ ނޮވެމްބަރު މަހު އިއުލާން ކުރި އެވެ. އަދި ސައުދީއަށް އިތުރު 290 މިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަން މިދިޔަ މަހުގެ ފަހުކޮޅު އެ ސަރުކާރުން ހުއްދަ ދިނެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ވަނީ އެމެރިކާއިން ސައުދީ އާއި ޔޫއޭއީއަށް ހަތިޔާރު ވިއްކުން ކުށްވެރިކޮށްފަ އެވެ. އަދި އޭގެ ސަބަބުން މެދުއިރުމަތީގައި ސަރަހައްދީ ހަމަނުޖެހުންތައް ހޫނުވެ، ޔަމަނާއި ލީބިޔާ ފަދަ ގައުމުތަކުގައި ހިނގަމުންދާ ހަނގުރާމަތަކުން ލިބެމުންދާ ގެއްލުންތައް އިތުރުވާކަން ފާހަގަކޮށްފަ އެވެ.

އެމެރިކާގެ ކޮންގްރެސްގެ ތިރީގޭގެ މެމްބަރުންވެސް އެ ހަތިޔާރު ވިއްކުމުގެ އެއްބަސްވުންތައް ހުއްޓުވަން މަސައްކަތް ކުރި އެވެ. ނަމަވެސް މީގެ ކުރިން ރިޕަބްލިކަން ޕާޓީގެ އަގުލަބިއްޔަތު އޮތް ސެނެޓުން އެފަދަ ބިލެއް ފާސްވާ ގޮތެއް ނުވި އެވެ. އަދި ސެނެޓުން ފާސް ކުރި ނަމަވެސް އެފަދަ ބިލެއް ވީޓޯ ކުރައްވާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވި އެވެ.

comment ކޮމެންޓް