ޔާރާއެ ލޯބިދޭށޭ... 6

ފަކުރުން އިނދެ ކުޑަ އެތިކޮޅެއް ކާލައިގެން ޖިލްވާ ތެދުވި އެވެ. ސޯފާ އާއި ދިމާއަށް ދާން ގޮސްފައި، ހުއްޓުނެވެ.

"ރިޕްސް..." ޖިލްވާ ގޮވައިލި އެވެ. "ޒެލް އެއީ ކާކު؟..."

********

"ޒެލް ނޭނގޭ؟..." ތަށިތައް ނަގަން ހުރި ރިފްއާން ސުވާލު ކުރި އެވެ.

ޖިލްވާ ބޯޖަހައިލި އެވެ. އެއާއިއެކު ރިފްއާން ޖަހައިލީ ލުއި ހިނިގަނޑެކެވެ.

"އެކަހަލަ މީހުންނާ މީޓްކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ..." ރިފްއާން ބުންޏެވެ.

"ރިޕްސް ތިބުނަނީ، ޖިލް ކުރަން އުޅޭ ކަމެއް ނުވާނެއޭތަ؟... އެހެންވިއްޔާ ބަލަން ހުރޭ... ތިކަން ކުރާނީ ޖިލް އަމިއްލައަށް..." ޖިލްވާ ހިނގައިގަތެވެ. "ރިޕްސްގެ ހެލްޕެއްވެސް ބޭނުމެއް ނޫން..."

ދުވަސް ނިމުނުއިރު، ޖިލްވާ ހުރީ ކޮންމެވެސް ވަރަކަށް އެ މާހައުލަށް ހޭނިފަ އެވެ. މުޅި ރޭގެ ހަތަރުދަން ނުނިދާ އޭނަ ހޭދަކުރީ، ތަފާތު ވީޑިޔޯއެއް ހަދާނެ ގޮތަކާއިމެދު ވިސްނުމުގަ އެވެ. ރިފްއާންގެ ބަސްތަކުން އޭނައަށް އައު ހިއްވަރެއް ލިބިފައިވާ ކަހަލަ އެވެ.

ހެނދުނު ރިފްއާން ހޭލައިގެން ނުކުތްއިރު، ޖިލްވާއެއް ނެތެވެ. ރިފްއާން ހީކުރީ، ތަންތަން ބަލައިލަން ޖިލްވާ ގޯތިތެރެއަށް ނުކުމެލީ ކަމަށެވެ. އޭނަގެ ހިތުގައި ބިރުވެރިކަން އުފެދުނީ، ދެގަޑިއެއްހާއިރު ފާއިތުވެދިޔަ އިރުވެސް ޖިލްވާ ނައުމުންނެވެ. ކަންބޮޑުވެގެން ޖިލްވާގެ ކޮޓަރީގައި ހުރި އެއްޗެހި ހަމައަށް ހުރިތޯ ބެލި އެވެ. މޭޒުމަތީގައި އޮތް ކަރުދާސްކޮޅު ރިފްއާނަށް ފެނުނީ، ދެވަނަ ފަހަރަށް އެކޮޓަރިއަށް ވަދެ ތަންތަން ހޯދަމުން ދަނިކޮށެވެ.

"ހާސްނުވައްޗޭ... މިދަނީ ވީޑިޔޯކޮޅެއް ނަގައިލަން..." ލިޔުމުގައިވާ އެއްޗެއް ކިޔައިލުމުން، ރިފްއާންގެ ދެލޯ ބޮޑުވިއެވެ. "މޮޔަ އަންހެން ކުއްޖާ!..."

