އަމީރު އަހްމަދުގެ ޓީޗަރަކާއި ބެލެނިވެރިޔަކު ޕޮޒިޓިވްވެ، ގިނަ ދަރިވަރުންތަކެއް ކަރަންޓީނަށް

އަމީރު އަހްމަދު ޕްރީސްކޫލް --- ފޮޓޯ/ ދި ޑެއިލީ

އަމީރު އަހްމަދު ޕްރީ ސްކޫލުގެ ޓީޗަރަކާއި ބެލިނިވެރިޔަކު ޕޮޒިޓިވްވެ، ގިނަ ދަރިވަރުންތަކެއް ކަރަންޓީންކޮށްފި އެވެ.

"ސަން"އަށް ކަށަވަރުވެފައިވާ ގޮތުގައި، އެ ސްކޫލުގެ ޓީޗަރާއި ބެލެނިވެރިޔަކު ޕޮޒިޓިވްވެގެން ޖުމްލަ ހަތަރު ކްލާހެއްގެ ދަރިވަރުން ވަނީ ކަރަންޓީންކޮށްފައެވެ.

ފުރަތަމަ ޕޮޒިޓިވްވީ އެ ސްކޫލުގައި މަސައްކަތް ކުރާ ޝެޑޯ ޓީޗަރެކެވެ. ޝެޑޯ ޓީޗަަރަކީ ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް އެހީތެރިވުމުގެ ކަންކަމުގައި އުޅޭ ޓީޗަރުންނެވެ. ތިން ގަޑިއިރަށް އެދަރިވަރުންނަށް އެހީތެރިވާ ޝެޑޯ ޓީޗަރުން ސްޓާފް ރޫމަށް ވެސް ނުދާނެ އެވެ.

އެކަމުގެ މައުލޫމާތު އެނގޭ އެ ސްކޫލުގެ ބެލިނިވެރިޔަކު ބުނިގޮތުގައި ޝެޑޯ ޓީޗަރު ޕޮޒިޓިވްވިކަން އެނގުނީ ސްކޫލަށް ނާންނަތާ ހަތަރު ދުވަސް ފަހުންނެވެ. އެހެން ނަމަވެސް ރައްކާތެރިކަމަށްޓަކައި އެ ސްކޫލުގެ ދެ ކްލާހެއްގެ ދަރިވަރުން ވަނީ ކަރަންޓީނު ކޮށްފަ އެވެ.

"އެ ކްލާހުގައި ތިބޭ އަމީރު އަހްމަދުގެ ދެ ޓީޗަރުން ނެގެޓިވް. ޑައިރެކްޓް ކޮންޓެކްޓުން އެއީ. ކުޑަކުދިން ވީމަ އަދި ކުރިން އެ ޓީޗަރު އުޅެފަހުރީމަ އެޗްޕީއޭ އިން އެންގީ ކަރަންޓީންވާން،" ބެލެނިވެރިޔާ ބުންޏެވެ.

ޕޮޒިޓިވްވި ޝެޑޯ ޓީޗަރަށް ހާއްސަކޮށްފައި ހުންނަ ދަރިވަރުގެ ސާމްޕަލްވެސް ވަނީ ނަގާފައެވެ. ނަމަވެސް އެ ދަރިވަރުގެ ނަތީޖާ އަދި ނޭނގެ އެވެ.

އެނގިފައިވާ ގޮތުގައި ދެވަނައަށް ޕޮޒިޓިވްވި، ބެލެނިވެރިޔާ ދަރިފުޅު ސްކޫލަށް ފޮނުވާފައިވަނީ އެ ބެލެނިވެރިޔާގެ ސާމްޕަލް ނަގާފައި ވަނިކޮށެވެ. ބެލެނިވެރިޔާ ޕޮޒިޓިވްވިކަން އެނގުނީ، ކުއްޖާ ގެއަށް ދިޔަ ފަހުންނެވެ. އެ ކޭސްއާ ގުޅިގެންވެސް ދެ ކްލާހެއްގެ ދަރިވަރުން ވަނީ ކަރަންޓީންކޮށްފަ އެވެ.

"އެ ކުއްޖާ އެ ދުވަހު ސްކޫލަށް ގޮސް ބުނަނީ ވަރުބަލި ވަނީޔޯ. އެ ކުއްޖާގެ މަންމަ ބުނަނީ އެ ކުއްޖާ ޓިއުޝަނަށް ދާތީޔޯ ވަރުބަލި ވަނީ. އެ ކުއްޖާ ގެއަށް ދިޔަފަހުން މަންމަ ޕޮޒިޓިވްވިކަން އެނގުނީ،" މައުލޫމާތު އެނގޭ ބެލެނިވެރިޔަކު ބުންޏެވެ.

އެ ސްކޫލުން އަންގާފައި ވަނީ ބެލެނިވެރިޔާ އަދި ގޭގަ އުޅޭ އެއްވެސް މީހެއްގެ ސާމްޕަލް ނަގައިފިނަމަ ނަތީޖާ ނުލިބެނީސް ދަރިވަރުން ސްކޫލަށް ނުފޮނުވުމަށެވެ.

އިއްޔެ އެކަނިވެސް ރާއްޖެއިން ވަނީ 100އަށްވުރެ ގިނަ މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެފައެވެ. މިހާތަނަށް ރާއްޖެއިން 14،900އަށްވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން 13،849 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް