"މާލެ ސަރަހައްދުގެ ނަންބަރު އިތުރުވުމަކީ ޓޫރިޒަމަށް ގޮންޖެހުމެއް"

ވީއައިއޭ ގައި ފަތުރުވެރިން ތަކެއް -- ސަން ފޮޓޯ: އިބްރާހިމް އިފާޒް

މާލެ ސަރަހައްދުންް ކޮވިޑް19 އަށް ޕޮޒިޓިްވާ މީހުންގެ ނަންބަރު އިތުރުވުމަކީ ގޮންޖެހުމެއް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމު ގައި ވާހަކަަ ދައްކަވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ ރާއްޖެ އަންނަ ޓޫރިސްޓުން ކޮވިޑަށް ޕޮޒިޓިވްވާ މިންވަރު ހުރީ އެއްވަރެއްގައި ހިފެހެއްޓިފައި ކަމަށެވެ.

އެގޮތުން މިދިޔަ ޑިސެމްބަރު ނިމުނު އިރު ޓޫރިސްޓުން ޕޮޒިޓިވް ވާ މިންވަރު ހުރީ 0.07 ޕަސެންޓުގައި ކަމަށާއި މި މަހުގެ މިހާތަނަށް އެ އަދަދު ހުރީ 0.22 ގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްވެފައި ހުރުމަށްފަހު އަނެއްކާވެސް ވަނީ އިތުރު ވާން ފަށައިފަ އެވެ. މި އަހަރު ފެށުނު ފަހުން މި އަދަދު އާންމުކޮށް 50 އިން މަތިވެފައިވާއިރު މި ހަފްތާގެ ފާއިތުވި ދެތިން ދުވަހު މި އަދަދު ވަނީ 100 އިން މަތިވެފަ އެވެ.

މިނިސްޓަރު ވިދާޅުވީ ކޮވިޑުގެެ ނަންބަރުތައް މަތިވުމަކީ ރާއްޖެ އަކީ ރައްކާތެރި ގައުމެއްގެ ގޮތުގައި ބޭރަށް މެސެޖު ދިނުމަށް ހުރަހަކަށް ވެދާނެެ ކަމަށެވެ.

ފަތުރުވެރިންނަށް ހިދުމަތް ދޭ ރިސޯޓުތަކުގެ މުވައްޒަފުން ވެސް ގިނަ އަދަދަކަށް ޕޮޒިޓިވް ވަމުންދާއިރު މިނިސްޓަރު ވިދާޅުވީ ޕޮޒިޓިވް ކޭސްތައް މެނޭޖު ކުރުމުގައި ރިސޯޓުތަކުން ފަރިތަ ވެއްޖެ ކަމަށެވެ.

ނަމަވެސް މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވިތާ މާ ގިނަ ދުވަހެއް ނުވަނީސް މާލެ ސަރަހައްދުގެ ކޭސްތައް އިތުރުވާތީ މިނިސްޓަރު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

"ކިރިޔާ [މާލެ ސަރަހައްދުގެ] ގެސްޓްހައުސްތަކަށް ހިންދެމިލެވުނީ،" މިނިސްޓަރު ވިދާޅުވިއެވެ.

ކޮވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅެއްގެ ގޮތް މިދިޔަ އަހަރުގެ މާޗު މަހު މާލެ ސަރަހައްދުގެ ގެސްޓުހައުސްތައް ބަންދު ކުރުމަށްފަހު އަލުން ހުޅުވާލާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު އެވެ.

މާލެ ސަރަހައްދުގެ 44 ގެސްޓްހައުސް އެއް ހުޅުވާ މިހާރު ހިދުމަތް ދެ އެވެ.

comment ކޮމެންޓް