އޭންޓް ގުރޫޕުގެ ހިއްސާ ވިއްކަން ޗައިނާއިން ހުއްދަ ދޭނެ ކަމުގެ އިޝާރާތެއް

ޗައިނާގެ ބިލިއަނަރު ޖެކް މާ -- ފޮޓޯ: ގެޓީ

ބެއިޖިން (ޖެނުއަރީ 27): ޗައިނާގެ ބިލިއަނަރު ޖެކް މާގެ ފައިނޭންޝަލް ޓެކްނޮލޮޖީ ކުންފުނި ކަމަށްވާ އޭންޓް ގުރޫޕްގެ ހިއްސާ އާއްމުންނަށް ވިއްކުމަށް އެގައުމުން ހުއްދަ ދޭނެ ކަމުގެ އިޝާރާތެއް ޗައިނާގެ ސެންޓްރަލް ބޭންކުގެ ގަވަރުނަރު ދެއްވައިފި އެވެ.

އޭންޓް ގުރޫޕުގެ ހިއްސާ ޝަންހާއީ އާއި ހޮންކޮންގްގެ ހިއްސާގެ ބާޒާރުގައި ވިއްކަން އެ ކުންފުނިން މިދިޔަ ނޮވެމްބަރު މަހު ތައްޔާރުވި ނަމަވެސް ޗައިނާގެ ފައިނޭންޝަލް ރެގިއުލޭޓަރުން އެ މަސައްކަތް ހުއްޓުވި އެވެ. އަދި އޭންޓްގެ ބޭންކިން ހިދުމަތުގެ ގަވާއިދުތައް ހަރުކަށި ކުރުމަށާއި އެ ކުންފުނީގެ އޮޕަރޭޝަންތަކަށް ބަދަލު ގެނައުމަށް ސެންޓްރަލް ބޭންކުން އެންގި އެވެ.

އޭންޓްގެ އިނީޝަލް ޕަބްލިކް އޮފަރިން (އައިޕީއޯ) ހުއްޓުވި ސީދާ ސަބަބެއް ރެގިއުލޭޓަރުން ހާމަ ނުކުރެ އެވެ. ނަމަވެސް ޗައިނާގެ ދައުލަތުގެ މީޑިއާއިން ބުނި ގޮތުގައި ބޮޑެތި ޓެކްލޮނޮޖީ ކުންފުނިތަކުން ފައިނޭންސްއާ ގުޅުން ހުރި ދާއިރާތަކުގައި ބައިވެރިވުމަކީ ހަމަހަމަ ވާދަވެރިކަމާއި ޒާތީ މައުލޫމާތުގެ ރައްކާތެރިކަމާ ބެހޭ ގޮތުން ކަންބޮޑުވުން އުފެދޭ ކަމެކެވެ. އަދި އޭންޓްގެ އައިޕީއޯ އޭރު ހުއްޓުވުމަކީ ކޮންމެހެން ކުރަން ޖެހުނު ކަމެކެވެ.

ޗައިނާގެ ސެންޓްރަލް ބޭންކުގެ ގަވަރުނަރު ގަންގް ޔީ ވިދާޅުވި ގޮތުގައި އޭންޓް ގުރޫޕުގެ މައްސަލައަކީ ވަރަށް ގިނަ ކަންތައްތަކާ ގުޅިފައިވާ މައްސަލައެކެވެ. ނަމަވެސް އެ ކުންފުނިން ގާނޫނުތަކާ އެއްގޮތަށް އަމަލު ކުރާ ނަމަ ހިއްސާ ވިއްކުމަށް އަނެއްކާވެސް ޖާގަ ދެވޭނެ ކަމަށް ދޭހަވާ ގޮތަށް ޔީ ވާހަކަ ދެއްކެވި އެވެ.

"ގާނޫނީ ހަމަތަކާ އެއްގޮތަށް އަމަލު ކުރުމުން ނަތީޖާ ފެނިގެންދާނެ،" ޔީ ވިދާޅުވި އެވެ.

އޭންޓް ގްރޫޕަކީ ޗައިނާގެ އެންމެ ބޮޑު އެއް އޮންލައިން ޕޭމެންޓް ނިޒާމު ކަމަށްވާ އަލީޕޭ ހިންގާ ކުންފުންޏެވެ. އަދި އެ ކުންފުންޏަށް 2019 ވަނަ އަހަރު 2.7 ބިލިއަން ޑޮލަރުގެ މަންފާ ލިބިފައިވެ އެވެ.

ޗައިނާގެ ރެގިއުލޭޓަރުން އޭންޓް ގުރޫޕާ ދެކޮޅަށް ފިޔަވަޅު އެޅި ފަހުން މާ ގެއްލިފައިވާ ކަމުގެ ތުހުމަތުތައް މިމަހުގެ ކުރީކޮޅު ފެންމަތިވި އެވެ. ނަމަވެސް މިދިޔަ ބުދަ ދުވަހު އޭނާ ޗެރިޓީ އިވެންޓެއްގައި އޮންލައިންކޮށް ބައިވެރިވި އެވެ.

comment ކޮމެންޓް