ކުރީގެ މެޓްރޯ ކެފޭގައި ދިރިއުޅުނު ތިން މީހަކު ޑިޓޮކްސް ސެންޓަރަށް

މެޓްރޯ ކެފޭ ހިންގި އިމާރާތުގެ ތެރޭގައި ބަޔަކު ނިދާފައި: މިތަނުގައި ނިދާފައި ތިބި މީހުންނަކީވެސް މަސްތުވާތަކެތި ބޭނުން ކުރާ ކަމަށް އެއްބަސްވި މީހުން -- ސަން ފޮޓޯ/ އިބްރާހިމް އިފާޒް

ކުރިން މެޓްރޯ ކެފޭ ހިންގި އިމާރާތުގައި ދިރިއުޅުނު ތިން މީހަކު ފަރުކޮޅުފުށީގައި ގާއިމްކޮށްފައިވާ ވަގުތީ ޑިޓޮކްސިފިކޭޝަން ސެންޓަރަށް ބަދަލު ކޮށްފިއެވެ.

ފުލުހުންނާއި ޖެންޑާ މިނިސްޓްރީ ގުޅިގެން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ބޯހިޔާވަހިކަމަށް ބޭނުންޖެހިފައިވާ އަދި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން ފަރުވާއަށް ބޭނުންވެފައިވާ ފަރާތްތަކެއް ކުރިން މެޓްރޯ ކެފޭ ހިންގި އިމާރާތުގައި އުޅޭކަމުގެ މައުލޫމާތާއެކު ފުލުހުންގެ އެހީތެރިކަމާއެކު ޖެންޑާ މިނިސްޓްރީ އިން މިއަދު ހަވީރު އެތަނަށް ޒިޔާރަތް ކުރި ކަމަށެވެ.

އަދި ފަރުވާ އަށް ބޭނުންވާ ތިންމީހަކު، ނޭޝަނަލް ޑްރަގް އެޖެންސީގެ ހަވާލުގައި ފަރުކޮޅުފުށީގައި ގާއިމް ކޮށްފައިވާ ވަގުތީ ޑިޓޮކްސިފިކޭޝަން ސެންޓަރަށް ބަދަލު ކޮށްފައިވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

ބޯހިޔާވަހިކަމަށް ބޭނުންޖެހިފައިވާ އަދި މަސްތުވާތަކެތި ބޭނުން ކުރާ މީހުން އާންމުކޮށް ހިޔާވަހިކަން ހޯދާ، ކުރިން މެޓްރޯ ކެފޭ ހންގި އިމާރާތް ސާފުކުރުމުގެ މަސައްކަތް ވޭސްޓް މެނޭޖުމެންޓު ކޯޕަރޭޝަނުގެ އެހީތެރިކަމާއެކު ކުރަމުންދާ ކަމަށް ފުލުހުންނާއި ޖެންޑާ މިނިސްޓްރީ އިން ބުންޏެވެ.

މާލޭ ސިޓީގައި ބޯހިޔާވަހިކަމެއް ނެތި އުޅޭ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ޖެންޑާ މިނިސްޓްރީ އިން ވަނީ މީގެ ކުރިންވެސް ކޮށްފައެވެ.

comment ކޮމެންޓް