ސިދާތުގެ އާއިލާ އާ ކިއާރާ ބައްދަލުކޮށްފި

ކިއާރާ އާ ސިދާތު---

އެކްޓަރު ސިދާތު މަލްހަތްރާ 36، އާ ބަތަލާ ކިއާރާ އަދުވާނީ އަކީ 28، ދާދިފަހުން ބޮލީވުޑްގެ ލޯބިވެރިންގެ ލިސްޓަށް އިތުރުވި ދެތަރިންނެވެ.

މީގެ ދެ އަހަރެއްހާ ދުވަސްކުރިންވެސް ސިދާތު އާ ކިއާރާގެ ހާއްސަ ގުޅުމުގެ ވާހަކަތައް މީޑިއާތަކުގައި ފެންމަތިވިނަމަވެސް ދެމީހުންވެސް އެ ގުޅުމަށް ފާޅުގައި އިންކާރުކުރުމުން އެ ވާހަކަތަކަށް މަޑުޖެހުމެއް އައެވެ. ނަމަވެސް އޭގެ ފަހުން ދެމީހުން އެކުގައި ތަންތަނަށް ދާތަން ފެނި އެ ވާހަކަ އަޑުގަދަވިތަނާ ހެން އާ އަހަރު ފާހަގަކުރަން ސިދާތު ވަނީ ކިއާރާ ގޮވައިގެން ރާއްޖެ އައިސްފައެވެ.

ދެތަރިން އެކުގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި އިންޑިއާއަށް ދިޔައިރު ދާދިފަހުން ސިދާތު މިވަނީ ކިއާރާ ސިދާތުގެ މަންމަ އާ ބައްޕައަށް ތައާރަފްކުރުވާފައެވެ. ދެތަރިން އެކުގައި މެންދުރު ކެއުމަކަށް ރެސްޓޯރަަންޓަކަށް ދިޔަ މަންޒަރު ޕަޕަރާޒީންގެ ލެންސަށް އެރުވި އިރު މި ކެއުން ވަރަށް ހާއްސަވެގެން ދިޔައެވެ. އެއީ ސިދާތުގެ ބެލެނިވެރިންނަށް ކިއާރާ ތައާރަފްކުރުމުންނެވެ. މި ބައްދަލުވުމަށް ސިދާތުގެ މަންމަ އާ ބައްޕަ އައީ ދިއްލީއިންނެވެ. މިއީ އެދެމީހުންގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދަން ބޭނުންވުމުން ސިދާތު ކުރި ކަމެއް ކަމަށް ޚަބަރުތައް ބުނެއެވެ. އަދި މިދެމީހުން އުޅެނީ ވަރަށް ސީރިއަސްކޮށް ލޯބީގެ ގޮތުން ގުޅިގެން ކަމަށް ވެސް ޚަބަރުތައް ބުނެއެވެ.

ކިއާރާ އާއި ސިދާރްތު އެކުގައި ކުޅޭ ފުރަތަމަ ފިލްމު "ޝޭރްޝާހް"ގެ ޝޫޓިން މިދެތަރިން ވަނީ ދާދިފަހުން ނިންމާލައިފަ އެވެ. ސިދާތު މި ފިލްމުގައި ކުޅޭނީ އާމީ އޮފިސަރެއްގެ ރޯލެވެ.

comment ކޮމެންޓް