ވައިބާގައި ދެއްކި ވާހަކައަކާ ގުޅިގެން އޭސީސީގެ މުވައްޒަފެއް ވަކިކުރީ ގޯސްކޮށް: ހައިކޯޓު

އޮކްޓޯބަރ 1، 2019: ދިވެހި ރާއްޖޭގެ ހައި ކޯޓުން މީހަކު ނިކުނަންނަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެމްބަރުންނާއި މުވައްޒަފުން ހިމެނޭ ވައިބާ ގްރޫޕެއްގައި، އެ ކޮމިޝަންފެ ވަޒީފާއަކަށް ކަނޑައެޅި ޝަރުތުތަކާ މެދު ކަންބޮޑުވުން ފާޅުކޮށް ދެއްކި ވާހަކައަކަށް ބިނާކޮށް މުވައްޒަފަކު ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށް ހައިކޯޓުން ހުކުމްކޮށްފި އެވެ.

ވައިބާގައި ދެއްކި ވާހަކައަކާ ގުޅިގެން ވަޒީފާއިން ވަކިކުރީ 15 ފެބްރުއަރީ 2006 އިން ފެށިގެން އެންޓި ކޮރަޕްޝަން ކޮމިޝަންގައި ވަޒީފާ އަދާކުރަމުން ދިޔަ ޒީބާ ޢަޠާ މުހައްމަދު އެވެ.

މަސައްކަތުގެ އަހުލާގު އެކަށީގެންނުވާ ކަމަށާއި، ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ ކޮމިޝަނަށް ގެއްލުންވާނެ ކަމެއްކަމަށް ފެންނާތީ ވަޒީފާއާބެހޭ ގާނޫނާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ގަވާއިދުގެ ދަށުން އޭނާ ވަޒީފާއިން ވަކި ކުރީ 14 ޑިސެންބަރު 2017ގަ އެވެ.

ޒީބާ ވަނީ އޭސީސީގައި އެސައިންމަންޓް އޮފިސަރު (ޓްރެިއނީ)، އެސިސްޓެންޓް އެސައިންމަންޓް އޮފިސަރު، އެސިސްޓެންޓް އޮޑިޓަރު،
އެސިސްޓެންޓް އިންވެސްޓިގޭޝަން އޮފިސަރު، އިންވެސްޓިގޭޝަން އޮފިސަރު (ގރ.1) އަދި އިންވެސްޓިގޭޝަން އޮފިސަރު (ގރ.2) މަގާމުތައް އަދާކޮށްފަ އެވެ.

އިންވެސްޓިގޭޝަން އޮފިސަރު ގްރޭޑް1 ގެ މަގާމުން، އިންވެސްޓިގޭޝަން އޮފިސަރު ގްރޭޑް 2 ގެ މަގާމަށް ޒީބާ ބަދަލުކޮށްފައިވަނީ 26 ނޮވެމްބަރު 2015ގަ އެވެ.

ޒީބާ ވަޒީފާއިން ވަކިކުރުމުގެ ކުރިން، އޭނާގެ މަސައްކަތުގެ އަހްލާގު ދަށްވެގެން ނުވަތަ ގާނޫނާ ގަވާއިދަކާ ހިލާފުވެގެން ފިޔަވަޅެއް އެޅިކަން އެނގޭކަށް ނެތެވެ.

ޒީބާ ވަޒީފާއިން ވަކިކުރީ 15 ނޮވެމްބަރު 2017 ގައި ސީނިއާ އިންވެސްޓިގޭޝަން އޮފިސަރަކާއި އިންވެސްޓިގޭޝަން އޮފިސަރެއް ހޯދަން ކުރި އިއުލާނުތަކާ ގުޅިގެން ވައިބާ ގްރޫޕެއްގައި ހިތްހަމަނުޖެހުން ފާޅުކުރުމުންނެވެ.