ރިޕްއާން ބޭރަށް ނުކުތްއިރު އާދަޔާ ޚިލާފަށް ފިންޏެވެ. ވަށައިގެން ހޯދައިލި ނަމަވެސް އެއިން ހިސާބަކުން ވެސް ޖިލްވާ ފެންނާކަށް ނެތެވެ. ކައުންޓަރުގައި އިން ކުއްޖާއަށް ޖިލްވާގެ ތަސްވީރެއް ދައްކާފައި އިމާރާތުން ބޭރަށް ނުކުތްތޯ ރިފްއާން ސުވާލު ކުރިއެވެ. އެކުއްޖާ ބޯ ޖަހައިލުމުން، ރިފްއާންގެ މުޅި ގައިން ހީބިހި ނަގައިގަތެވެ. އެ ބޮޑު ކޮރެއާގައި އެކަނި ބޭރަށް ނުކުންނަން ޖިލްވާ ޖެހިލުންވެސް ނުވަނީ ހެއްޔެވެ؟

އެކި ތަންތަނުގެ ވީޑިޔޯތައް ނަގަމުންދިޔަ ޖިލްވާއަށް މާ ރީތި ގަހެއް ފެނުމުން، އެދިމާއަށް ދިޔަ އެވެ. ރަތްކުލައިގެ ވިލާތުބަށިތަކެއް ކަހަލަ އެއްޗެހިތަކެއް އަޅާފައިވާ އެ ގަސް، ދުރުން ފެންނައިރު ހީވަނީ ބޮކިތަކަކުން ދިއްލައިލާފައި ވާހެންނެވެ. ޖިލްވާ ގޯޅި އަޅައިލީ އޭނަ އައި މަގު ފާހަގަ ކުރުމަށް ވަށައިގެންވި ތަންތަނަށް ބަލައިލާފަ އެވެ. އޭރުވެސް އޭނަ ދިޔައީ އެކި ތަންތަނުގެ ވީޑިޔޯތައް ނަގަމުންނެވެ. ވަކި ހިސާބަކުން ޖިލްވާގެ ފިޔަވަޅުތައް ހުއްޓުނީ އެ ގޯޅީގެ ތެރެއިން ދެކަފިވެފައިވާ ހިމަ ގޯޅިގަނޑުގެ ތެރެއިން މީހަކު ވޭނީ އަޑަކުން ހަޅޭއްލަވައިގަތް އަޑު އިވުމުންނެވެ. ޖިލްވާ ކުޑަކޮށް ޖެހިލުންވި ނަމަވެސް، ކުރިއަށް ޖެހިލައި ގޯޅިތެރެ ބަލައިލި އެވެ.

ހަށިގަނޑު ބިޔަކޮށް ތިބި ތިން ފިރެހެނަކު އެތަނުގައި ތިއްބެވެ. އެކަކު ހުރީ ފިސްތޯލައެއް ހިފައިގެންނެވެ. އަނެއް މީހާގެ އަތުގައި ލެއިން ތަތްތެޅިފައި އޮތް ވަޅިއެއް އޮތެވެ. ތިންވަނަ މީހާ ހުރީ މާ ދުރުނޫން ހިސާބެއްގައި އެ މަންޒަރު ވީޑިޔޯ ކުރާށެވެ.

