ލަންކާއިން ކޮވިޑުގައި މަރުވާ މީހުން އެންދުމަކީ އިންސާނީ ހައްގުތަކާ ހިލާފު ކަމެއް: އދ

ލަންކާއިން ކޮވިޑުގައި މަރުވާ އެންމެން އެންދުމަކީ އިންސާނީ ހައްގުތަކާ ހިލާފުވާ ކަމެއް -- ފޮޓޯ: އޭޕީ

ކޮލަމްބޯ (ޖެނުއަރީ 26): ކޮވިޑް-19 ބަލީގައި މަރުވާ މީހުންގެ އާއިލާގެ ހުއްދައާ ނުލައި ސްރީލަންކާއިން އެމީހުންގެ ހަށިތައް އެންދުމަކީ އިންސާނީ ހައްގުތަކާ ހިލާފު އަމަލެއް ކަމަށް އދ.އިން ބުނެފި އެވެ.

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ މާހިރުން ނެރުނު ބަޔާނެއްގައިވާ ގޮތުން ކޮވިޑުގައި މަރުވާ މީހުންގެ ހަށިތައް އަންދަން ލަންކާއިން ގެންގުޅޭ ސިޔާސަތުގެ ސަބަބުން މިހާރުވެސް މުޖުތަމައުގައި ހިނގަމުންދާ ހަމަނުޖެހުމާއި ތަފާތު ކުރުންތަކަށް ހިތްވަރު ލިބިގެން ގޮސްދާނެ އެވެ. އަދި އޭގެ ސަބަބުން މީހުން ސިއްހީ ފަރުވާ ހޯދުމަށް ފަސް ޖެހޭނެ އެވެ.

"ކޮވިޑް-19ގައި މަރުވާ މީހުން ނުވަތަ އެބަލީގައި މަރުވި ކަމަށް ޝައްކު ކުރެވޭ މީހުންގެ ހަށިގަނޑާ މެދު އަމަލު ކުރެވޭނެ ހަމައެކަނި ގޮތަކީ އެންދުން ކަމަށް ކަނޑައެޅުމަކީ އިންސާނީ ހައްގުތަކާ ހިލާފުވާ ކަމެއް. އަދި މަރުވެފައިވާ މީހުން ވަޅުލުމަކީ ކޮވިޑް-19 ފަދަ ގައިން ގަޔަށް އަރާ ބަލިތައް ފެތުރުމުގެ ނުރައްކާ އިތުރުވާ ކަމެއް ކަމަށް ދޭހަވާ އެއްވެސް މެޑިކަލް ނުވަތަ ސައިންޓިފިކް ހެއްކެއް ލަންކާއިންވެސް އެހެން ގައުމަކުން ވެސް ފެނިފައި ނުވޭ،" އދ.ގެ މާހިރުން ވިދާޅުވި އެވެ.

މީގެ އިތުރުން، ލަންކާގެ ސަރުކާރުން އެކުލަވާލި ކޮވިޑާ ގުޅުން ހުރި މާހިރުންގެ ޓީމަކުން ލަފާ ދިނީ ބަލީގައި މަރުވާ މީހުން އެންދުމަށް ނުވަތަ ވަޅުލުމަށް ކަމަށާއި ނަމަވެސް ސަރުކާރުން އަމަލު ކުރީ އެ ލަފަޔާ ހިލާފަށް ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި ލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މީހުން އެގައުމުގައި ވަޅުލެވޭނެ ގޮތާ ބެހޭ ގޮތުން ކަމާ ގުޅުން ހުރި ކޮމިޓީން އެކުލަވާލާފައިވާ ރިޕޯޓު އާއްމު ކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށާއި އެހެން ގައުމެއްގައި މީހުން ވަޅުލުމަށް ގެންގުޅޭ ހިޔާލު ދޫކޮށްލާނެ ކަމަށް އުއްމީދު ކުރާ ކަމަށް އެ ބަޔާނުގައިވެ އެވެ.

ލަންކާއިން ކޮވިޑުގައި މަރުވާ މީހުންގެ ހަށިތައް އަންދަން ނިންމީ މިދިޔަ އޭޕްރިލް މަހުގަ އެވެ. އެއީ އެ ބަލީގައި މަރުވާ މީހުން ވަޅުލުމުން ބިމުގެ ފެން ފަށަލަ ތަޣައްޔަރުވެ، ވައިރަސް ފެތުރިދާނެ ކަމަށް އެގައުމުގެ ނުފޫޒު ގަދަ ބުޑިސްޓު ހާމުދުރުން ތުހުމަތު ކުރުމުންނެވެ. އަދި ލަންކާ ސަރުކާރުން އޭރު އައްޔަން ކުރި މާހިރުންގެ ކޮމިޓީއަކުން ވެސް ނިންމީ ކޮވިޑުގައި މަރުވާ މީހުން އެންދުން ނޫން ގޮތެއް ނެތް ކަމަށެވެ.

އެ ސިޔާސަތުގެ ދަށުން ލަންކާއިން ކޮވިޑު ޖެހިގެން މަރުވާ މުސްލިމުންގެ ހަށިތައް އާއިލާގެ ހުއްދައާ ނުލައި އަންދާތީ ސަރުކާރަށް ފާޑު ކިޔުންތައް އަމާޒުވި އެވެ. އަދި ބަލީގައި މަރުވާ ބައެއް މުސްލިމުންގެ އާއިލާތަކުން އެ މީހުންގެ ހަށިގަނޑު އެންދުމުގައި ބައިވެރިވި ނުވުމުގެ ގޮތުން، މަރުވާ މީހުންގެ ހަށިގަނޑާ ހަވާލުވާން ދެކޮޅު ހަދަން ފެށި އެވެ.

އެ ފާޑު ކިޔުންތަކާ ގުޅިގެން، ކޮވިޑު ޖެހިގެން މަރުވާ މީހުން ވަޅުލުމާ ބެހޭ ގޮތުން ހިޔާލު ހޯދުމަށް، ވައިރޮލޮޖިސްޓުންނާއި އެހެން ސިއްހީ މާހިރުން ހިމެނޭ 11 މެމްބަރުންގެ އާ ކޮމިޓީއެއް ލަންކާއިން މިދިޔަ މަހު އެކުލަވާލި އެވެ. އަދި އެ ކޮމިޓީން ލަފާ ދިނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު މުސްލިމުންގެ ހަށިތައް އިސްލާމް ދީނުގައި އޮންނަ ގޮތަށް ވަޅުލުމަށް ފުރުސަތު ދިނުމަށެވެ. ނަމަވެސް އޭގެ ފަހުން ވެސް ލަންކާގެ ސަރުކާރުން ވަނީ ކޮވިޑުގައި މަރުވާ މީހުން އަންދާނީ ކަމަށާއި އެ ނިންމުން ބަދަލު ކުރެވެން ނެތް ކަމަށް ބުނެފަ އެވެ.

އެ މައްސަލައާ ގުޅިގެން، ލަންކާގެ މުސްލިމުން ރާއްޖޭގައި ވަޅުލަން ލަންކާ ސަރުކާރުން ދިވެހި ސަރުކާރުގެ އެހީއަށް ވެސް އެދުނެވެ. ނަމަވެސް ފަހުން ލަންކާ ކެބިނެޓުން ވަނީ އެގައުމުން އެ ވިސްނުން ދޫކޮށްލާފައިވާ ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް