ކޮވިޑް ހާލަތުގައި އިންތިހާބު ބާއްވާތީ، 45 މިލިއަން އިތުރަށް ހަރަދުވާނެ: އީސީ

އީސީން މިއަދު ބޭއްވި ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސް

ކޮވިޑް19އާ ގުޅިގެން އަޅަން ޖެހޭ ރައްކާތެރި ފިޔަވަޅުތަކާ ގުޅިގެން ކައުންސިލް އިންތިހާބު ބޭއްވުމަށް އިތުރަށް 45 މިލިއަން ރުފިޔާ ބޭނުންވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފި އެވެ.

ފަސް ކުރި އިންތިހާބު އަންނަ އެޕްރީލް މަހު 10 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ އިސީން މިއަދު ވަނީ އިއުލާންކޮށްފަ އެވެ. މަޖިލީހުން ފާސް ކުރި ކައުންސިލް އިންތިހާބު ހާއްސަ ގާނޫނަށް ގެނައި އިސްލާހާއެކު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އިންތިހާބު ބޭއްވެން އޮތީ އެޗްޕީއޭގެ ގައިޑްލައިންއާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

އިލެކްޝަންސް ކޮމިޝަންގެ ގައުމީ ލަފާދޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަންގެ މެމްބަރު އަހްމަދު ފުއާދު ވިދާޅުވީ، އެޗްޕީއޭގެ ގައިޑްލައިންއާ އެއްގޮތްވާ ގޮތުގެ މަތިން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އިންތިހާބު ބޭއްވުމަށް ޖުމްލަ 95 މިލިއަން ރުފިޔާ ބޭނުންވާނެ ކަމަށެވެ.

މަޖިލީހުން ފާސް ކުރި ބަޖެޓްގައި އިންތިހާބު ބޭއްވުމަށް ކަނޑައަޅާފައިވަނީ 51 މިލިއަން ރުފިޔާ އެވެ.

ފުއާދު ވިދާޅުވީ، އޭރުވެސް އެ ލިބުނު ބަޖެޓާމެދު ކޮމިޝަނުން ކަންބޮޑުވުން ފާޅުކޮށްފައިވާނެ ކަމަށެވެ.

"ކޮވިޑް ވަބާއާއެކު އެޗްޕީއޭއިން މި ދިން ގައިޑްލައިންއާއެކު އަނެއްކާ އިތުރު މިވަނީ އެތަށް ރުފިޔާއެއް. ސީދާ އަދަދުން ބަލާނަ 44.9 މިލިއަން ރުފިޔާ އެބަ ބޭނުންވޭ،" ފުއާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކޮވިޑްގެ ކުރިން ބޭއްވި އިންތިހާބުތަކުގައި ކުރަން ނުޖެހޭ އެތައް ކަމެއް މި އިންތިހާބުގައި ކުރަން ޖެހުމުގެ ސަބަބުން އިތުރަށް ހަރަދު ހިނގާނެ ކަމަށެވެ. އެގޮތުން މި ހާލަތުގައި އިންތިހާބު ބާއްވާނަމަ، އޮފިޝަލުން އިތުރަށް ބޭނުންވެ، މަސައްކަތްވެސް އިތުރަށް ބޮޑުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އިތުރަށް ކުރަން ޖެހޭ ކަންތަައްތަކުގެ ތެރޭގައި އެބަ ޖެހޭ އެތަނަށް އަންނަ މީހުން ގައިގޯޅި ވިޔަނުދިނުމަށް އިތުރު ފްލޯ މެނޭޖަރުންނާއި އިތުރު އޮފިޝަލުންނާއި ހުން ބަލަން އެބަ ޖެހޭ، މާސްކް އަޅާފައި ހުރިތޯ ބަލަން އެބަޖެހޭ، ސެނިޓައިޒް ކުރަން ޖެހޭ،" އިތުރަށް ހަރަދު ހިނގާ ސަބަބު ހާމަކުރައްވާ ފުއާދު ވިދާޅުވި އެވެ.

އިންތިހާބުގައި އިތުރަށް ހިނގާނެ ހަރަދުތަކުގެ ތަފްސީލު ދެއްވަމުން އޭނާ ވިދާޅުވީ މުވައްޒަފުންގެ ހަރަދަށް އިތުރަށް 6.8 މިލިއަން ރުފިޔާ ހޭދާވާނެ ކަމަށް ލަފާ ކުރެވޭއިރު، ދަތުރުފަތުުރުގެ ހަރަދަށް އިތުރަށް ތިން މިލިއަން ރުފިޔާ، އޮފީސް ހިނގުމުގެ ތަކެއްޗާއި ހިދުމަތަށް 34 މިލިއަން ރުފިޔާ އަދި ތަމްރީން ކުރުުގެ ހަރަދަށް އިތުރަށް 747،000 ރުފިޔާ ހަރަދުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ފުއާދު ވިދާޅުވި އެވެ.

އިތުރަށް ހަރަދު ހިނގާ ސަބަބު އިތުރަށް ތަފްސީލުކޮށްދެމުން މިސާލެއް ނަންގަވާ ފުއާދު ވިދާޅުވީ، މީގެ ކުރިން ތަމްރީންކުރުމުގެ ކަންކަން ކުރިއަށް ގެންދިޔައިރު، ގައިދުރުކަމާ ނުލާ ވަކި އަދަދަކަށް މީހުން އެއްތަން ކުރެވޭ ކަމަށާއި އެހެން ނަމަވެސް ކޮވިޑް މި ހާލަތުގައި ތަމްރީން ކުރުމުގެ ކަންކަން ކުރިއަށް ގެންދަން ޖެހޭނީވެސް އެޗްޕީއޭގެ ގައިޑްލައިންއާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށްވުމުން އެކަމަށް މިހާލަތުގައި ހިނގާ ހަރަދު ބޮޑުވާނެ ކަމަށެވެ.

"އާންމު ހާލަތެއްގައި ތަމްރީންކުރެވޭ މަރުކަޒަކަށް ވަދެވޭ މީހުންގެ ދެބައިކުޅަ އެއްބައި މަދުވާނެ. އަނެއްކާ ވޯޓުލާ މަރުކަޒުތައްވެސް އެތައްނެއް އިތުރުކުރަން ޖެހޭނެ،" ފުއާދު ވިދާޅުވި އެވެ.

އެހެންކަމުން މި އިންތިހާބަކީ މީގެ ކުރިން ކުރަން ނުޖެހޭ އެތައް ހަރަދެއް ކޮށްގެން ބާއްވާނެ އިންތިހާބެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް އިލެކްޝަންސް ކޮމިޝަންގެ ޒިންމާ ކޮމިޝަނުން އަދާ ކުރާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ. އަދި އިތުރަށް ބަޖެޓް ހޯދުމަށް ފިނޭސް މިނިސްޓްރީއާއި މަޖިލިސްގައި އެދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް