އަލުން ކުރިމަތިލާން ހުޅުވާލާ ނަމަ އިންތިހާބު އިތުރަށް ލަސްވާނެ: އޭޖީ، އީސީ

އޮކްޓޯބަރ 1، 2019: ދިވެހި ރާއްޖޭގެ ހައި ކޯޓުން މީހަކު ނިކުނަންނަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިންހާބަށް އަލުން ހުޅުވާލާ ނަމަ ކައުންސިލް އިންތިހާބު ބޭއްވުން އިތުރަށް ލަސްވެގެންދާނެ ކަމަށާއި ބޭނުންވާ މުއްދަތުގައި ނުބޭއްވޭނެ ކަމަށް އެޓޭނީ ޖެނެރަލްގެ އޮފީހުންނާއި އިލެކްޝަންސް ކޮމިޝަނުން މިއަދު ހައިކޯޓުގައި ބުނެފި އެވެ.

ކައުންސިލް އިންތިހާބާ ގުޅޭ ހާއްސަ ގާނޫނުގެ ތިން ވަނަ މާއްދާގެ (ހ)ގައި ބުނެފައި ވަނީ ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރި ނަމަވެސް، އެ އިންތިހާބުގައި ވާދަކުރާނީ، އެ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަމަށް، ހައެއް މާޗު 2020 ގައި އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައި، އާންމުކޮށްފައިވާ ކެންޑިޑޭޓުން ކަމަށެވެ.

އެކަމުގެ ސަބަބުން 18 އަހަރު ފުރުނު ކޮންމެ ރައްޔިތަކަށް ލިބޭ އަސާސީ ހައްގުތަކެއް ގެއްލޭ ކަމަށް ބުނެ ހައިކޯޓަށް ދުސްތޫރީ މައްސަލަ ހުށަހެޅުއްވީ ތ. ކަނޑޫދޫ، މެނީލާ މުހައްމަދު ތަސްލީމެވެ.

އިންތިހާބުތަކުގައި ވާދަކުރުމާއި ސިޔާސީ ޕާޓީގެ ހަރަކާތްތަކުގައި ބައިވެރިވުމާއި، އެމީހަކު އިހްތިޔާރުކުރާ މަންދޫބެއް މެދުވެރިކޮށް ނުވަތަ އަމިއްލައަށް ނަމަވެސް ރައްޔިތުންގެ ކަންކަން ހިންގުމުގައި ބައިވެރިވުމުގެ އަސާސީ ހައްގުތައް ގެއްލޭ ކަމަށް އޭނާ ބުނެފައިވެ އެވެ. އިންތިހާބު ލަސްކުރެވި ފާއިތުވެގެންދާ މުއްދަތުގައި އަލަށް 18 އަހަރުފުރޭ 5000 އެއްހައި މީހުންނަށް ގާނޫނުއަސާސީން ކަށަވަރުކޮށްދީ ލިއްބައިދީފައިވާ، އުމުރުން 18 އަހަރު ހަމަވާ ކޮންމެ މީހަކަށްމެ އިންތިހާބުތަކުގައި ވާދަކުރުމުގެ އަސާސީ ހައްގުން އެ ރައްޔިތުން މަހްރޫމް ވެގެންދާ ކަމަށް އޭނާ ބުނެފައިވެ އެވެ.

މިއަދު އެ މައްސަލައިގައި އޮތް އަޑުއެހުމުގައި ދައުލަތުން ބުނީ އެ ހައްގު ހަނިކޮށްފައި ވަނީ ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން ހައްގުތައް ހަނި ކުރެވޭ ގޮތަށް، އެ މިންވަރަށް ކަމަށެވެ.

ކައުންސިލް އިންތިހާބުގެ ފުރުސަތު ބަންދު ކުރީ ހާއްސަ ގާނޫނުގެ ތިން ވަނަ މާއްދާގެ (ހ)ގެ ދަށުން ނޫން ކަމަށާއި، ހާއްސަ ގާނޫނުން ހަމައެކަނި ކަނޑައެޅީ އިންތިހާބު ވީހާވެސް އަވަހަށް ބޭއްވޭނެ ގޮތްކަން ދައުލަތުން ފާހަގަ ކުރި އެވެ. ހާއްސަ ގާނޫނުގެ ދަށުން ފަސް ކުރީ ހަމައެކަނި ވޯޓުލާ ތާރީހުކަން ފާހަގަ ކުރި އެވެ.

އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތަކީ ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނުގެ ދަށުން އިއުލާނު ކުރެވޭ މުއްދަތެއް ކަމަށާއި، އިންތިހާބަށް ކުރިމަތިލުމުގެ ހައްގަކީ ލޯކަަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުން ހަނިކުރެވޭ ހައްގެއް ކަމަށް ބުނެފައިވެ އެވެ.

