ރާއްޖޭގެ ކަނޑުތަކަށް ކުނިއެޅުން ހުއްޓުވުމަށް ޕްރޮޖެކްޓެއް

ޕްރިވެންޝަން އޮފް ދަ މެރީން ލިޓާ، ދަ ލަކްޝަދީޕް ސީ (ޕްރޮމިސް) ޕްރޮޖެކްޓް ރަސްމީކޮށް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ : ފަޔާޒު މޫސާ

ރާއްޖެ އާއި އިންޑި އާއި ސްރީ ލަންކާ ހިމެނޭ ސަރަހައްދުގެ ކަނޑުތަކަށް ކުނިއެޅުން ހުއްޓުވުމަށްޓަކައި ބޮޑު ޕްރޮޖެކްޓެއް ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.

ޕްރިވެންޝަން އޮފް ދަ މެރީން ލިޓާ، ދަ ލަކްޝަދީޕް ސީ (ޕްރޮމިސް) ޕްރޮޖެކްޓް ރަސްމީކޮށް އިފްތިތާހުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކުރައްވާފައިވަނީ އެންވަޔަރަންމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނެވެ.

ޕްރޮމިސް ޕްރޮޖެކްޓުގެ ދަށުން އިއްޔެ ވަނީ ހާއްސަ ހަރަކާތެއް އިއްޔެ ކުރިއަށް ގެންގޮސްފަ އެވެ. ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ބައިވެރިވެވަޑައިންނެވި އެ އިވެންޓަކީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ގޮނޑުދޮށް ސާފުކުރުމުގެ ޕްރޮގްރާމެކެވެ.

ދިވެހި ރާއްޖޭގެ ޔުނިވާސިޓީ އާއި ޕާލޭ އާ ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ އެ ހަރަކާތުގެ ދަށުން އެންމެ ބޮޑު ސަމާލުކަމެއް ދޭނީ ޕްލާސްޓިކް ކުންޏަށެވެ. އެގޮތުން ޕާލޭ އިން ބުނިގޮތުގައި އިންޑިއާ އާއި ރާއްޖެ އަދި ސްރީ ލަންކާގައި ޕްލާސްޓިކް ކުނި ބޭނުން ކުރާގޮތާއި އެ މެނޭޖުކުރާ ގޮތަށް އެ ޕްރޮޖެކްޓުގެ ދަށުން ކުރިއަށް ގެންދާނެ އެވެ.

އެ ޕްރޮޖެކްޓު ބޮޑަށް އަމާޒުކޮށްފައިވާނީވެސް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކަމަށްވެސް ޕާލޭ އިން ބުނެ އެވެ.

ޕްރިވެންޝަން އޮފް ދަ މެރީން ލިޓާ، ދަ ލަކްޝަދީޕް ސީ (ޕްރޮމިސް) ޕްރޮޖެކްޓް އިފްތިތާހުކުުރުމުގެ ރަސްމިއްޔާތުގައި އެންވަޔަރަންމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ވާހަކަފުޅުދައްކަވަނީ --- ސަން ފޮޓޯ : ފަޔާޒު މޫސާ

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންވަޔަރަންމެންޓް މިނިސްޓަރު ވަނީ މުރަކައިން ހެދިފައިވާ ރާއްޖެއަށް ދެމިއޮތުމަށް މުރަކަ އިސް ރޯލެއް އަދާ ކުރާ ކަމަށް އަލިއަޅުވާލާފައެވެ. އަދި އެހެންކަމުން އެ މުރަކައަށް ކަމޭހިތުމާއި އިހުތިރާމު ކުރަން ޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މުރަކައަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ކުޅި އެޅުމުގެ މައްސަލަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕްލާސްޓިކާއެކު އުޅެން އަޅުގަނޑުމެނަށް ފަރިތަވަމުން ފަރިތަވަމުން އައިސް ޕްލާސްޓިކާ ނުލާ ނޫޅެވޭ ހިސާބަށް އަޅުގަނޑުމެނަށް އާދެވިފައި މިހާރު މި ތިބީ. ކުނީގެ މައްސަލަ މިހާރު މައްސަލައަކަށް ވެގެން މިއުޅެނީ ހަގީގަތުގައި ކުނި ނުވާ، ކުނީގެ ބާވަތްތައް މޫދަށް އަޅާތީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެ ފަދަ ރަށްތައް ގިރުން ހުއްޓުވާ ރައްކާތެރި ކުރުމަށްޓަކައި ޕްލާސްޓިކް ބޭނުންކުރާ ގޮތް މަދުކުރުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.

comment ކޮމެންޓް