މޯލްޑިވިއަން އިން ކޮޗިން-މާލެ ދަތުރުތައް ފަށަނީ

މޯލްޑިވިއަންގެ މަތިންދާ ބޯޓެއް -- ސަން ފައިލް ފޮޓޯ

ގައުމީ އެއާލައިން، މޯލްޑިވިއަން އިން މާލެ އާއި އިންޑިއާގެ ކޮޗިން އާއި ދެމެދު ދަތުރުތައް ފަށަން ތައްޔާރު ވެއްޖެއެވެ.

ކޮވިޑް19ގެ ބަލިމަޑުކަމުގެ ކުރިން މޯލްޑިވިއަން އިން ދިޔައީ މާލެ-ކޮޗިން އަދި ހަނިމާދޫ-ކޮޗިން ދަތުރުތައްވެސް ބާއްވަމުންނެވެ.

މޯލްޑިވިއަން އިން މިއަދު ބުނީ ކޮޗިން އާއި މާލެ އާއި ދެމެދު ކުރާ ދަތުރުތައް ހަފްތާ އަކު ތިން ދުވަހު ބާއްވާނެ ކަމަށެވެ.

އަންނަ މަހުގެ އެކަކުން ފެށިގެން މި ދަތުރުތައް ފަށާއިރު ދަތުރުތައް އޮންނާނީ ހޯމަ، ބުރާސްފަތި އަދި ހޮނިހިރުގައެވެ.

ކޮޗިން-މާލެ ދަތުރުގައި ބެގެޖް އެލަވެންސަށް 30 ކިލޯ ލިބޭނެއެވެ.

ކޮޗިން އަކީ ގިނަ އަދަދެއްގެ ދިވެހިން ބޭސްފަރުވާ އަށް ދާ ސިޓީ އެކެވެ. މިހާރު މާލެ އާއި ކޮޗިން އާއި ދެމެދު ސީދާ ދަތުރު ކުރަނީ އިންޑިގޯ އިންނެވެ. އެ އެއާލައިނުން ހަފްތާއަކު ހަތަރު ދަތުރު ބާއްވަ އެވެ.

މޯލްޑިވިއަން އިން އިންޑިއާގެ ޓްރެވިންޑްރަމް އާއި މާލެ އާއި ދެމެދު ހަފްތާ އަކު ދެ ދަތުރު މިހާރުވެސް ބާއްވައެވެ.

comment ކޮމެންޓް