އިންޑިއާގެ ދަނޑުވެރިންގެ މުޒާހަރާގައި ރެޑް ފޯޓްއަށް ވަދެ، ފުލުހުންނާ ކުރިމަތިލުމެއް

އިންޑިއާގެ ދަނޑުވެރިންތަކެއް އިއްޔެ ދިއްލީގައި ކުރި މުޒާހަރާ ތެރެއިން ރެޑް ފޯޓް ކައިރިއަށް އެއްވެފައި -- ފޮޓޯ: އީޕީއޭ

ދިއްލީ (ޖެނުއަރީ 27): އިންޑިއާގެ ދިއްލީގައި އިއްޔެ މުޒާހަރާ ކުރި ދަނޑުވެރިން އެގައުމުގެ އާސާރީ ރެޑް ފޯޓްއަށް ވަދެ، އެ ދަނޑުވެރިންނާއި ފުލުހުންނާ ދެމެދު ކުރިމަތިލުންތައް ހިނގައިފި އެވެ.

އިންޑިއާގެ ދަނޑުވެރިން މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ދިއްލީ ކައިރީގައި މުޒާހަރާ ކުރަމުން ދަނީ އެގައުމުން މިދިޔަ ސެޕްޓެމްބަރު މަހު ފާސް ކުރި ދަނޑުވެރިކަމާ ބެހޭ ގާނޫނުތަކާ ގުޅިގެންނެވެ. އަދި އިއްޔެ އިންޑިއާގެ ޖުމްހޫރީ ދުވަސް ފާހަގަ ކުރި އިރު އެ މުޒާހަރާތައް ކުރިއަށްގެންދަން ސަރުކާރުން ދެކޮޅު ހެދި ނަމަވެސް، ޖުމްހޫރީ ޕެރޭޑަށް ހުރަސް ނޭޅޭ ގޮތަށް މުޒާހަރާ ކުރަން ފުލުހުން ހުއްދަ ދިނެވެ. އަދި ދިއްލީގެ ބޭރުފުށުގައި މުޒާހަރާނެ މަގުތައް ކަނޑައެޅި އެވެ. ނަމަވެސް ޕެރޭޑު ނިމުމާއެކު ޓްރެކްޓަރުތަކުގައި ތިބި ދަނޑުވެރިން ސިޓީ ސެންޓަރަށް ޖަމާވި އެވެ.

އޭގެ ތެރެއިން ބައެއް މީހުން، މޫގަލް ރަސްގެފާނުން ދިރިއުޅުއްވި ރެޑް ފޯޓްގެ ވަށައިގެންވާ ސެކިއުރިޓީ ފަހަނައަޅާ އެ ސަރަހައްދަށް ވަނެވެ. އަދި ރެޑް ފޯޓްގެ ފާރުތަކަށް އަރާ، ސިކުންގެ ދިދައެއް ނެގި އެވެ. އެމީހުން އެ ސަރަހައްދުން ނެރެފައިވާކަން ދިއްލީގެ ފުލުހުން އެންގީ އިއްޔެ ހަވީރުގެ ވަގުތެއްގަ އެވެ.

އެ މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު އެންމެ ބޮޑު ހަމަނުޖެހުންތައް ހިނގީ އައިޓީއޯ މެޓްރޯ ސްޓޭޝަންގަ އެވެ. އެ ކުރިމަތިލުމުގައި މުޒާހަރާގެ ބައިވެރިން ދަގަނޑުބުރިތަކާއި ލަކުޑިބުރިތަކުން ފުލުހުންނަށް ހަމަލާދޭ މަންޒަރު ފޮޓޯ އާއި ވީޑިއޯތަކުން ފެނެ އެވެ. އަދި މުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުން ކަރުނަ ގޭހާއި މުގުރު ބޭނުން ކުރި އެވެ.

ދިއްލީގައި ދަނޑުވެރިން ކުރި މުޒާހަރާ ރޫޅާލުމަށް ފުލުހުން ކަރުނަ ގޭސް ޖެހި -- ފޮޓޯ: އޭޕީ

އެ މުޒާހަރާތަކާ ގުޅިގެން ދިއްލީގައި ސަލާމަތީ ކަންތައްތައް ވަރުގަދަ ކުރި އެވެ. އަދި ބައެއް ސަރަހައްދުތަކުގައި މޮބައިލް އިންޓަނެޓުގެ ހިދުމަތް ކަނޑާލި އެވެ.