ހިތްހަމަނުޖެހުން ފާޅުކޮށްފައި ވަނީ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރުގެ މަގާމުގެ ޝަރުތުތައް ކަމަށް އޭސީސީން އެކަށަޅާފައިވާ ޝަރުތުތަކާ މެދު އެވެ. އެކަމާ އެ ކޮމިޝަނުގެ މުވައްޒަފުންގެ ތެރެއިން، ޒީބާ ހިމެނޭހެން އިތުރު މުވައްޒަފުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

އެ ކަންބޮޑުވުންތައް ފާޅުކުރަމުންދިޔައީ އޭސީސީގެ ސެކެޓްރީ ޖެނެރަލް ވެސް ހިމެނޭ ވައިބާ ގްރޫޕެއްގަ އެވެ. އެ ކޮމިޝަނުގެ މުވައްޒަފުން ފިޔަވައި އިތުރު އެހެން އެއްވެސް ބަޔަކު އެވައިބާ ގްރޫޕްގައި ހިމެނޭކަން އެނގޭކަށް ނެތެވެ.

ވައިބާ ޗެޓް ލޮގް ތެރެއިން ޒީބާ ދައްކާފައިވާ ވާހަކަތަކަށްބަލައި، އޭނާގެ މަސައްކަތުގެ އަހުލާގު އެކަށީގެންނުވާ ކަމަށާއި، ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ ކޮމިޝަނަށް ގެއްލުންވާނެ ކަމެއްކަމަށް ފެންނާތީ ޒީބާ ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ.

އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ގާނޫނާ ހިލާފަށްކަމަށް ކަނޑައަޅައިދިނުމަށާއި، އޭނާ އަދާކުރަމުންދިޔަ ވަޒީފާ އަނބުރާ އިއާދަކޮށްދިނުމަށާއި ނުވަތަ އެ މަގާމާ އެއް ފެންވަރުގެ މަގާމެއްގެ ވަޒީފާއެއް ހަމަޖައްސައިދިނުމަށް މައްސަލަ ރައްދުވި ފަރާތުގެ މައްޗަށް އަމުރުކޮށްދިނުމަށާއި، އޭނާއަކީ އެއްވެސް ހާލަތެއްގައި ވަޒީފާއިން ވަކިކޮށްފައިވާ މީހެއްކަމަށް ނުބެލުމަށާއި، ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން ވަޒީފާ އަނބުރާ ރުޖޫއަކޮށްދޭ ތާރީހާ ހަމައަށް މުސާރައާއި އިނާޔަތުގެ ގޮތުގައި ލިބެންޖެހޭ ފައިސާ އެކީ އެއްފަހަރާ ލިބިދިނުމަށާއި، އަދި އޭނާއަށް ކުރިމަތިވި މާލީ ދަތިތަކުގެ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި އެއް މަސްދުވަހުގެ މުސާރައާއި އިނާޔަތްތައް ނަގައިދިނުމަށް އެދި ޒީބާގެ ފަރާތުން ވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅައިފަ އެވެ.

ނަމަވެސް ޓްރައިބިއުނަލް އިން ބުނީ ޒީބާ ވަޒީފާއިން ވަކިކޮށްފައިވަނީ
ގާނޫނު ހުއްދަކުރާފަދަ އެކަށީގެންވާ ސަބަބެއް އޮވެ މަޢުޟޫޢީ
އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމްކުރުމަށްފަހުގައި ކަމަށެވެ. އަދި ޒީބާ އެދިފައިވާފަދަ އަމުރެއް މައްސަލަ ރައްދުވި އޭސީސީގެ މައްޗަށް ކުރާނެ ހަމައެއް ނެތްކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

ޓްރައިބިއުނަލްގެ ނިންމުން ޒީބާގެ ފަރާތުން ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ.

މައްސަލައިގައި ހައިކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ ވައިބާ ޗެޓް ލޮގަށް ބަލާއިރު، އޭސީސީން ކުރި ދެ އިއުލާނާއި ގުޅިގެން، ކަންބޮޑުވުން ފާޅުކޮށްފައިވަނީ ހަމައެކަނި ޒީބާ އެކަނި ނޫން ކަމާއި، އަދި ކަންބޮޑުވުންތައް ފާޅުކުރަން ފެށީވެސް، ޒީބާ ނޫންކަން އެނގޭ ކަމަށެވެ.

އަދި ޒީބާ ދައްކާފައިވާ ވާހަކައާއި، އެކަންބޮޑުވުންތަކާއި ގުޅިފައިވާ ކަމުގެ ހަގީގަތްތަކުގެ މައްޗަށް ބުރަވެ ބަލާއިރު، އޭސީސީގެ އަގު މުވައްޒަފުންގެ ކުރިމަތީގައި ވެއްޓެންޖެހޭ އިބާރާތަކަށް ވަނީ ކީއްވެގެންކަން އެ ކޮމިޝަނުން ބަޔާންކޮށްފައި ނުވާ ކަމަށެވެ.

