އުސޫލު އޮތީ ކެމްޕެއިނަށް ދާއިރު 10 ދުވަހު ކަރަންޓީނުވާން ޖެހޭގޮތަށް

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ލޯންޗު ކުރަން އެމްޑީޕީއިން ބޭއްވި އިވެންޓެއްގެ ތެރެއިން — ސަންފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19 ގެ ހާލަތުގައި ލޯކަލް ކައުންސިލް އިންތިހާބު ބާއްވާއިރު އަމަލުކުރާނެ ގޮތް ބަޔާންކޮށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލާފައިވާ އުސޫލުގެ ޑްރާފްޓުގައި ކެމްޕޭނަށް ރަށްރަށަށް ދާ މީހުން 10 ދުވަހު ކަރަންޓީނު ވާން ޖެހޭ ގޮތަށް ހިމަނާފައިވާކަން ހާމަވެއްޖެ އެވެ.

އެ އުސޫލުގައި ލޯކަލް ކައުންސިލް އިންތިހާބުގައި އިލެކްޝަންސް ކޮމިޝަނުން އަމަލު ކުރާނެ ގޮތާއި ތާއީދު ހޯދުމަށް ކެންޑިޑޭޓުން އަމަލުކުރާނެ ގޮތް ބަޔާންކޮށްފައިވެ އެވެ. އެޗްޕީއޭއިން އަދި އެ އުސޫލު އާންމެއް ނުކުރެ އެވެ.

"ސަން" އަށް ލިބިފައިވާ އެ އުސޫލުގައި ބުނެފައިވާ ގޮތުން ކެންޑިޑޭޓުން ތާއީދު ހޯދުމަށް އެއްރަށުން އަނެއް ރަށަށް ދަތުރުކުރާނަމަ އެޗްޕީއޭއިން އެކުލަވާލާފައިވާ ކަރަންޓީނު ކުރުމުގެ އުސޫލަށް އަމަަލު ކުރަން ޖެހޭނެ އެވެ. އަދި މޮނިޓަރިންގެ ހާލަތުގައި ވާ ރަށެއްގައި ސިޔާސީ ހަރަކާތް ހިންގުމަށް ގޭގެއަށް ޒިޔާރަތްކޮށްގެން ނުވާނެ ކަމަށް ބުނެފައިވެ އެވެ.

"ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދިއުމަށްޓަކައި ގޭގެއަށް ޒިޔާރަތްކުރާއިރު ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ދެ މީހުންނަށްވުރެ ގިނަ މީހުން ނުދިޔުން. އަދި މިގޮތަށް ގޭގެއަށް ޒިޔާރަތްކުރާއިރު ރައްކާތެރި ކަމުގެ ގޮތުން މާސްކް އެޅުން. އަތާ އަތްޖޯޑުކޮށް ސަލާމް ނުކުރުން. މަދުވެގެން ތިން ފޫޓު ދުރުމިން ބެހެއްޓުން." އުސޫލުގައި ބުނެފައިވެ އެވެ.

އެޗްޕީއޭގެ ގައިޑްލައިންގައި އިލްތިމާސްކޮށްފައި ވަނީ ގޭގެއަށް ޒިޔާރަތްކޮށްގެން ކެމްޕެއިން ކުރުމުގެ ބަދަލުގައި އޮންލައިން ޕްލެޓް ފޯމް ހިޔާރުކުރާށެވެ. އަދި ކެމްޕެއިން ޖަލްސާތައް ވާޗުއަލްކޮށް ބޭއްވުމަށްވެސް އުސޫލުގައި އެޗްޕީއޭއިން އިލްތިމާސް ކުރެ އެވެ.

ކޮވިޑް ޕޮޒިޓިވް މީހުން ވޯޓުލާން ދާން ހާއްސަ ވެހިކަލެއް

ވޯޓުލާ ދުވަހު ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާ މީހުންނާއި އެމީހުންނާ ކޮންޓެކްޓް ވެފައިވާ ފަރާތްތައް އަދި ކޮވިޑްގެ އަލާމާތްތައް ހުންނަ ފަރާތްތައް ވޯޓުލުމަށް ހާއްސަ ވެހިކަލެއް އިންތިޒާމު ކުރަން ޖެހޭނެ ކަމަށް އުސޫލުގައި ވަނީ ބުނެފަ އެވެ. އަދި އެމީހުން ގެނެސް ގެންގޮސް ހަދަން ވާނީ ރައްކާތެރި ކަމުގެ ފިޔަވަޅު އަޅައިގެން ކަމަށް އުސޫލުގައި ވަނީ ބުނެފަ އެވެ.

