ރާއްޖޭގެ އިންކަމް ސަޕޯޓް ސްކީމަށް ވޯލްޑު ބޭންކުން އިތުރު 21.6 މިލިއަން ޑޮލަރު ދެނީ

މެއި 27، 2020: މީހަކު މަގުމަތީގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19އާ ގުޅިގެން ވަޒީފާ ގެއްލިފައިވާ ނުވަތަ އާމްދަނީއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް ސަރުކާރުން ދެމުންގެންދާ އިންކަމް ސަޕޯޓް އެލަވަންސް ސްކީމަށް 21.6 މިލިއަން ޑޮލަރު ދިނުމަށް ވޯލްޑް ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފި އެވެ.

ވަޒީފާއަށް އަސަރުކުރި ފަރާތްތަކަށް ވޯލްޑު ބޭންކުގެ އެހީއާ އެކު ކޮވިޑް އިމަޖެންސީ އިންކަމް ސަޕޯޓް އެލަވަންސް ދޭން ފެށީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ. އޭރު އެ ސްކީމުގައި އޮތީ 12.8 މިލިއަން ޑޮލަރެވެ.

ކޮވިޑް އިންކަމް ސަޕޯޓް އެލަވެންސް ސްކީމްގެ ދަށުން ބަލިމަޑުކަމާ ގުޅިގެން ވަޒީފާއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް މަހަކު 5،000 ރުފިޔާގެ އެލަވަންސެއް އައީ ދެމުންނެވެ.

ވޯލްޑް ބޭންކުން ރާއްޖެ، ސްރީލަންކާ އަދި ނޭޕާލްއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު ޒާވޮސް ވިދާޅުވީ ޕެންޑެމިކްގެ ސަބަބުން ވަޒީފާއަށް ކުރާ އަސަރު މިއަހަރުގެ ބޮޑު ބަޔަކަށް ދެމިގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ.

"ދުނިޔޭގެ އެކި ކަންކޮޅުތަކާއި ރާއްޖޭގައިވެސް ވައިރަސް ފެތުރިފައިވާ މިންވަރުގެ ސަބަބުން، ފިނިމޫސުމުގެ ފަތުރުވެރިކަމުގެ ހައި ސީޒަންގައިވެސް ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު މަދުވާނެ ކަމަށް ހޮޓާތަކާއި ރިސޯޓްތަކުން އަންދާޒާކުރޭ. ބައެއް ތަންތަން ބަންދުކޮށްފައިވާއިރު، ގިނަ އަދަދެއްގެ މަސައްކަތްތެރިން ތިބީ މުސާރަ ނުލިބޭ ގޮތަށް ނުވަތަ ކުޑަ މުސާރައަކާ އެކު ޗުއްޓީގައި އަދި ބައެއް ފަރާތްތަކުގެ ވަޒީފާ ވަނީ ގެއްލިފައި." އޭނާ ވިދާޅުވި އެވެ.

"އިތުރު ފައިސާއާއެކު ކޮވިޑް19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް ފުޅާކުރުމުގެ ސަބަބުން، ރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ އަސާސީ ހަރަދުތައް ފޫބެއްދުމަށް ބޭނުންވާވަރުގެ އާމްދަނީއެއް ލިބުމަށް އެހީއަކަށް ވެގެންދާނެ."

ވޯލްޑް ބޭންކުން ބުނީ ކޮވިޑް19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް ފަށައިގެން ހާލުގައި ޖެހިފައިވާ މަސައްކަތްތެރިންގެ ދިރިއުޅުން ސަލާމަތްކުރުމުގައި ސަރުކާރުން ވަރަށް ބޮޑު ދައުރެއް އަދާކޮށްފައިވާ ކަމަށެވެ.

އެގޮތުން މިދިޔަ ނޮވެމްބަރު މަހުގެ ނިޔަލަށް ބަލިމަޑުކަމުގެ ސަބަބުން ވަޒީފާ ގެއްލިފައިވާ ނުވަތަ އާމްދަނީއަށް އަސަރުކޮށްފައިވާ 17،000 އެއްހާ މަސައްކަތްތެރިންނަށް ގާތްގަނޑަކަށް ޖުމްލަ 10.3 މިލިއަން ޑޮލަރު އިންކަމް ސަޕޯޓް އެލަވެންސްގެ ގޮތުގައި ވަނީ ދީފަ އެވެ.

ހަމައެއާއެކު ހޭލުންތެރިކުރުމާއި ޝަރުތުތައް ލުއިކޮށްދިނުން އަދި އެހެނިހެން ގޮތްގޮތުން ފަސޭހަތައް ހޯދައިދިނުން ފަދަ ހާއްސަ ފިޔަވަޅުތައް މެދުވެރިކޮށް، އަންހެނުންނާއި އަމިއްލަ މަސައްކަތް ކުރާ ފަރާތްތައް ފަދަ އާންމު ގޮތެއްގައި ނުރަސްމީ ދާއިރާތަކުގަ އާއި ރަސްމީ އެއްބަސްވުންތައް ނެތް ގޮތަށް މަސައްކަތް ކުރާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އަހައްމިއްޔަތުކަންދޭ ކަން ވޯލްޑް ބޭންކުން ފާހަގަކުރެ އެވެ.