އެ ހަމަނުޖެހުންތަކުގައި އެއް ދަނޑުވެރިއަކު މަރުވެ، 80އަށް ވުރެ ގިނަ ފުލުހުންނަށް އަނިޔާވި އެވެ.

އިންޑިއާގެ ޕާލިމެންޓުން ސެޕްޓެމްބަރު މަހު ފާސްކުރި ދަނޑުވެރިކަމާ ބެހޭ ގާނޫނުތަކުގެ ތެރެއިން ދަނޑުވެރިން އެންމެ ބޮޑަށް ނުރުހުން ފާޅު ކުރަނީ 'ފާމާސް އެގްރީމެންޓް އޮފް ޕްރައިސް އެޝުއަރެންސް އެންޑް ފާމް ސާވިސެސް' ކިޔާ ބިލަކާ ބެހޭ ގޮތުންނެވެ. އެއީ ދަނޑުވެރިންނަށް އެ ދާއިރާއާ ގުޅުން ހުރި ބޮޑެތި އެކްސްޕޯޓް، ހޯލްސޭލް އަދި ރީޓެއިލް ކުންފުނިތަކާ އެކު ކޮންޓްރެކްޓުތައް ހެދުމަށް މަގުފަހި ކުރާ ބިލެކެވެ.

މީގެ ކުރިން 1964ގައި އިންޑިއާއިން ފާސްކުރި ގާނޫނެއްގައި ވަނީ ދަނޑުވެރިންނަށް އެމީހުންގެ އުފެއްދުންތައް، ސްޓޭޓްތަކުގެ ސަރުކާރުން ބަލަހައްޓާ ބާޒާރުތަކުގައި ވިއްކަން މަޖުބޫރުކޮށްފަ އެވެ. އަދި އެ އުފެއްދުންތައް ދައުލަތުގެ ކުންފުނިތަކަށް ނުވަތަ ޕްރައިވެޓް ފަރާތްތަކަށް ވިއްކަން އެހީތެރި ވަނީ އެ ބާޒާރުތަކުގައި ތިބޭ މީހުންނެވެ.

އިންޑިއާގެ ސަރުކާރުން ބުނާ ގޮތުގައި އާ ގާނޫނުގެ ސަބަބުން ދަނޑުވެރިންނަށް ބޮޑެތި ކުންފުނިތަކާ އެކު އެއްބަސްވުންތައް ހަދާ އިރު މެދުވެރިން ބޭނުން ކުރަން ނުޖެހި، ފުރިހަމަ ފައިދާ ލިބޭ ގޮތް ވާނެ އެވެ. އަދި ދަނޑުވެރިންނަށް ޒަމާނީ ޓެކްނޮލޮޖީ ހޯދުން ފަސޭހަ ވާނެ އެވެ.

ނަމަވެސް އިދިކޮޅު ޕާޓީތަކުން ބުނާ ގޮތުގައި އެ ބިލުތަކުގެ ސަބަބުން، ދަނޑުވެރިން ބޮޑެތި ކުންފުނިތަކާއެކު މަޝްވަރާ ކުރާ އިރު ދަނޑުވެރިންގެ މައްޗަށް އެ ކުންފުނިތަކުގެ ބާރު އޮންނަ މިންވަރު މާ ބޮޑުވާނެ އެވެ. އަދި ދަނޑުވެރިންނަށް ހަމަހަމަކޮށް ގަވާއިދުން އަގު ދައްކާ ސްޓޭޓް ބާޒާރުތައް ގެއްލި، ދަނޑުވެރިންނަށާއި ސްޓޭޓުތަކުގެ މުޅި އިގުތިސާދަށް ވެސް ގެއްލުން ލިބޭނެ ކަމަށް ބުނެފަ އެވެ.

އެ ގާނޫނުތަކާ ބެހޭ ގޮތުން ސަރުކާރާއި ދަނޑުވެރިންނާ ދެމެދު ނުވަ ފަހަރު މަޝްވަރާތައް ބޭއްވި ނަމަވެސް ދެ ފަރާތަށް އެއްބަސްވުމަކަށް އާދެވިފައި ނުވެ އެވެ. އަދި އެ ގާނޫނުތައް ތަންފީޒު ކުރުން 18 މަހަށް ސަސްޕެންޑު ކުރަން ސަރުކާރުން މިދިޔަ ހަފްތާގައި ހުށަހެޅި ނަމަވެސް ދަނޑުވެރިން ވަނީ ގާނޫނުތައް އުވާލުމަށް ގޮވާލާފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް