ހުރިހާ މީޑިއާއަކަށް ހަމަހަމަ ފުރުސަތު ދޭން ބްރޯޑްކޮމް އިން އިލްތިމާސްކޮށްފި

ބްރޮޑްކޮމްގެ މެންބަރުން ---

ދައުލަތާއި ސަރުކާރުގެ އިދާރާތަކުން ބާއްވާ ނޫސް ކޮންފަރެންސްތަކާއި އެކިއެކި ހަރަކާތްތައް ކަވަރުކުރުމަށް ބްރޯޑްކާސްޓަރުންނާއި ނޫސްވެރިންނަށް ހަމަހަމަ ފުރުސަތު ފަހިކޮށްދިނުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން އިލްތިމާސްކޮށްފި އެވެ.

އެ ކޮމިޝަނުން ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ، ރާއްޖޭގެ ގާނޫނު އަސާސީގެ 27 އަދި 28 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ހައްގެއްގެ އިތުރުން ޑިމޮކްރަސީއެއްގެ ވެސް އެންމެ މުހިންމު އެއް އަސާސްކަމަށެވެ.

"އެހެންކަމުން، ދައުލަތާއި ސަރުކާރުގެ އިދާރާތަކުން ބާއްވާ ނޫސް ކޮންފަރެންސްތަކާއި އެކިއެކި ހަރަކާތްތައް ކަވަރުކުރުމަށް ބްރޯޑްކާސްޓަރުންނާއި ނޫސްވެރިންނަށް ހަމަހަމަ ފުރުސަތު ފަހިކޮށްދީ، އެކަން ކަށަވަރުކޮށްދިނުމަށް ކަމާބެހޭ އެންމެހާ އިދާރާތަކަށް މި ކޮމިޝަނުން އިލްތިމާސްކުރަމެވެ." ބްރޮޑްކޮމްގެ ބަޔާނުގައިވެ އެވެ.

ބްރޯޑްކޮމް އިން މިފަދަ ސާކިއުލާއެއް ނެރެފައި މިވަނީ، ހެލްތު މިނިސްޓްރީގެ އިވެންޓެއްގެ މައުލޫމާތު މީޑިއާތަކާ ހިއްސާނުކޮށް، އެންމެ ދެ ޗެނަލް ބައިވެރިކޮށްގެން ކުރިއަށް ގެންދިއުމުން ހިތްހަމަނުޖެހުން ފާޅުކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ.

މި މަހުގެ 24 ވަނަ ދުވަހު، ހެލްތު މިނިސްޓަރު ވެސް ބައިވެރިވެވަޑައިގެންނެވި އިވެންޓުގައި ބައިވެރިކޮށްފައި ވަނީ ހަމައެކަނި ޓީވީއެމް އާއި ރާއްޖެ ޓީވީ އެވެ.

މީޑިއާތަކުން ނުރުހުން ފާޅުކުރުމާ ގުޅިގެން ހެލްތު މިނިސްޓްރީން ބުނީ އެއީ ވަރަށް ކުއްލި ގޮތަކަށް ބޭއްވި އިވެންޓަކަށް ވާތީ ޖާގައިގެ ގޮތުން ހުރިހާ މީޑިއާއަކަށް އަންގާނުލެވުނީ ކަމަށެވެ.

comment ކޮމެންޓް