ވަޅި ހިފައިގެން ހުރި މީހާގެ ކުރިމަތީގައި ދެކަކޫ މައްޗަށް ތިރިވެގެން އިނީ، އިސްކޮޅުންދިގު ޒުވާން ފިރެހެނެކެވެ. ފެންނަ ފެނުމަށް، އެމީހާ ވައްތަރީ ފުލުހަކާއެވެ. އެމީހާ ލައިގެން އިން ހުދު ގަމީސް ވަނީ ލެއިން ތަތްތެޅިފައެވެ. ޖިލްވާ ބަލަން ހުއްޓައި، ވަޅި ހިފައިގެން ހުރި މީހާ ކުޑަކޮށް ގުދުވިއެވެ. ކުރިމަތީގައި އިން މީހާގެ ގަމީހުގެ ގިރުވާނުގައި ހިފައިގަތެވެ. އޭނާގެ އަތުގައި އޮތް ވަޅީގެ ދެތިން ހަމަލާއެއް އެމީހާގެ ބަނޑަށް އަމާޒުކޮށްލި އެވެ. އޭގެ ފަހުގައި އެމީހާ ކޮއްޕައިލީ ރަހުމުކުޑަ ގޮތަކަށެވެ. އުއްޑުން ވެއްޓުމާއިއެކު، ރޯމަހެއް ތެޅޭހެން އެމީހާގެ މުޅި ހަށިގަނޑު ތެޅެން ފެށި އެވެ. ވެއްޓިފައި އޮތް މީހާގެ ކައިރީގައި އިތުރު މީހަކު އޮތެވެ. އެމީހާ އޮތީ ބަންޑުންނެވެ. އެއްވެސް ހަރަކާތެއް ނެތް އެ މީހާ ހީވަނީ މަރުވެފައި އޮތް ހެންނެވެ. ޖިލްވާ އެމީހުންނަށް ނުފެންނާނޭހެން ނިވާވެލައިގެން ހުރެ އެމަންޒަރު ފޯނުގައި ރައްކާ ކުރަމުން ދިޔަ އެވެ.

"ވާއު!..." ޖިލްވާގެ މޫނުން ފެނުނީ ޝަޢުޤުވެރިކަމެވެ. "ރާއްޖޭގަވެސް މިކަހަލަ ކްރައިމް ފިލްމަކުން ޖާގައެއް ލިބުނުނަމަ، ޔަޤީން އަހަރެން ވާނީ ޑިޓެކްޓިވް އަކަށް..."

"މި ވީޑިޔޯ ވާނީ އަހަރެންގެ މުޅި ޙަޔާތް ބަދަލުކޮށްލާނެ ވީޑިޔޯ އަކަށް... އިތުރު އެތައް ފޮލޯވަރުންނެއް ލިބޭނެ ކަންނޭނގެ... އެހާވެސް މި މަންޒަރުތައް އަސްލާ އެއްގޮތް..." ޖިލްވާގެ ތުންފަތަށް ވެރިވީ ފުޅާ ހިނިތުންވުމެކެވެ.

އަމިއްލަ މީހާ އަރާނޭހެން އެތަނުގެ ވީޑިޔޯ ކޮޅެއްވެސް ޖިލްވާ ނެގިއެވެ. އެންމެންވެސް ތިބީ އޭނައަށް ފުރަގަސްދީގެން ކަމުން، އޭނަ ބޭނުންވި ގޮތަށް ވީޑިޔޯ ނެގޭ ގޮތް ވިއެވެ. ޖިލްވާ މަޑުމަޑުން ހިނގާލާފައި ގޮސް، ފިސްތޯލަ ހިފައިގެން ހުރި މީހާގެ ފުރަގަހުގައި ހުއްޓުނެވެ. އެ މީހާ ލައިގެން ހުރި ޖީންސްގެ ފަހަތު ޖީބަށް ކޮއްޕައިލާފައިވާ ފިސްތޯލައިން ނަޒަރު ވަކިކޮށް، ވެއްޓިފައި އޮތް މީހާގެ މޫނަށް ބަލައިލި އެވެ. އެމީހާ އޮތީ ޖިލްވާގެ މޫނަށް ބަލާށެވެ. އެ ނަޒަރުން އެތައް ވާހަކަތަކެއް ބުނެދިންހެން ޖިލްވާއަށް ހީވި އެވެ. ޖިލްވާ އޭނާގެ ތުންފަތުގައި އިނގިލި ޖައްސައި، އަޑެއް ލައްވައި ނުލުމަށް އެމީހާގެ ކައިރިން އެދުނެވެ.

