ޗެލްސީގެ އަގުބޮޑު ސްކޮޑުގެ ޒިންމާ ޓުޗެލްއަށް

ޗެލްސީއާ އަލަށް ހަވާލުވި ތޯމަސް ޓުޗެލް --- ފޮޓޯ// ގެޓީ

އެއް ޓްރާންސްފާ މާކެޓެއްގައި އެންމެ ބޮޑު ޙަރަދެއް ކުރި ޗެލްސީގެ ހުސްވެފައިވާ ހެޑް ކޯޗުގެ މަގާމަށް ޕީއެސްޖީގެ ކުރީގެ ކޯޗު ތޯމަސް ޓުޗެލް ހަމަޖައްސައިފި އެވެ.

ޓްރާންސްފާ ބޭންއެއްގެ ސަބަބުން މިދިޔަ ދެ ސީޒަނުގައި ވެސް ޗެލްސީއަށް ކުޅުންތެރިއަކު ގެންދެވިފައި ނުވި ނަމަވެސް 2019 ވަނަ އަހަރު ފްރޭންކެ ލަމްޕާޑް އެ ޓީމާ ހަވާލުވެ ރަނގަޅު މިސްރާބަކަށް ކުލަބް ވަނީ ގެންގޮސްދީފަ އެވެ. އަދި މިދިޔަ ސީޒަނުގައި އެ ޓީމުން ލީގުގެ ގަދަ ހަތަރެއްގައި ހިމެނި ޗެމްޕިއަންސް ލީގަށް ވެސް ކޮލިފައިވި އިރު، މި ސީޒަނާ އެ ޓީމުން ކުރިމަތިލީ އަގުބޮޑު ގިނަ ކުޅުންތެރިންތަކެއް ގަނެ، ލީގު ހޯދުމުގެ އުންމީދުގަ އެވެ.

އެކަމަކު ސީޒަން ދެބައިވެގެން ދިޔައިރު، ޗެލްސީ މިވަގުތު އޮތީ ތާވަލުގެ ނުވަ ވަނައިގަ އެވެ. އަދި ފަހަކަށް އައިސް އެދެވޭ ނަތީޖާތަކެއް ޓީމަށް ނުނެރެވި ޕްރެޝަރު ބޮޑުވެފައި ވަނިކޮށް ލަމްޕާޑް ކޯޗުކަމުން ވަކި ކުރީ މީގެ ދެ ދުވަސް ކުރިންނެވެ. އެއާ އެކު ޓީމާ ދެން ހަވާލުވާނީ ޕީއެސްޖީއަށް ކުރިން އިރުޝާދު ދިން ޓުޗެލް ކަމަށް ރިޕޯޓްތަކުން ބުނި އިރު، ރޭގެ ވަގުތެއްގައި ޓުޗެލްއަށް ޗެލްސީގެ ސްކޮޑުގެ ޒިންމާ ރަސްމީކޮށް ވަނީ ހަވާލުކޮށްފަ އެވެ.

"އަހަރެންނާއި، އަހަރެންގެ ސްޓާފުންނަށް ޗެލްސީން ތިޔަ ދިން އިތުބާރަށް ޝުކުރު އަދާކުރަން،" ޓުޗެލް ބުންޏެވެ. "ލަމްޕާޑް ކުލަބަށް ކޮށްފީފައިވާ ހިދުމަތަށާއި އޭނާ ކުލަބުގައި ހޯދި ކާމިޔާބީތަކަށް ފުރިހަމައަށް އިހުތިރާމް ކުރަން. ކުޅުންތެރިންނާ ބައްދަލުކޮށް، ދުނިޔޭގެ އެންމެ ވާދަވެރި ލީގުގައި ވާދަކޮށްލަން މިހުރީ ކެތް މަދުވެފައި." ޖަރުމަނަށް އުފަން 47 އަހަރުގެ ކޯޗު މަގާމާ ހަވާލުވުމަށް ފަހު ބުންޏެވެ.

ޗެލްސީގައި ޓުޗެލް އަށް އޮންނާނެ އެންމެ ބޮޑު މަސައްކަތަކީ ލީގުގެ ގަދަ ހަތަރެއްގައި ހިމެނި މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ރަނގަޅު ނަތީޖާއެއް ނެރުމެވެ. ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ޗެލްސީ ނުކުންނާނީ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށެވެ.

comment ކޮމެންޓް