އެމީހުން ވޯޓުލާން ވަކި ގަޑިއެއް ހާއްސަ ކުރުމަށްވެސް އުސޫލުގައި ބުނެފައިވެ އެވެ. އަދި އެމީހުން ވޯޓުލާން ދާއިރު އެއްވެސް ގޮތަކަށް ޕަބްލިކް ޓްރާންސްޕޯޓް ބޭނުންކޮށްގެން ނުވާނެ ކަމަށް ބުނެފައިވެ އެވެ.

ކޮވިޑްގެ އެއްވެސް ކަހަލަ އަލާމާތެއް ނެތް މީހުންވެސް ވޯޓުލާން ގޮސް ތިބެން ވާނީ ތިން ފޫޓު ދުރުގައި ސަފު ހަދައިގެން ކަމަށް އެ އުސޫލުގައި ބުނެފައި ވެ އެވެ. އަބަދުވެސް މާސްކް އަޅައިގެން ތިބުމާއި ސެނިޓައިޒާއިން އަތް ސާފުކުރުމަށް އުސޫލުގައި ވަނީ ބުނެފަ އެވެ.

ވޯޓުލާ މަރުކަޒުވެސް ހުންނަން ޖެހޭނީ އެ އުސޫލުގައި ބުނާ ގޮތަށް ތައްޔާރުކޮށްފައި ކަމަށް ބުނެފައިވެ އެވެ. އެގޮތުން ތަނަށް ވަންނަ ދޮރު ކައިރީގައި ސެނިޓައިޒާ ބެހެއްޓުމާއި އެ ބޭނުން ކުރަން އިރުޝަދު ދިނުން، މަދުވެގެން ތިން ފޫޓު ދުރުމިނުގައި ގޮނޑިތައް އަތުރާފައި ހުރުން، ހޯލުގައި ވައި ދައުރު ވާނޭހެން ދޮރުތައް ހުޅުވާފައި ބެހެއްޓުން ހިމެނެ އެވެ.

އޭގެ އިތުރުން މާލެއާއި އަތޮޅު ތެރެއިން އިންތިހާބުގެ މަސައްކަތް ކުރުމަށް މީހުން ނަގާއިރު އެރަށެއްގައި ތިބެގެން މަސައްކަތް ކުރެވޭނެ ފަރާތްތައްކަށް އިސްކަން ދިނުމަށް އުސޫލުގައި ވަނީ ބުނެފަ އެވެ. އަދި އެފަރާތްތަކަށް ތަމްރީނުތައް ހިންގަނަ ވާނީ އޮންލައިންކޮށް ކަމަށްވެސް ބުނެފައިވެ އެވެ. އިންތިހާބުގެ ބޭނުމަށް ރަށަކަށް ދާ އޮފިޝަލުންވެސް ކަރަންޓީނުގެ އުސޫލާ އެއްގޮތަށް ކަރަންޓީނު ވާނެ ޖެހެ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން 5 ދުވަހަށްވުރެ ކުރު މުއްދަތަކަށް ރަށަކަށް ދާން ބޭނުންވާ ނަމަ އެޗްޕީއޭއަށް ލިޔެ ހުއްދަ ހޯދަން ޖެހޭގޮތަށްވެސް އުސޫލުގައި ވަނީ ބަޔާންކޮށްފަ އެވެ.

ރިޒޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެ ރިސޯޓެއްގައި ވޯޓު ލެވޭނޭ އިންތިޒާމު ހަމަޖެއްސުމަށްވެސް އުސޫލުގައި ވަނީ ބުނެފަ އެވެ.

ލޯކަލް ކައުންސިލު އިންތިހާބުގައި އަމަލު ކުރާނެ ގޮތުގެ ހާއްސަ ގާނޫނުގައި ވާގޮތުން އެޗްޕީއޭއަށް ގައިޑްލައިން އާންމު ކުރަން ހަފްތާއެއް ލިބޭނެ އެވެ.

comment ކޮމެންޓް