އޭގެ އިތުރުން، އިންތިހާބަށް ކުރިމަތިލާން އަލުން ހުޅުވާލައިފި ނަމަ، ހާއްސަ ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި ކައުންސިލް އިންތިހާބު ނުބޭއްވި އިތުރަށް ލަސްވާނެ ކަމަށް ދައުލަތުން ބުންޏެވެ.

ދައުލަތުން އެދުނީ ހާއްސަ ގާނޫނުގެ ތިން ވަނަ މާއްދާގެ (ހ) ގާނޫނުއަސާސީއާ ހިލާފު ނޫން ކަމަށް ކަނޑައަޅައި ދިނުމަށާއި، އިންތިހާބަށް އަލުން ހުޅުވާލުމުގެ އަމުރެއް ނެރެން ޖެހޭ ސަބަބެއް ނެތް ކަމަށް ކަނޑައަޅައިދިނުމަށެވެ.

އިލެކްޝަންސް ކޮމިޝަން ތަމްސީލު ކުރެއްވި ވަކީލު ނޫރުއްސަލާމް އަބޫބަކުރުވެސް ވިދާޅުވީ، ދައުލަތުން އެދުނު ގޮތަށެވެ. އެ މާއްދާ ބާތިލުކޮށްފި ނަމަ ހާއްސަ ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައިވެސް އިންތިހާބު ނުބޭއްވޭނެ ކަމަށް އޭނާވެސް ވިދާޅުވި އެވެ.

އޭގެ އިތުރުން، އިންތިހާބަށް ވާދަ ކުރުމުގެ ހައްގު ހަނިވަނީ ހާއްސަ ގާނޫނުގެ ތިން ވަނަ މާއްދާގެ (ހ)އިން ނޫން ކަމަށްވެސް ނޫރުއްސަލާމް ވިދާޅުވި އެވެ. ހާއްސަ ގާނޫނު ނަޔަސް އެ ހައްގު އޮންނާނީ، ކައުންސިލް އިންތިހާބުގެ ގާނޫނުގެ ދަށުން ހަނިކުރެވިފައިކަން އޭނާ ފާހަގަކުރެއްވި އެވެ.

ހާއްސަ ގާނޫނުގެ ތިން ވަނަ މާއްދާގެ (ހ) ބާތިލު ކުރިޔަސް އިންތިހާބަށް އަލުން ހުޅުވާލެވޭނީ ހައިކޯޓުން އެފަދަ އަމުރެއް ނެރެގެން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އިންތިހާބަށް އަލުން ކުރިމަތިލާން ހުޅުވާލަން ޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

މީގެ ކުރިންވެސް 18 އަހަރުގެ މީހުން ކައުންސިލް އިންތިހާބުގައި ވާދަ ކުރީ ވަރަށް މަދުން ކަން ފާހަގަކޮށް، އެ ހައްގު ގެއްލުމުގެ ފުރުސަތު އޮތީވެސް ވަރަށް ހަނިކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.

ދައުލަތުން ދިން ޖަވާބުތަކަށް ބަލާއިރު ދައުލަތަށް އޮޅިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ދައުލަތުން ބޮޑަށް ފާހަގަ ކުރީ އިންތިހާބު ފަސް ކުރުމާ ގުޅޭ ނުކުތާތައް ކަމަށާއި، އެކަމާ ދެކޮޅު ނަހައްދަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ތަކުރާރުކުރެއްވީ، ހާއްސަ ގާނޫނުގެ ތިން ވަނަ މާއްދާގެ (ހ)އިން ގާނޫނުއަސާސީއިން ލިބިދޭ ހައްގުތައް ހިފެހެއްޓޭ ކަމަށް ދެކޭ ކަމެވެ. އަދި އެ މާއްދާ ބާތިލު ކުރުމަށްފަހު، ގެއްލޭ ހައްގުތައް ހޯދައިދޭން، އަލުން އިންތިހާބުގައި ވާދަ ކުރަން އިއުލާނު ކުރަން ކޯޓުގެ އަމުރެއް ނެރެވިދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ އެ މާއްދާގެ ދަށުން ހައްގުތައް ހިފެހެއްޓޭތީ އެކަމަށް ފަރުވާއެއް ދިނުމުގެ ގޮތުން ކަމަށް ވިދާޅުވި އެވެ.

މިއަދު އެ މައްސަލައިގެ އަޑުއެހުންތައް ވަނީ ނިންމާލާފަ އެވެ.

އެ މައްސަލަ ބަލަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެ ބެންޗުގައި ހިމެނެނީ އިސް ފަނޑިޔާރު ހާތިފް ހިލްމީ އާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު ހުސައިން މަޒީދު އަދި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ.

comment ކޮމެންޓް