ޖިލްވާ ވިސްނައިލުމެއްނެތި، ކުރިމަތީގައި ހުރި މީހާގެ ފިސްތޯލަ ދަމައިގަތެވެ. އޭރުވެސް އޭނަ ހުރީ އަމިއްލަ މީހާ އަރާނޭހެން ފޯނުން ވީޑިޔޯ ކުރާށެވެ. ފަހަރަކު މީހަކާއި ދިމާއަށް ފިސްތޯލަ ދިއްކުރަމުން ދިޔަ ޖިލްވާ ހުރީ މަޖާވެފަ އެވެ. އޭނައަށް މަޖާވީ އެމީހުންވެސް ބިރުން އެކި ކޮޅުކޮޅަށް ދުވެދުވެފައި އުޅެން ފެށުމުންނެވެ. ވަމުން މިދަނީ ކިހިނެއްކަމެއް އެ މައުސޫމު އަންހެން ކުއްޖާއަށް ކުޑަކޮށްވެސް ރޭކައި ނުލައެވެ.

ކުއްލިއަކަށް އިވުނީ ފުލުހުންގެ ވެހިކަލުގެ އަޑެވެ. ސަލާމަތުން ތިބި މީހުން އެކި ކޮޅުކޮޅަށް ދުއްވައިގަތެވެ. ވާނުވާ ނޭނގިފައި ހުރީ ޖިލްވާ އެވެ. އޭނަ ޝައްކުގެ ނަޒަރަކުން ވެއްޓިފައި އޮތް މީހުންނާއި ދިމާއަށް ބަލައިލި އެވެ. ބަނޑުގައި އަތް އަޅައިގެން އޮވެ ތެޅިފޮޅެމުން ދިޔަ މީހާ ކޮންމެވެސް ވާހަކައެއް ބުނެވޭތޯ މަސައްކަތް ކުރަމުން ދިޔަ އެވެ. ޖެހިލުންވެފައި ހުރެ، ޖިލްވާ އެމީހާގެ ކައިރިއަށް ތިރިވިއެވެ. އެމީހާ އޭނާގެ އަތް އުފުލައިލީ އެތައް ހިއްވަރަކުންނެވެ. ލެއިން ތަތްތެޅިފައި އޮތް އަތުން ޖިލްވާގެ މުށުތެރެއަށް ކޮންމެވެސް އެއްޗެއް ލައިދިނެވެ.

"ގޯ..." އެމީހާއަށް ވާހަކަ ދައްކަން އުނދަގޫ ވިއެވެ. ގޯ..."

"މީ އަސްލު ލޭތަ؟..." ޖިލްވާއަށް ހީވީ މުޅި ތަން އެނބުރިގަތް ހެންނެވެ. "މީ ޝޫޓިންއެއް ނޫންތަ؟..."

ޖިލްވާއަށް ރޮވެން ފެށުނެވެ. ތެދުވެ، ވަށައިގެން ހޯދަން ފެށި އެވެ. އެއިން ހިސާބަކުންވެސް މީހަކު ފެންނާކަށް ނެތެވެ. އެތަނުގައި ތިބި މީހުންވެސް ދުވެ ފިލައިފި އެވެ.

"މީހެކޭ..." ޖިލްވާ ހަޅޭއްލަވައިގަތެވެ. "މީހަކު މިއޮއް މަރުވަނީ..."

ފުލުހުން، ޖިލްވާގެ ކުރިމަތީގައި ސަފު ހަދައިލީ ޖިލްވާއަށް އިތުރު ކަމެއް ކުރާނޭ ފުރުސަތު ނުލިބި އުޅެނިކޮށެވެ. އެމީހުން ދިޔައީ ކޮރެއާ ބަހުން އެއްޗެހިތަކެއް ކިޔަމުންނެވެ. ޖިލްވާ ބިރުން ފަހަތަށް ޖެހެން ފެށި އެވެ. އޭނައަށް ހުރެވުނީ ފިސްތޯލަ ހިފައިގެން ކަން އެނގުނީ، ފުލުހުންގެ ނަޒަރު އޭނަގެ އަތަށް ހުއްޓެމުންދިޔަ ތަން ފެނުމުންނެވެ. އެއިން އެއްވެސް ކަމަކީ އަސްލެއް ކަމަށް ޤަބޫލު ކުރާކަށް ޖިލްވާ ބޭނުމެއް ނުވިއެވެ.

