އަދުރޭ އާއި ޝުޖާއު ބަންދުން ދޫކޮށްލައިފި

މިރޭ ބަންދުން ދޫކޮށްލުމާއެކު އަތޮޅުވެހިން އަދުރޭ ނުކުމެގެން ދަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުން އަވަސް ކުރުމަށް ގޮވާލައި މިއަދު ޕީޕީއެމް، ޕީއެންސީން ބޭއްވި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި އެ ޕާޓީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ދޫކޮށްލައިފި އެވެ.

ބަންދުން ދޫކޮށްލުމާއެކު މީޑިއާ އަށް މައުލޫމާތު ދެއްވަމުން އަދުރޭ ވިދާޅުވީ ފުލުހުން އޭނައާ މެދު އަމަލުކޮށްފައި ވަނީ ރަނގަޅަށް ކަމަށެވެ. ނަމަވެސް އެއީ ފުލުހުންގެ ވެރިން ބޭނުންވި ގޮތެއް ނޫން ކަމަށާއި ވެރިން ބޭނުންވީ އެބޭފުޅުން ހައްޔަރުކޮށް ދޫނިދުއަށް ގެންދަން ކަމަށް އޭނާ ވިދާޅުވި އެވެ.

"އާދައިގެ ފުލުހުން ބޭނުމެއް ނުވޭ ޣައިރު ގާނޫނީ އަމުރަށް ތަބާވާކަށް. އެހެންވީމަ އެމީހުން އެގޮތަށް އަމަލެއް ނުކުރި. އަޅުގަނޑުމެން ދޫކޮށްލީ. މިތާ އެތެރޭގަ [އަތޮޅު ވެހީގެ ތެރޭގައި] ތިބި ފުލުހުން އަޅުގަނޑުމެންނާ މެދު އަމަލުކުރީ ވަރަށް ރަނގަޅަށް،" އަދުރޭ ވިދާޅުވި އެވެ.

ބަންދުން ދޫކޮށްލުމާ އެކު ޝުޖާއު އަތޮޅުވެހިން ނުކުމެގެން ދަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

އޭނާ ވިދާޅުވީ އެބޭފުޅުން ބަންދުކޮށްގެން ސިޔާސީ ހަރަކާތްތައް ހުއްޓުވިދާނެ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ހީފުޅުކޮށްގެން ނުވާނެ ކަމަށެވެ.

ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޖަލުގައި ހުންނަވާތާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި އެމަނިކުފާނުގެ ހައްގުގައި ހަތަރު އަހަރު ޖަލުގައި އޮންނަން ވެސް އެބޭފުޅުން ތިއްބެވީ ތައްޔާރަށް ކަމަށް އަދުރޭ ވިދާޅުވި އެވެ.

"މިއަދު 11 ޖެހިއިރު ގެއިން ނުކުތް ގޮތަށް އޮތް ޓީމެއް އަދިވެސް މިއޮތީ. މީގެން މި އެނގެނީ އަޅުގަނޑުމެންގެ ވަރުބަލިވުމެއް ނެތްކަން ގައުމީ މަސައްކަތުގައި އަޅުގަނޑުމެން ދާނީ ކުރިއަށް،" އަދުރޭ ވިދާޅުވި އެވެ.

މުޒާހަރާ އިން ހައްޔަރުކުރި އަދުރޭ އާއި ޝުޖާއު ބަންދުން ދޫކޮށްލުން --- ސަން ފޮޓޯ: ފަޔާޒު މޫސާ

އޭނާ ވިދާޅުވީ ފުލުހުންނާއި ސިފައިން ވެސް ބޭނުންވަނީ ރައީސް ޔާމީން މިނިވަންކޮށްގެން އަލުން ވެރިމަށް ގެންނަން ކަމަށާއި އެކަން ކުރައްވާނެ ކަމަށެވެ.

"މި ގައުމުދެކެ ލޯބިވާ ކޮންމެ މީހަކު ބޭނުންވާނީ ރައީސް ޔާމީން އަނބުރާ ވެރިކަމަށް ގެންނަން. ރައީސް ޔާމީން ވެރިކަމަށް ގެނެސްގެން ނޫނިއްޔަކާ ދެނެއް މި ގައުމު އަޅުގަނޑުމެންނަކަށް ނުލިބޭނެ،" އަދުރޭ ވިދާޅުވި އެވެ.

ބަންދުން ދޫކޮށްލުމާއެކު އަދުރޭ މީޑިއާއަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

އަދުރޭ އާއި ޝުޖާއު ހިމެނޭގޮތަށް ޖުމްލަ 24 މީހަކު މިއަދުގެ މުޒާހަރާ އިން ހައްޔަރުކުރި ކަމަށް ޕީޕީއެމް އިން ވަނީ ބުނެފަ އެވެ. އޭގެތެރެއިން ގިނަ މީހުން މިހާރު ވަނީ ދޫކޮށްލާފަ އެވެ.

comment ކޮމެންޓް