ވަގުތީ ގޮތުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން މުސްތަގްބަލުގައި އަތުވެދާނެ ލޮޅުންތައް ކުޑަކުރުމުގެ ގާބިލްކަން މި މަޝްރޫއުގެ ދަށުން އިތުރުކުރެވިގެންދާނެ އެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ފަރާތްތަކަށް މިފަދަ އެހީތެރިކަން ފޯރުވައިދެވޭ މިންވަރު އިތުރުކުރުމަށްޓަކައި ކައުންސިލްތަކަށް އިތުރު މަސްއޫލިއްޔަތުތައް ދިނުމުގެ ގޮތުން އިދާރީ ކަންކަން ހަރުދަނާ ކުރެވޭނެ އެވެ.

ހަމައެއާއެކު ކުރިމަގުގައި ދިމާވެދާނެ ކުއްލި ހާލަތެއްގައި ވަޒީފާދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކުން ކުރިމަތިލާންޖެހޭ ގޮންޖެހުންތައް ކުޑަކުރުމަށްޓަކައި ވަޒީފާ ގެއްލޭ ފަރާތްތަކަށް ހާއްސަ، މުޅިން އާ އިންޝުއަރެންސް ޕްރޮގްރާމެއް ތައާރަފްކޮށް، ވަރަށް ތަފްސީލީ ގޮތެއްގައި އެކަށައެޅޭ އިޖުތިމާއީ ރައްކާތެރިކަމުގެ ގައުމީ އޮނިގަނޑެއް އެކުލަވާލުމަށް ވެސް ވަނީ ރާވާފަ އެވެ. އަދި މިހާރު ހުރި ރިޓަޔަމަންޓް ޕެންޝަން ސްކީމާއި އެފަދަ އެހެނިހެން ޕްރޮގްރާމްތަކުގެ ފައިދާ ދެމެހެއްޓެނިވި ގޮތެއްގައި އަންނަން އޮތް ޖީލުތަކަށް ލިބޭނެކަން ކަށަވަރުކުރުމަށްޓަކައި އެފަދަ ޕްރޮގްރާމްތައް ވެސް މުރާޖައާ ކުރާނެ އެވެ.

ކޮވިޑް19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް ކުރިއަށް ގެންދަނީ އެންއެސްޕީއޭ އަދި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ އެހީތެރިކަމާއެކު އިކޮނޮމިކް މިނިސްޓްރީއިންނެވެ.

މި މަޝްރޫއަށް އިތުރަށް ހަރަދުކުރުމަށް ފާސްކޮށްފައިވާ 21.6 މިލިއަން ޑޮލަރު ހަމަޖެހިފައިވަނީ، ތަރައްގީވަމުން އަންނަ ގައުމުތަކަށް ލުއި ގޮތްތަކެއްގެ މަތިން އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ވާލްޑް ބޭންކްގެ ގޮފި ކަމަށްވާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިން ދޭ ހިލޭ އެހީގެ ގޮތުގަ އެވެ.

އިތުރަށް ހަމަޖެހުނު ފައިސާއާ އެކު 'ކޮވިޑް19 އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް' އަށް ޖުމްލަ ހޭދަކުރެވޭނީ 34.4 މިލިއަން ޑޮލަރެވެ. އޭގެ ތެރޭގައި، މީގެ ކުރިން އައިޑީއޭ އިން ފޯރުކޮށްދީފައިވާ 6.4 މިލިއަން ޑޮލަރުގެ ހިލޭ އެހީ އަދި 6.4 މިލިއަން ޑޮލަރުގެ ލޯނު އެހީ ވެސް ހިމެނެ އެވެ.

ކޮވިޑް19 އިން ރައްކާތެރިވުމަށާއި މި ބަލި ދެނެގަނެ، މި ބައްޔާ ދެކޮޅަށް މަސައްކަތްކުރުމަށް ރާއްޖެއަށް އެހީތެރިވުމުގެ ގޮތުން 7.3 މިލިއަން ޑޮލަރުގެ އަވަސް އެހީގެ ޕެކޭޖެއް ވާލްޑް ބޭންކުން ވަނީ މިދިޔަ އޭޕްރީލް މަހު ފޯރުކޮށްދީފަ އެވެ. އަދި ޑިޒާސްޓާ ރިސްކް މެނޭޖްމަންޓް ޑިވެލޮޕްމަންޓް ޕޮލިސީ ފައިނޭންސިން ވިތު އަ ކެޓެސްޓްރޮފީ ޑިފާޑް ޑްރޯޑައުން އޮޕްޝަން (ކެޓް ޑީޑީއޯ) ގެ ދަށުން 10 މިލިއަން ޑޮލަރުގެ މާލީ އެހީތެރިކަމާއި، 952،000 ޑޮލަރުގެ ޕެންޑެމިކް އިމަޖެންސީ ފެސިލިޓީއެއް ވެސް ރާއްޖެއަށް ހަމަޖައްސައިދީފައިވެ އެވެ. ޖުމްލަ 148 މިލިއަން ޑޮލަރުގެ އަގުހުރި 10 މަޝްރޫއެއް ވާލްޑް ބޭންކުން މިވަގުތުވެސް ރާއްޖޭގައި ދަނީ ހިންގަމުންނެވެ.

comment ކޮމެންޓް