"މީ ކުޅޭކުޅޭ އެއްޗެކޭ... މީ އަސްލު އެއްޗެއް ނޫނޭ..." ފިސްތޯލަ ދައްކައިލަމުން ޖިލްވާ ބުންޏެވެ.

ޖިލްވާ ފުލުހުންނާއި ދިމާއަށް ހިނގައިގަތުމާއިއެކު، އެންމެން އެއްފަހަރާ ކަހަލަ ގޮތަކަށް ޖިލްވާ އާއި ދިމާއަށް ފިސްތޯލަ ދިއްކޮށްލި އެވެ. ޖިލްވާ އެހެން އުޅެފައި ހަދައިލި ގޮތަކުން ބާރު އަޑުފައްގަނޑެއް ކިޔައިގެން ދިޔަ އެވެ. ފިސްތޯލައިން ނުކުތް ވަޒަން ދިޔައީ ސީދާ މައްޗަށެވެ. ފުލުހުންނަށްވުރެ ބޮޑަށް ސިހުނީ ޖިލްވާއެވެ.

"އޯ މައި ގޯޑް... އޯ މައި ގޯޑް..." ޖިލްވާ ރޮއެގަތެވެ. "މީ އަސްލު އެއްޗެއް... މީ ޝޫޓިންއެއް ނޫން..."

މަޢާފަށް އެދެމުން ޖިލްވާ ދުއްވައިގަތެވެ. ފުލުހުންވެސް ޖިލްވާގެ ފަހަތުން ދުއްވައިގަތެވެ.

**********

ޔޯހަންގެ އިންތިޒާރުގައި ޒެނިލް އިނީ ކާރުގައި މަޑުކޮށްލައިގެންނެވެ. ބައިގަޑިއެއްހާއިރު ވީއިރުވެސް ނައުމުން ޒެނިލް ރުޅިގަދަވާގޮތް ވިއެވެ. މާ ކުއްލިގޮތަކަށް ފޯނެއް އައިސްގެން ޔޯހަން ދިޔައީ ވަރަށް އަވަހަށް އަންނާނެ ކަމަށް ބުނެފަ އެވެ. ޒެނިލްއަށް މާ ގިނައިރު މަޑުކުރުން ފަސޭހަ ކަމަކަށް ނުވިއެވެ. ޓެކްސީއެއްގައި އައުމަށް އެދި ޔޯހަންއަށް މެސެޖެއް ފޮނުވާފައި އޭނަ އުޅުނީ، ގަރާޖުން ކާރު ނެރޭށެވެ. ކާރު ފަހަތަށް ޖައްސައިލި ވަގުތު، ކޮންމެވެސް އެއްޗެއްގައި ޖެހުނެވެ.

ޒެނިލްގެ ކާރުން ޖެހުނީ ދުވެފައި އައި ޖިލްވާގެ ގައިގަ އެވެ. މާ ބާރަށް ނުޖެހުނު ނަމަވެސް، ލިބިފައިވާ ޝޮކާއިއެކު، ޖިލްވާގެ ހަމަހޭވެރިކަން ނެތިގެން ދިޔައެވެ.

ޔޯހަން ހަސްފަތާލަށް ދިޔައިރު، އަވަސް ފަރުވާދޭ ބައިގެ ބޭރުގައި ޒެނިލް އިނީ ހާސްވެފަ އެވެ. ޔޯހަން ފެނުމާއިއެކު، ފުންމައިގެން ތެދުވިއެވެ.

"ކިހިނެއްވީ؟...." ޒެނިލްއަށް ކުރަންޖެހުނީ އޭނަގެ ހިތުގައި އޮތް ސުވާލެއް ނޫނެވެ.