އަދި އެމަގާމަކީ، އޭސީސީން މުޅިން އަލަށް އުފެއްދި އަދި އެ ކޮމިޝަނަށް މުވައްޒަފުން ނެގުމާ ގުޅޭގޮތުން އަމަލު ކުރަމުންދާ ގަވާއިދާ އުސޫލުގައި އެއްގޮތް ނޫންގޮތަކަށް ނުވަތަ ހަމަހަމަ ނޫންގޮތަކަށް
ޝަރުތު ކަނޑައެޅިގެން މުވައްޒަފަކު ނެގުމަށް ކުރެވުނު އިއުލާނެއްނަމަ، އޭސީސީގެ ތަބީއަތަށް ބަލާއިރުވެސް، އެތަނުގެ މުވައްޒަފުންގެ ކިބައިގައި، އެކަމާމެދު ކަންބޮޑުވުން ފާޅުކުރުމުގެ ގަބޫލުކުރެވޭ
ސަބަބެއް އޮންނާނެ ކަމަށެވެ.

މައްސަލަ ޓްރައިބިއުނަލުން ބެލިއިރުވެސް އަދި ހައިކޯޓުގައި ކުރިއަށް ދިޔައިރުވެސް، ދެ އިއުލާނާއި އެއިއުލާނުތަކުގައި ކަނޑައެޅި ޝަރުތުތަކާއި، އެންޓި ކޮރަޕްޝަން ކޮމިޝަނަށް މުވައްޒަފުން ހޯދުމުގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ ގަވާއިދު ނުވަތަ އުސޫލު ބަލަން ލިބިފައެއް ނެތް ކަމަށާއި މައްސަލައިގައި ބަލަންޖެހޭ މުހިންމު އެއްޗަކީ އެއީ ކަމަށް ހުކުމްގައިވެ އެވެ.

"އެހެނީ، މުވައްޒަފުގެ ކަންބޮޑުވުމަކީ ހަގީގަތެއްކަން ނުވަތަ ހަގީގަތެއް ނޫންކަން ދެނެގަނެވީ ކުޑަމިނުން މިކަންކަން ބެލިގެންނެވެ. މުވައްޒަފުގެ
ކަންބޮޑުވުމަކީ ހަގީގަތަކަށް ވެއްޖެނަމަ، އެކަން ފާޅުކުރި މުވައްޒަފާމެދު އެއްވެސް ފިޔަވަޅެއް އެޅުމަކީ ގާނޫނީ ހަމައަކުން ނުވަތަ އެކަށީގެންވާ ހަމައަކުން ކުރެވިދާނެ ކަމެއް ނޫނެވެ." ހައިކޯޓުން ބުނެފައިވެ އެވެ.

ހައިކޯޓުން ބުނީ އެ ހާލަތުގައި ހުއްޓުވަންޖެހޭނީ އެ އިއުލާނާއި އެ އިއުލާނުގެ ދަށުން މީހަކު ވަޒީފާއަށް ނެގުން ކަމަށާއި އެއާ ހިލާފަށް މުވައްޒަފު ފާޅުކުރި ހިޔާލަކީ އޭސީސީއަށް މުވައްޒަފުން ނެގުމަށް އެކަށައެޅިފައިވާ ގަވާއިދާ އުސޫލާއި ކަނޑައެޅިގެން ހިލާފު ފިތުނަވެރި ހިޔާލެއްނަމަ، އޭސީސީގެ ގަވާއިދުގައިވާ ގޮތުގެ މަތިން ފިޔަވަޅުއެޅުމަކީ ކުރެވިދާނެ ކަމެއް ކަމަށެވެ.

