މިދިޔަ ތިން މަހު ވަޒީފާ ގެއްލުނު މީހުންގެ އަދަދު މައްޗަށް

އޭޕްރީލް 24، 2020: މާލޭގެ މަގުމަތި-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގައި ބައެއް ސިނާއަތްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް އެމްއެމްއޭގެ ދިރާސާއަކުން ދައްކައިފި އެވެ.

އެމްއެމްއޭގެ ކުއާޓަލީ ބިޒްނަސް ސާވޭގައި މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގައި މުވައްޒަފުންގެ އަދަދު ދަށްވި ކަމަށް މައުލޫމާތު ދީފައި ވަނީ އެ ސާވޭގެ ބައިވެރިންގެ ތެރެއިން ދަތުރުފަތުރު އަދި މުއާސަލާތީ ހިދުމަތްތަކުގެ ސިނާއަތާއި އިމާރާތްކުރުމުގެ ސިނާއަތުގެ ވިޔަފާރިތަކުންނެވެ.

އެހެން ނަމަވެސް ފަތުރުވެރިކަމުގެ ސިނާއަތާއި، ހޯލްސޭލް އަދި ރީޓެއިލް ސިނާއަތުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ އަދަދު 2020 ވަނަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގައި ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް އެ ދިރާސާއިން ދައްކަ އެވެ.

މިދިޔަ އަހަރުގެ ބޮޑުބައެއް ކޮވިޑް19 ޕެންޑެމިކްގައި ވޭތުވިއިރު، ޕެންޑެމިކްގެ ސަބަބުން ގިނަ އަދަދެއްގެ މީހުންގެ ވަޒީފާއަށް އަސަރުކޮށް ނުވަތަ ވަޒީފާ ގެއްލިފައިވެ އެވެ.

އެ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ އިންކަމް ސަޕޯޓް އެލަވަންސް ސުކީމްގެ ދަށުން ހުސްވި ޑިސެމްބަރު މަހުގެ ނިޔަލަށް 17،147 މީހަކަށް 221.1 މިލިއަން ރުފިޔާ އިންކަމް ސަޕޯޓުގެ ގޮތުގައި ވަނީ ދޫކޮށްފަ އެވެ.

އެމްއެމްއޭ އިން މިދިޔަ ޑިސެމްބަރު 24އިން މި މަހުގެ 16އާ ހަމައަށް ކުރިއަށްގެންދިޔަ ކުއާޓަލީ ބިޒްނަސް ސާވޭގައި ފަތުރުވެރިކަން، އިމާރާތްކުރުން، ދަތުރުފަތުރު އަދި މުއާސަލާތީ ޚިދުމަތްތަކާއި ހޯލްސޭލް އަދި ރީޓެއިލް ހިމެނޭ ގޮތަށް ހަތަރު ސިނާއަތަކުން ޖުމްލަ 121 ކުންފުންޏަކުން ވަނީ ބައިވެރިވެފަ އެވެ.

comment ކޮމެންޓް