500 އާއިލާ ރަށަށް ބަދަލުވުމަށް ސަރުކާރުން އެހީ ދެނީ

އޭޕްރީލް 15، 2020: ކޮވިޑް19 ޖެހިފައިވާ މީހަކު މާލެއިން ފެނުމާ ގުޅިގެން، 24 ގަޑިއިރަށް މާލެ ސަރަހައްދު ބަންދުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގައި ދިރިއުޅޭ އާއިލާތަކުގެ ތެރެއިން ރަށަށް ބަދަލުވާން ބޭނުންވާ 500 އާއިލާއަށް އެހީތެރިކަން ފޯރުކޮށްދޭން ސަރުކާރުން ހާއްސަ ޕްރޮގްރާމެއް ފަށަން ނިންމައިފި އެވެ.

ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ އޭނާގެ ފޭސްބުކްގައި މިއަދު ވިދާޅުވީ، މާލޭގައި ދިރިއުޅެން ދަތިވެފައިވާ މީހުންނަށް އަލުން އަނބުރާ ރަށަށް ދިރިއުޅުން ބޭނުން ނަމަ ސަރުކާރުން އެކަމަށް އެހީ ދޭން ނިންމާފައިވާ ކަމަށެވެ. އަދި އެގޮތަށް ދިރިއުޅުން ބަދަލު ކުރަން ބޭނުންވާ މީހުން، އެ މިނިސްޓްރީގެ ނަމްބަރު 1421އަށް ގުޅުމަށް އޭނާ އެދިވަޑައިގަތެވެ.

ޖެންޑާ މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު އިބްރާހިމް މުހައްމަދު "ސަން"އަށް ވިދާޅުވީ، ރަށަށް ބަދަލުވާން އެހީ ދޭނީ 500 އާއިލާއަށް ކަމަށެވެ. އަދި އެ މީހުން ރަށަށް ބަދަލު ކުރުމަށް އެހީވުމުގެ ޕްރޮގްރާމަށް އަހަރެއްގެ މައްޗަށް 26.7 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭ ކަމަށް ވިދާޅުވި އެވެ.

އެ ޕްރޮގްރާމުގެ ދަށުން އެހީ ހޯދަން ހުށަހަޅާ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުން ހޮވާނީ އެކި މިނިސްޓްރީތަކުގެ ބޭފުޅުން ހިމެނޭ ކޮމިޓީއަކުންނެވެ. އެކޮމިޓީއިން ޝަރުތު ހަމަވޭތޯ ބަލާއިރު ކުރިމަތިލާ މީހުންގެ ދިރިއުޅުމުގެ ހާލާތާއި އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތަކާއި އާއިލާގެ މެމްބަރުން އަދަދާއި ދިރިއުޅެމުންދާ ތަނުގެ ހާލަތަށްވެސް ބަލާނެ އެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުން ތިބިތޯވެސް ބަލާނެ އެވެ.

އާއިލާއެއް ދިރިއުޅޭނެ ތަނެއް ރަށުގައި ހުރި ނަމަ އެތަން ދިރިއުޅޭ ފެންވަރަށް ގެނައުމަށް ސަރުކާރުން އެހީވާނެ ކަމަށް އިބްރާހިމް ވިދާޅުވި އެވެ. އެގޮތަށް އެހީ ވާން ނިންމާފައި ވަނީ އިންޓްރެސްޓަކާ ނުލައި ލޯނު ދޫކޮށްގެންނެވެ. އެގޮތުން، ގެދޮރު މަރާމާތު ކުރުމަށް އަދި ގޭތެރޭގެ ފަރުނީޗަރު ފަދަ އެއްޗެހި ގަތުމަށް 20000 ރުފިޔާއަށްވުރެ މަތި ނޫން އަގެއްގައި ލޯން ދޫކުރަން ނިންމާފައިވާ ކަމަށް އިބްރާހިމް ވިދާޅުވި އެވެ.

އެ ލޯނު ދޫކުރަނީ އެއް އަހަރުގެ ގްރޭސް ޕީރިއަޑަކާއެކު ތިން އަހަރު ދުވަހުގެ ތެރޭ ދައްކާގޮތަށެވެ. އަދި 3 އަހަރު ފަހުން ދައްކާނަމަ ފަސް ޕަސެންޓު އިންޓްރެސްޓު އަރާ ގޮތަށް ލޯނު ދެއްކުމުގެ މުއްދަތު ތިން އަހަރަށް އިތުރުކޮށްދޭނެ އެވެ.

ހަ މަސް ދުވަހުގެ މުއްދަތަށް ކޮންމެ އާއިލާއަކަށް ފައިސާގެ އިނާޔަތް ދޭންވެސް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ފައިސާ އެވެ. ކަރަންޓާއި ފެން އަދި ނަރުދަމާއަށްވެސް، ސަރަހަށްދަށް ބަލައި، ކަނޑައެޅޭ ރޭޓަކުން އެހީ ފޯރުކޮށްދޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އަދި އަމިއްލަ ވިޔަފާރިތައް ފަށަން ބޭނުންވާ ފަރާތްތަކަށް ބޭންކު މެދުވެރިކޮށް ލޯނު ހަމަޖައްސަންވެސް އެހީވާނެ ކަމަށް ވިދާޅުވި އެވެ.

އޭގެ އިތުރުން މާލޭގައި ސިވިލް ސާވިސް ވަޒީފާ އަދާ ކުރާ މީހުންނަށް ރަށަށް ބަދަލުވުމުން ރަށުން ސިވިލް ސާވިސް ވަޒީފާ ހަމަޖައްސައިދިނުމަށްވެސް މަސައްކަތް ކުރާނެ ކަމަށް އިބްރާހިމް ވިދާޅުވި އެވެ.

އާއިލާގައި ސިއްހީ ހާއްސަ އެހީ ބޭނުންވާ ފަރާތެއް ހުރި ނަމަ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ މެދުވެރިކޮށް އެހީ ފޯރުކޮށްދެވޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ޖެންޑާ މިނިސްޓްރީއިން މިހާރު ދަނީ ރަށަށް ބަދަލުވާން އެހީވުމާ ގުޅޭ އުސޫލެއް އެކުލަވާލައި ގެޒެޓު ކުރުމަށް މަސައްކަތް ކުރަމުންނެވެ.

ކޮވިޑް-19އާ ހެދި އާންމުދަނީއަށް ބުރޫ އަރައި މިހާރުވެސް ބައެއް އާއިލާތަކުން ވަނީ މާލެއިން އަމިއްލައަށް ރަަށަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ.

comment ކޮމެންޓް