ސިޔާސީ މީހުންނަށްވެސް އެމްސީއާ ނުލާ ދެން ލިބޭނީ 15 ދުވަހުގެ ސަލާމް

ވަޒީރުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން - ފޮޓޯ / މަޖިލިސް

ސަރުކާރުންގެ ސިޔާސީ މަގާމުތަކުގައި ތިބޭ މީހުންނަށްވެސް މެޑިކަލް ސެޓްފިކެޓް (އެމްސީ)އާ ނުލާ އަހަރަކު 15 ދުވަހުގެ ސަލާމް ލިބޭ ގޮތަށް، ބަދަލުކޮށްފި އެވެ.

އެ ބަދަލު ގެނައީ "ސިޔާސީ މުވައްޒަފުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ މުވައްޒަފުން ޢަމަލުކުރަންޖެހޭ އުސޫލު"އަށް ބަދަލުގެނެސްގެންނެވެ.

ކުރިން އެ އުސޫލު އޮތް ގޮތުން އަހަރަކު ސަލާމުގެ ޗުއްޓީގެ ގޮތުގައި 30 ދުވަސް ދެމުން އައި ނަމަވެސް އެމްސީ ހުށަހަޅާކަށް ނުޖެހެ އެވެ.

އިއްޔެ ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައިވާ އެ އިސްލާހުގައިވާ ގޮތުން ކޮންމެ އަހަރަަކަށްވެސް ސަލާމުގެ ޗުއްޓީގެ ގޮތުގައި މުސާރަ ލިބޭ ގޮތަށް ދެވޭނީ 30 ދުވަހެވެ. އަދި ބަލީގެ ބާވަތާއި އެ ބަލިގެ ސަބަބުން މުވައްޒަފަށް މަސައްކަތަށް ނުނިކުމެވޭނެ މުއްދަތު ބަޔާންކޮށް، ރަޖިސްޓްރީކޮށްފައިވާ ސިއްހީ މަސައްކަތެރިއަކު ދޫކުރާ މެޑިކަލް ސެޓްފިކެޓް (އެމްސީ)އެއް، ވަޒީފާއަށް ނުކުންނަ ދުވަހު ހުށަހެޅުމުން ނުނީ އެ މުވައްޒަފަށް ސަލާމުގެ ޗުއްޓީ ހަމަޖައްސައި ނުދެވޭނެ ކަމަށް އުސޫލޫގައި ބުނެ އެވެ.

ނަމަވެސް، ސަލާމުގެ ޗުއްޓީގެ ގޮތުގައި މުވައްޒަފަށް ލިބޭ 30 ދުވަހުގެ ތެރެއިން 15 ދުވަސް، ވިދިވިދިގެން ދެ ދުވަހަށްވުރެ ދިގު ނުވާނެ ގޮތުގެ މަތީން، އެމްސީއާ ނުލައި، ސަލާމުގެ ޗުއްޓީގެ ގޮތުގައި ބޭނުންކުރުމުގެ އިހްތިޔާރު، މުވައްޒަފަށް ލިބިގެންވާ ކަމަށް އުސޫލުގައި ބުނެ އެވެ.

އެ ބަދަލަކީ ވަޒީފާ ބެހޭ ގާނޫނަށްވެސް މިފަހުން ގެނެސްފައިވާ އިސްލާހެކެވެ. އެގޮތުން ސިވިލްސާވިސް މުވައްޒަފުންނަށްވެސް އެމްސީއާ ނުލާ މިހާރު ނެގޭނީ 15 ދުވަހުގެ ސަލާމެވެ.

comment ކޮމެންޓް