އިންސާފު ކޮބައިތޯ އަހަން އިދިކޮޅުން މުޅި ރާއްޖޭގައި މުޒާހަރާ ކުރަނީ

އިދިކޮޅުން ބޭއްވި މުޒާހަރާއެއްގެ ތެރެއިން -- ފޮޓޯ/ ޕީޕީއެމް

އިންސާފު ކޮބައިތޯ އަހަން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މުޅި ރައްޖޭގައި މުޒާހަރާއެއް ބޭއްވުމަށް ނިންމައިފި އެވެ.

އިދިކޮޅު ކޯލިޝަނުން މުޒާހަރާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު އެވެ.

އެ ކޯލިޝަނުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވީ، ސީދާ ހަރަކާތައް ނުކުތުމަށް އެ ކޯލިޝަންގެ ފަރާތުން ގަރާރެއް ފާސްކޮށްފައިވާނެ ކަމަށާއި އެ ހަރަކާތްތައް މުޅި ރާއްޖެއަށް ފުޅާކުރަންވެސް ނިންމާފައިވާ ކަމަށެވެ. އެގޮތުން އަންނަ ހުކުރު ދުވަހު "އިންސާފު ކޮބާ"ގެ ނަމުގައި މުޅި ރާއްޖޭގައި މުޒާހަރާ ކުރުމަށް ނިންމާފައިވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"އިންސާފު ކޮބާތޯ އަހާ، ރައްޔިތުން އެ ސުވާލު މި ސަރުކާރާކުރާ ކުރަން ބޭނުންވާތީވެ، އަޅުގަނޑުމެން އެކަމުގައި އިސްނަގައިގެން ވަރަށް ވަރުގަދަ، ވަރަށް ބޮޑު އިވެންޓެއް މިއަންނަ ހުކުރު ދުވަހު ހަވީރު 4:15ގައި މުޅި ރާއްޖޭގައި ފަށާނަން،" ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި އެ ސުވާލު މިއަދު ކުރަން ޖެހެނީ، ހަމަ އެކަނި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންސާފު ނުލިބިގެން ނޫނެވެ. މިއަދު މިގައުމުގައި އެއްވެސް ރައްޔިތަކަށް އިންސާފެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަދު ރައްޔިތުން ތިބީ މަގުމަތީގައި. މަސްވެރިން އެ ދުވަނީ މި ސަރުކާރުން އެ ވިދާޅުވާ އިންސާފު ނުވަތަ ހައްގުވާ މިންވަރު ކޮބާތޯ އަހަން. ޒުވާނުން އެ ދުވަނީ ޒުވާނުނަށް ހައްގުވާ މިންވަރު ކޮބާތޯ އަހަން. ކަނބަލުން އެ އުޅެނީ ޖިންސީ ގޯނާއަށް އިންސާފު ހޯދުމަށް ޓަކި ޖަހާނެ ދޮރެއް ނުފެނިގެން،" ޝިޔާމް ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ، އެ ހަރަކާތުގެ މައުލޫމާތު ކަމާބެހޭ ފަރާތްތަކަށް މިއަދު އަންގާނެ ކަމަށެވެ. މާލޭގައި އެ ހަރަކާތް ފެށޭނީ މާފަންނު ސޯޝަލް ސެންޓަރު ކައިރިން ކަމަށް އޭނާ ވިދާޅުވި އެވެ.

އިދިކޮޅުން ބޮޑު މުޒާހަރާއަކަށް ނުކުންނަށް ނިންމި އިރު، ކޮވިޑް ކޭސްތައް އިތުރުވެ އެޗްޕީއޭ އިން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އެއްވުންތަކާއި ހަފްލާތައް ބޭއްވުން އެޗްޕީއޭއިން ވަނީ މަނާކޮށްފައެވެ.

comment ކޮމެންޓް