ޔޯހަންގެ މޫނުންނާއި ލޯ ކައިރިން އޮތީ ތަންގަނޑެއް ނޫފައިގެންފަ އެވެ. ކަރުދަށުގައި ކޮންމެވެސް ވަރަކަށް ލޭގެ އަސަރު ވެސް ހުއްޓެވެ.

"ކުޑަ އެކްސިޑެންޓެއް ވީ..." އެއްވެސް އަސަރެއް ނެތް ގޮތަކަށް ޔޯހަން ބުންޏެވެ.

އެވާހަކަ ޒެނިލްއަށް ގަބޫލު ނުކުރެވުނު ނަމަވެސް އެކަމާއި ބެހޭގޮތުން ސުވާލެއް ނުކުރެ އެވެ.

********

ހަސްފަތާލުން ފިލައިގެން ޖިލްވާ ގޮސް ވަނީ ރެސްޓޯރެންޓަކަށެވެ. ތަނުގެ ތެރޭގައި ފުދޭވަރަކަށް މީހުން މަދު ވަގުތެކެވެ. މީހަކު ބަލައިލިޔަސް، ފުލުހެއް ކަމަށް ހީކޮށް، ޖިލްވާ ހުންނަނީ ސިހިސިހި އެވެ. ދަބަހާއި ފޯނު ނެތްކަން އެނގުމާއިއެކު، ޖިލްވާގެ ހަތަރު އުދަރެސް ފެނުޖެހުނެވެ. އޭގައި އޭނަގެ ޕާސްޕޯޓާއި މުހިއްމު އެތައް ލިޔުންތަކެއް ވާނެ އެވެ. އަނެއްކޮޅުން ފޯނެވެ. އެހެން ހުރިހާ އެއްޗަކަށްވުރެ އޭނައަށް އެ ފޯނު މުހިއްމެވެ.

ޖިލްވާ އޭނަ ލައިގެން ހުރި ޖީންސްގެ ޖީބުން ނެގީ ސަތޭކަ ޑޮލަރެވެ. އަތުގައި އޮތްހާވެސް އެއްޗަކީ އެއީ އެވެ. އެތަނުގައި ފުދޭ ވަރަކަށް އެއްޗެހި އަގުބޮޑުކަމުން ޖިލްވާގެ މުޅި ހަށިގަނޑުގެ ވަރު އެލުނެވެ. ރިފްއާނުގެ ކައިރިއަށް ދިޔުމަށް އޭނައަށް ފައިސާ މުހިއްމެވެ. ރެސްޓޯރެންޓުން ނުކުތުމަށް ހިނގައިގަތް ޖިލްވާގެ ފިޔަވަޅުތައް ދޮރާއި ހަމައިން ހުއްޓިއްޖެ އެވެ. އޭނައަށް މަޖުބޫރުވީ، އެނބުރި އައިކޮޅަށް ދާށެވެ. އެތެރެއަށް ވަންނަން އައީ ޔުނީފޯމުގައި ތިބި ދެ ފުލުހުންނެވެ. ފަހަތް ބަލަމުން، ޖިލްވާ ގޮސް ގޮނޑިއެއްގައި އިށީނެވެ. ފުލުހުން އޭނަ އާއި އަރައި ހަމަވުމުގެ ކުރިން މޭޒުގައި ބޯ އަޅައިލި އެވެ. ޖިލްވާ ހީކުރި ގޮތާއި ޚިލާފަށް ދެ ފުލުހުން ގޮސް ހުއްޓުނީ ކައުންޓަރުގެ ކައިރީގަ އެވެ.

ފުލުހުން ދިޔުމުން ފުން ނޭވާއެއް ދޫކޮށްލާފައި ޖިލްވާ ތެދުވި އެވެ. އޭނަ ސިހިފައި ކުޑަކޮށް ހަޅޭއްލަވައިގަތީ، ކުރިމަތީގައި އޭނައަށް ބަލަން އިން ޒުވާނާ ފެނިފަ އެވެ.

(ނުނިމޭ)

comment ކޮމެންޓް