ބާސެލޯނާގެ އިންތިހާބު މާޗު 7 އަށް ފަސްކޮށްފި

ބާސެލޯނާގެ ސްޓޭޑިއަމް، ކޭމްޕް ނޫ ---

މި މަހު ބާއްވަން ކުރިން ތާވަލުކޮށްފައިވާ ބާސެލޯނާގެ އިންތިހާބު މާޗު މަހުގެ ހަތް ވަނަ ދުވަހު ބާއްވަން ތާވަލުކޮށްފި އެވެ.

މި މަހުގެ 24 ވަނަ ދުވަހު ސްޕެއިނުގެ ކެޓަލޫންޏާގައި ބާއްވަން އުޅުނު އިންތިހާބު ކުއްލިއަކަށް ފަސްކުރަން ޖެހުނީ ސްޕެއިނުގެ ކޮވިޑް ހާލަތު އިތުރަށް ގޯސްވެގެން ދިއުމާ ގުޅިގެންނެވެ. ސިއްހީ އިދާރާތަކުން އިންތިހާބު ބޭއްވުމުގެ ހުއްދަ ލިބިފައި އޮތް ނަމަވެސް ކުލަބުގެ މެމްބަރުންގެ ސަލާމަތަށް ޓަކައި، ބާސެލޯނާއިން އިންތިހާބު ފަސްކުރީ މާރޗް ނުވަތަ އޭޕްރީލްގެ ކުރިން އިންތިހާބު ކޮންމެވެސް ގޮތަކަށް ބާއްވާ ގޮތަށެވެ.

ބާސެލޯނާގެ ކުރީގެ ރައީސް ޖޯސެޕް މާރިއާ ބާޓޮމެއުއާއި އޭނާގެ ހުރިހާ ޑިރެކްޓަރުން މިދިޔަ އަހަރުގެ ފަހުކޮޅު އިސްތިއުފާ ދިނުމާ ގުޅިގެން ބާސެލޯނާއިން އައީ ވީހާ ވެސް އަވަހަކަށް އިންތިހާބެއް ބާއްވަން ގޮތެއް ހޯދަމުންނެވެ. އެހެން ނަމަވެސް ކޮވިޑްގެ ގޮންޖެހުމާއެކު އެކި ފަހަރުމަތިން އިންތިހާބު ވަނީ ފަސްކުރަން ޖެހިފަ އެވެ.

ބާސެލޯނާގެ ރައީސް އަކު ހޮވުމަށް ކުރިން ބޭއްވި އިންތިހާބެއްގެ ތެރެއިން --- ފޮޓޯ/ބާސެލޯނާ

ކެޓަލޫންޏާގެ ސިއްހީ އިދާރާތަކުން އެންމެ ފަހުން ބާސެލޯނާއަށް އެންގީ އިންތިހާބު ބޭއްވި ނަމަވެސް ވޯޓުލާން ކަނޑައެޅިފައިވާ ސަރަހައްދުތަކުން ބޭރަށް ނުދެވޭނެ ކަމަށެވެ. އެއާ އެކު ދެ ސަރަހައްދެއްގައި ފިޔަވާ އެހެން ހުރިހާ ސަރަހައްދެއްގެ މެމްބަރުން ދެން ވޯޓުލާން ޖެހޭނީ ޕޯސްޓް އޮފީސް މެދުވެރިކޮށް މެއިލް ކޮށްގެން ކަމަށް ބާސެލޯނާއިން ވަނީ ބުނެފަ އެވެ.

މިހާރު އޮތް ގޮތުން މި އިންތިހާބުގެ ވޯޓު ފޮށި ބަހައްޓާނީ ބާސެލޯނާގެ ކެޓަލޫންނާގެ ވަކި ސަރަހައްދެއްގައްޔާއި އެންޑޯރާގެ ސަރަހައްދެއްގައި އެކަންޏެވެ.

އިންތިހާބުގައި ވާދަކުރާނެކަން މީގެ ކުރިން ގިނަ މެމްބަރުންތަކެއް ހާމަކުރި ނަމަވެސް އިންތިހާބަށް ވާދަކުރަން ބާސެލޯނާގެ މެމްބަރުންގެ ތާއީދު އޮތްކަން ހާމަކުރުމުގެ ގޮތުން އެ ކުލަބުން ކަނޑައަޅާ ވަކި މިންވަރަކަށް މެމްބަރުންގެ ސޮއި ހުށައަޅަން ޖެހުނު އިރު، އެ ކަމަށް ދީފައި އޮތް ވަގުތު މިހާރު ވަނީ ހަމަވެފަ އެވެ. އަދި އެ ނަތީޖާތަކުން އިންތިހާބަށް ހަތަރު މެމްބަރުން ކޮލިފައިވި ނަމަވެސް އެއް މެމްބަރަކު ވަނީ ފަހުން އިންތިހާބުގައި ވާދަ ނުކުރަން ނިންމާފަ އެވެ.

އެއާ އެކު މިހާރު އިންތިހާބުގައި ވާދަކުރަން ތިބީ 2003 އިން ފެށިގެން 2010 އަށް ބާސެލޯނާގެ ރައީސްކަން ކުރި ޖޯއާން ލަޕޯޓާ، ވިކްޓަރ ފޮންޓް އަދި ޓޯނީ ފްރެކްސާ އެވެ. އިންތިހާބު ކައިރިވެފައި ވަނިކޮށް ނަން އަނބުރާ ގެންދިޔައީ އެމިލީ ރޫސާދް އެވެ.

comment ކޮމެންޓް