މާލޭގައި ކާފިއު އިއުލާންކޮށް ޕާޓީތަކާއި އެއްވުންތައް މަނާކޮށްފި

އޭޕްރީލް 4، 2020: ކާފިއު ވަގުތު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދުން ފެށިގެން މާލޭގައި ކާފިއު އިއުލާންކޮށް، ޕާޓީތަކާއި ހަފްލާތަކާއި އެއްވުންތައް ބޭއްވުން ހުއްޓާލަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފި އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި މިރޭ ނެރުއްވި އެއްނގުމުގައި ވިދާޅުވެފައި ވަނީ މި ހިނދުން ފެށިގެން، މާލެއާއި، ހުޅުމާލެއާއި، ވިލިމާލޭގައި، ޕާޓީތަކާއި، ހަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލަން އަންގާ ކަމަށެވެ.

އަދި ޖެނުއަރީ 27 ވަނަ ދުވަހުގެ ރޭ 12:00 އިން ފެށިގެން ފަތިހު 04:00 އަށް، މާލެއާއި، ހުޅުމާލެއާއި، ވިލިމާލޭގައި، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާވާނެ ކަމަށެވެ.

ހަމަ އެއާއެކު މިހިނދުން ފެށިގެން މާލެ ސަރަހައްދުން އެހެނިހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތައް ކަރަންޓީނުކުރާނެ ކަމަށާއި މި މަހުގެ 29 ވަނަ ދުވަހުން ފެށިގެން ފަތުރުވެރިން ފިޔަވައި، ރާއްޖެއިން ބޭރުން އަންނަ ފަރާތްތައް 10 ދުވަހުގެ މުއްދަތަށް ކަރަންޓީނުވާން ޖެހޭނެ ކަމަށެވެ.

އެ ފިޔަވަޅުތައް ތަންފީޒުކޮށް، ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލުކުރަން، އެންމެހާ އިދާރާތަކަށާއި ފަރާތްތަކަށް އަންގާ ކަމަށާއި، އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ހުރިހާ ފަރާތްތަކަށް ވަނީ އަންގައިފަ އެވެ.

މީގެ ކުރިން ވެސް މާލެ ސަރަހައްދުގައި ކާފިއު ހިންގި އެވެ. ނަމަވެސް ބަލީގެ ހާލަތު ރަނގަޅުވަމުން އަންނަ މިންވަރަށް ބަލައި، ކާފިއުގެ ވަގުތަށް ބަދަލު ގެންނަމުން ގޮސް ކާފިއު މުޅިން އުވާލީ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު އެވެ.

ކޮވިޑް19 އާ ގުޅިގެން އަލުން ފިޔަވަޅުތައް ހަރުކަށިކޮށްފައި މިވަނީ، މާލެ އާއި ރާއްޖޭގެ ރަށްތަކުންނާއި ރިސޯޓުތަކުން ވެސް ކޮވިޑަށް ޕޮޒިޓިވްވާ މީހުން އިތުރުވާން ފަށާފައި ވަނިކޮށެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްވެފައި ހުރުމަށްފަހު އަނެއްކާވެސް ވަނީ އިތުރު ވާން ފަށައިފަ އެވެ. މި އަހަރު ފެށުނު ފަހުން މި އަދަދު އާންމުކޮށް 50 އިން މަތިވެފައިވާއިރު މި ހަފްތާގެ ފާއިތުވި ދެތިން ދުވަހު މި އަދަދު ވަނީ 100 އިން މަތިވެފަ އެވެ.

އޭގެ އިތުރުން މ. ކޮޅުފުށިން މާލެ އައި މީހަކު ކޮވިޑަށް ޕޮޒިޓިވް ވުމާގުޅިގެން އެ ރަށް އޮތީ މޮނީޓަރިންގައެވެ. އޭނާ އާއި ކޮންޓެކްޓުވި 106 މީހެއްގެ ސާމްޕަލް ނަގާފައިވާއިރު ނުވަ މީހަކު މިހާތަނަށް ވަނީ ޕޮޒިޓިވް ވެފައެވެ.

ހަމަ އެއާއެކު އއ. ތޮއްޑޫ އިން ވެސް ޕޮޒިޓިވް ކޭސް އެއް ފެނި، އެ ރަށް ވެސް އޮތީ މޮނިޓަރިންގ ހާލަތަށް ގެންގޮސްފަ އެވެ.

comment ކޮމެންޓް