އިދިކޮޅު މުޒާހަރާއިން އަދުރޭ ހިމެނޭ ގޮތަށް ގިނަ ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް

އިދިކޮޅު ކޯލިޝަނުން މިއަދު ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން -- ފޮޓޯ/ ހަމްދާން ޝަކީލް

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އަވަސްކުރުމަށް ގޮވާލައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން 24 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.

އެ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ އިލެކްޝަންސް ކޮމިޝަންގެ އިދާރާ ކައިރީގައި މިއަދު ކުރިއަށް ގެންދިޔަ ސުލްހަވެރި އިހްތިޖާޖެއް ކަމަށެވެ.

އަދި އެ ކޯލިޝަނުންގެ ސަޕޯޓަރުން ސުލްހަވެރިކަމާއެކު އަޑުއުފުލަމުން ދަނިކޮށް ފުލުހުން އަނިޔާވެރި ގޮތަކަށް އެ އެއްވުން ރޫޅާލައި، ގިނަ ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެގޮތުން އެ ކޯލިޝަން ހިންގުމާ ވަގުތީގޮތުން ހަވާލުވެ ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއުގެ އިތުރުން އަދިވެސް ބައެއް ކައުންސިލް މެމްބަރުންނާއި ސަޕޯޓަރުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ ކޯލިޝަނުން ބުނީ މުޒާހަރާގެ ތެރެއިން 24 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.

ސުލްހަވެރި އިހުތިޖާޖެއްގެ ތެރެއިން އެމީހުން ހައްޔަރުކޮށްފައިވާތީ އެކަން ކުށްވެރިކޮށް ނެރުނު ބަޔާނެއްގައި އެ ކޯލިޝަނުން ވަނީ ހައްޔަރުކުރި އެންމެން ވަގުތުން ދޫކޮށްލުމަށް ގޮވާލައިފަ އެވެ.

އަދި އިލެކްޝަންސްގެ އިދާރާ ހުންނަނީ ގްރީން ޒޯނެއްގައި ނޫން ކަމަށާއި އެއްމެ ތިބި މީހުން ސުލްހަވެރިކަމާއެކު އަޑުއުފުލަމުން ދަނިކޮށް ގާނޫނުއަސާސީން ލިބިދޭ ހައްގަކަށް ހުރަސްއަޅައި ބާރުގެ ބޭޏުން ނަހަމަގޮތުގައި ބޭނުންކުރި މައްސަލަ އުފުލާނެ ކަމުގެ އިންޒާރުވެސް އެ ކޯލިޝަނުން ވަނީ ދީފަ އެވެ.

އިދިކޮޅުން ބުނީ ކައުންސިލް އިންތިހާބު އެކި ފަހަރު މަތިން ލަސްކުރުމަކީ ސަރުކާރު ހިންގާ ޕާޓީތަކަށް ރައްޔިތުންގެ އިތުބާރު ބޮޑުތަނުން ގެއްލި، އެޕާޓީގެ ކެންޑިޑޭޓުންނަށް ރައްޔިތުން ތާއީދު ނުކުރާނެކަން ހާމަވެ، އެކަމާ ސަރުކާރުން ބިރުގަނެ، ކަންބޮޑުވާ ކަމުގެ ސާފު ދަލީލެއް ކަމަށެވެ.

comment ކޮމެންޓް