އެސްޓީއޯ ހޮޓާ ހިންގަން ބަޔަކު ހޯދަން އަނެއްކާ ހުޅުވާލައިފި

ހުޅުމާލޭގައި އެސްޓީއޯއިން ހަދަމުން އަންނަ ހޮޓަލުގެ އިމާރާތް --- ސަން ފައިލް ފޮޓޯ

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އެސްޓީއޯ އިން ތަރައްގީ ކުރަން ފަށާފައިވާ ހޮޓާ ހިންގަން ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފައިވާތީ، އެތަން ހިންގަން އިތުރު ބަޔަކު ޝައުގުވެރިވޭތޯ ބަލަން އިއުލާނު ކޮށްފިއެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރި އިއުލާނެއްގައި ބުނީ ހުޅުމާލޭގައި ތަރައްގީ ކުރަން ފަށާފައި ހުރި ހޮޓެލް ހިންގުމަށް ބަޔަކު ޝައުގުވެރިކަން ފާޅުކޮށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓު ހުށަހަޅާފައިވާ ކަމަށެވެ. އެތަން ހިންގުމަށް އިތުރު ބަޔަކު ޝައުގުވެރިވޭތޯ ބަލަނީ، ހަމަހަމަ ފުރުސަތުތައް ދިނުމަށް ކަމަށެވެ.

އަދި ޝައުގުވެރިކަން ހުރި ފަރާތްތަކަށް އީއޯއައި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށް އެޗްޑީސީ އިން ބުންޏެވެ.

ރެޑިސަން ބްލޫގެ ދަށުން ހިންގުމަށް އެސްޓީއޯއިން ހުޅުމާލޭގައި ތަރައްގީކުރަމުން ދިޔަ ހޮޓެލް ގަންނާނެ ނުވަތަ އެ ހޮޓަލަށް އިންވެސްޓް ކުރާނެ ބަޔަކު ހޯދަން މީގެ ކުރިން ވަނީ އިއުލާނުވެސް ކޮށްފައެވެ.

ޖުމްލަ 250 ކޮޓަރިއާއެކު ފަސް ތަރީގެ ފެންވަރަށް ހޮޓަލެއް އެޅުމުގެ މަސައްކަތް އެސްޓީއޯއިން ފެށީ 2011 ވަނަ އަހަރުއެވެ. އެ ހޮޓެލް އިމާރާތުގެ އޮނިގަނޑުގެ ބޮޑުބައި ނިމިފައި އޮތް ނަމަވެސް އިތުރު މަސައްކަތެއް ނުކޮށް ހޮޓަލުގެ މަސައްކަތް މަޑުޖެހިފައި އޮންނަތާ އަހަރުތަކެއް ވެއްޖެއެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އެޗްޑީސީގެ އެމްޑީ ސުހައިލް އަހުމަދު ދާދިފަހުން ވިދާޅުވީ އެސްޓީއޯއާއެކު އެއްބަސްވުމެއް އޮތީ ސިޓީ ހޮޓާ ގަންނާނެ ފަރާތެއް ހޯދުމުގެ ބާރު އެޗްޑީސީއަށް ވެސް ލިބޭ ގޮތަށް ކަމަށާއި ސިޓީ ހޮޓާ އޮޕަރޭޝަނަށް ގެނެސް ހިންގާނެ ބަޔަކު ނުވެއްޖެނަމަ އެ އިމާރާތުގައި އެހެން ބޭނުމެއް ކުރާނެ ކަމަށެވެ.

comment ކޮމެންޓް