ބީއެމްއެލް އިންޓަނެޓް ބޭންކިން މެެެދުވެރިކޮށް 80،000 އެޕްލިކޭޝަން

ގައުމީ ބޭންކު ބީއެމްއެލްގެ އިންޓަނެޓް ބޭންކިން މެދުވެރިކޮށް މިދިޔަ އަހަރުގެ ތެރޭގައި 80،000 އަށް ވުރެ ގިނަ އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.

މިދިޔަ އަހަރު ކޮވިޑް-19ގައި ރާއްޖެ ފުރަބަންދު ކުރަން ޖެހުމާ އެކު ބޭންކުގެ ހިދުމަތްތައް ދިނުން ވެސް އޮންލައިންކޮށް ބަދަލުކުރި އެވެ.

ބީއެމްއެލްއިން މިއަދު އާންމު ކުރި ސްޓޭޓްމަންޓެއްގައި ބުނީ ކޮވިޑް-19 ފެތުރެން ފެށި ފަހުން، އޮންލައިން ހިދުމަތްތައް ބޭނުންކުރާވަރު ވަރަށް ބޮޑަށް އިތުރުވެ، ބޭންކުގެ 90 ޕަސެންޓް އަށް ވުރެ ގިނަ ކަސްޓަމަރުން އިންޓަނެޓް ބޭންކިންގެ ހިދުމަތްތައް މިހާރު ބޭނުންކުރާ ކަމަށެވެ.

މިދިޔަ އަހަރުގެ މާރިޗު މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް އެކައުންޓް ހުޅުވުމާއި، ކްރެޑިޓް އަދި ޑެބިޓް ކާޑަށް އެދި ހުށަޅުމާއި، ލުއި ލޯނަށް އެދި ހުށަހެޅުން އަދި މައުލޫމާތު ފޯމު އަޕްޑޭޓް ކުރުމަށް 80،000 އަށް ވުރެ ގިނަ އެޕްލިކޭޝަން އޮންލައިންކޮށް ލިބިފައިވާ ކަމަށް ވެސް ބީއެމްއެލްއިން ބުންޏެވެ.

"މިއީ 2019 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 33 ޕަސެންޓަށް ވުރެ އިތުރު އަދަދެކެވެ،" ބީއެމްއެލްގެ ބަޔާނުގައިވެ އެވެ.

ބީއެމްއެލްއިން ބުނީ ކޮވިޑަށް ފަހު ރައްކާތެރި ކަމާ އެކު ހިދުމަތް ދިނުމަށް ގެނައި ބަދަލުތަކާ އެކު ވީހާވެސް ގިނަ ހިދުމަތްތައް އޮންލައިންކޮށް ހޯދުމަށް ބާރު އަޅަމުން އަންނަ ކަމަށެވެ. އެގޮތުން މީގެ ކުރިން ބްރާންޗުތަކަށް އައިސް ހޯދަމުން އައި ހިދުމަތްތައް އިންޓަނެޓް ބޭންކިންއަށް ހުށަހެޅުމާއި ޑިޖިޓަލް ޕިންގެ ހިދުމަތާއި ޓީޓީ އަށް އެދި ހުށަހެޅުމާއި، ޕޭރޯލްގެ ހިދުމަތް ހޯދުމަށް އީމެއިލް ކުރެވޭ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.

މީގެ އިތުރުން ބްރާންޗުތައް މެދުވެރިކޮށް ވެސް ބީއެމްއެލްއިން ހިދުމަތް ދެމުން އަންނަނީ އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިދުރުކަން ބެހެއްޓުމުގެ އުސޫލޫތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. ބްރާންޗް ތަކުން ހިދުމަތް ދެނީ ކިއުބީ ނަންބަރަށެވެ. އަދި ސާވިސް ސެންޓަރު ތަކުން ހިދުމަތް ދެމުންދާނީ އެޕޮއިންޓްމަންޓަށެވެ.

comment ކޮމެންޓް