ޒީބާ ވަޒީފާއިން ވަކި ކުރުމާއި ހަމައަށް މަސައްކަތުގެ އަހްލާގާއި ސުލޫކަށް 100 ޕޮއިންޓް ލިބިފައިވާކަން އޭނާ ހުށަހެޅި އެޕްރައިޒަލް ފޯމުން އެނގޭތީ، އޭނާ ވަޒީފާއިން ވަކިކުރުމުގައި މަސައްކަތުގެ އަހްލާގު އެކަށީގެން ނުވާކަމަށް ނިންމި ނިންމުން ބިނާވަނީ ވައިބާ ޗެޓް ލޮގުގައި ދައްކާފައިވާ ވާހަކަ ތަކުގެ މައްޗަށް ކަން އެނގޭ ކަމަށް ވެސް ހައިކޯޓުން ބުނެފައިވެ އެވެ.

އޭގެ އިތުރުން ކޮމިޝަންގެ މެންބަރުންނާއި ސެކެރެޓަރީ ޖެނެރަލްއަށް ޒީބާ އިހްތިރާމް ކުޑަކުރި ކަމަށް ވެސް ބުނެފައިވެ އެވެ. ނަމަވެސް އެއީ އިދާރީ ގޮތުން ބެލިފައިވާ މައްސަލައެއް ނޫން ކަމަށް ވެސް ހައިކޯޓުން ފާހަގަކޮށްފައިވެ އެވެ.

އެ މައްސަލައިގައި ހައިކޯޓުން ނިންމާފައި ވަނީ ޒީބާ އޭސީސީގެ މެންބަރުންނާއި މުވައްޒަފުން ހިމެނޭ ވައިބާ ގްރޫޕްގައި ފާޅުކޮށްފައިވާ ހިޔާލަކީ ނުވަތަ ދައްކާފައިވާ ވާހަކައަކީ، އޭނާ ކޮމިޝަންގައި
އަދާކުރަމުން ދިޔަ ވަޒީފާއިން އޭނާ ވަކިކުރަންޖެހޭ އެކަށީގެންވާ ސަބަބެއްކަމަށް ބެލެވޭނެ ގާނޫނީ ހަމައެއް ނެތް ކަމަށެވެ.

އަދި އޭނާ ވަޒީފާއިން ވަކިކުރީ ގާނޫނާ ހިލާފަށް، އެކަށީގެންވާ ސަބަބެއް ނެތި ކަމަށްވާތީ، އޭނާ އަކީ އެއްވެސް ހާލަތެއްގައި ވަޒީފާއިން ވަކިވެފައިވާ މީހެއްކަމަށް ނުބެލުމަށާއި، އޭނާ އެ ކޮމިޝަންގައި އަދާކުރަމުން ދިޔަ ވަޒީފާ ނުވަތަ އެވަޒީފާއާ އެއްވަރުގެ އެހެން ވަޒީފާއެއް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ލިބުމުގެ ފުރުސަތު
ހަމަޖައްސައި ދިނުމަށް ހައިކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނުން ހަމަޖައްސާ ވަޒީފާއަށް ޒިބާ ރުޖޫއަވާން އެދޭނަމަ، އެފުރުސަތު އޮންނަން ވާނެ ކަމަށާއި ނަމަވެސް ވަޒީފާއިން ވަކި ކުރިތާ އެކަށީގެންވާ ގިނަ ދުވަސްތަކެއް މިހާރު ފާއިތުވެފައިވާތީ، އޭސީސީން ހަމަޖައްސާ ވަޒީފާއަށް ރުޖޫއަވުމަށް މިހާލަތުގައި ކޯޓުން އަމުރު ކޮށްފިނަމަ، ނޭދެވޭ އެހެން ނަތީޖާތަކެއް ނިކުމެދާނެ ކަމަށް ހުކުމްގައިވެ އެވެ.

އަދި ވަޒީފާއިން ވަކިކުރި ތާރީހުން ފެށިގެން، ވަޒީފާ ރުޖޫއަކުރާ ތާރީހާ ހަމައަށް ވަޒީފާއިން އޭނާއަށް ލިބެންޖެހޭ މުސާރައާއި އެހެނިހެން އިނާޔަތްތަކުން ޒީބާއަށް ލިބެންޖެހޭ މިންވަރު ކަނޑައެޅުމަށް ޓްރައިބިއުނަލް އަށް ހުށަހަޅައި، ޓްރައިބިއުނަލް އިން ކަނޑައަޅާ ގޮތެއްގެ މަތިން ޒީބާއަށް ފައިސާ ލިބިދިނުމަށް ވެސް ހުކުމްގައިވެ އެވެ.

comment ކޮމެންޓް