އާތިފް ޝަކޫރު ދައުވާއަށް އިންކާރު ކުރައްވައިފި، ބޭނުންވާ ވަކީލް ހަމަނުޖެހުމުން ޝަކުވާ

އާތިފް ޝަކޫރުގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ގާނޫނާ ހިލާފުމުގެ ދައުވާގެ އަޑުއެހުމުގެ ތެރެއިން --

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ދަށުން ހިންގާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)ގެ ކުރީގެ އިސްވެރިޔާ މ. އާސްތާނާ، އިބްރާހިމް އާތިފް ޝަކޫރުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ގާނޫނާ ހިލާފުވުމުގެ ދައުވާއަށް އޭނާ މިއަދު އިންކާރު ކުރައްވައިފި އެވެ.

އާތިފްގެ މައްޗަށް ދައުލަތުން ދައުވާ ކުރީ، އެފްއައިޔޫގެ އިސްވެރިޔާގެ މަގާމުގައި އޭނާ ހުންނެވި އިރު އެމްއެމްޕީއާރްސީގެ ޗެކަކުން އެސްއޯފް ކުންފުނީގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާ ކުރި ޝައްކު ކުރެވޭ މުއާމަލާތެއް ރިޕޯޓު ނުކުރުމުންނެވެ.

ނޮވެމްބަރު 25، 2014ގައި ކުރި އެ މުއާމަލާތުގައި އެސްއޯއެފްގެ އެކައުންޓަށް ޖަމާ ކުރީ 59.45 މިލިއަން ރުފިޔާ އެވެ. އެ މުއާމަލާތަކާ ގުޅިގެން، ބީއެމްއެލްއިން ސަސްޕިޝަސް ޓްރާންސެކްޝަން ރިޕޯޓެއް (އެސްޓީއާރް)އެއް އެފްއައިޔޫއަށް ފޮނުވުމުން، އެ މުއާމަލާތް ބަލައި، އެ މުއާމަލާތުގައި މަނީ ލޯންޑަރިންއަށް ޝައްކު ކުރެވޭ ކަންކަން ހުރި ކަމަށް ބެލެވޭކަން އެފްއައިޔޫއަށް އެނގެން އޮއްވާ، އެ ޔުނިޓުން އެކުލަވާލި ރިޕޯޓުގައިވާ މައުލޫމާތު ތަހުގީގު ކުރާ އިދާރާއަކަށް ފޮނުވާފައި ނުވާ ކަމުގެ ތުހުމަތު އާތިފަށް ދައުލަތުން ކުރެވެ އެވެ.

މިއަދުގެ އަޑުއެހުމަކީ މައްސަލައިގައި ޖަވާބުދާރީވާން ފުރުސަތު ދިނުމަށް ބޭއްވި އަޑުއެހުމެކެވެ. އެ އަޑުއެހުމުގައި ދައުވާއަށް އިންކާރު ކުރާތޯ ނުވަތަ ނޫންތޯ އިސްގާޒީ ޝަކީލު އެއްސެވުމުން އާތިފް ވަނީ ދައުވާއަށް އިންކާރުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

މިއަދުގެ އަޑުއެހުމަކީ ޖަވާބުދާރީވުމަށް ބޭއްވި އަަޑުއެހުމެއް ނަމަވެސް މައިގަނޑު ގޮތެއްގައި ވާހަކަދެއްކީ އާތިފްގެ އިސް ވަކީލެއްގެ ގޮތުގައި ހުންނެވި މަރިޔަމް ނިހާޔަތަށް އެ މައްސަލައިގައި ވަކާލާތު ނުކުރެވޭނެ ކަމަށް މީގެ ކުރިން މައްސަލަ ބައްލަވާ އިސްގާޒީ އަހުމަދު ޝަކީލް ނިންމެވި ނިންމުމާ ގުޅިގެންނެވެ.

ދައުވާއަށް އިންކާރު ކުރެއްވުމަށް ފަހު އާތިފްވެސް ވިދާޅުވީ މިއީ ވަރަށް ބޮޑު ދައުވާއެއް ކަމަށާއި މައްސަލައަށް އެންމެ ރަނގަޅަށް ޖަވާބުދާރީވެ އޭނާގެ ދިފާއުގައި އެންމެ ރަނގަޅަށް މަސައްކަތް ކުރެވޭނެ ވަކީލަކީ ނިހާޔަތު ކަމަށެވެ. އަދި ނިހާޔަތު އޭނާގެ ވަކީލެއްގެ ގޮތުގައި ހަމަޖެއްސުމުގެ ފުރުސަތު ދެއްވުމަށް އޭނާވެސް ގާޒީގެ ކިބައިން އެދިވަޑައިގެންނެވި އެވެ.

ނިހާޔަތަށް އެ މައްސަލައިގައި ވަކާލާތު ނުކުރެވޭނެ ކަމަށް ނިންމާފައި ވަނީ އޭނާ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި އިރު އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގެ މަޝްވަރާތަކުގައި ބައިވެރިވެފައިވާތީ އޭނާގެ މަސްލަހަތު ފުށޫ އަރާ ކަމަށް ބުނެ އެވެ. ނަމަަވެސް، އޭނާ ވިދާޅުވެފައި ވަނީ އާތިފްގެ މައްސަލައާ ގުޅޭ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންނެވި ކަމެއް ހަނދުމަފުޅު ނެތް ކަމަށެވެ.

މިއަދު ތަކުރާރުކޮށް އާތިފްގެ ފަރާތުން އެދުނީ ނިހާޔަތަށް އެ މައްސަލައިގެ ވަކީލެއްގެ ގޮތުގައި ބަލައިނުގަތުމަށް ނިންމި ނިންމުން ޝަރީއަތުން ނިންމި ނިންމުމެއްގެ ގޮތުގައި ލިޔުމުން ދޭށެވެ. އެއީ އެ ނިންމުން މަތީ ކޯޓުތަކުގައި އިސްތިއުނާފު ކުރާށެވެ. މީގެ ކުރިން އެ ނިންމުން އާތިފްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރަން މަސައްކަތް ކުރުމުން ހައިކޯޓުގެ ރަޖިސްޓްރާ ނިންމާފައި ވަނީ އެއީ އިދާރީ ނިންމުމެއް ކަމުން އެ ނިންމުމުގެ އިސްތިއުނާފު ބަލައިނުގަނެވޭނެ ކަމަށެވެ.

އިސްގާޒީ ޝަކީލު ވިދާޅުވީ، އެ ނިންމުމަކީ ޝަރީއަތުން ކުރި އަމުރެއްގެ ގޮތުގައި ބަލައި ލިޔުން ނުދެވޭނެ ކަމަށެވެ. އަދި އެ ވާހަކަ ތަކުރާރު ނުކުރައްވަން އެދިވަޑައިގަތެވެ. އެ ވާހަކަ ތަކުރާރު ނުކުރައްވަން އޭނާ އެންގެވުމުންވެސް އާތިފްގެ ފަރާތުން ވަނީ އެ ވާހަކަ ތަކުރާރުކޮށްފަ އެވެ. ދައުލަތުން އެކަމާ ގުޅިގެން ބުނީ އެއީ ޝަރީއަތުގެ ހުރުމަތް ކެނޑުން ކަމަށް ދެކޭ ކަމަށެވެ.

ދައުލަތުން މިއަދު ބުނީ، ދިފާއަށް ބޭނުންވާ ވަކީލު ހަމަނުޖެހުމަކީ މުޅި މައްސަލަ މަޑުޖައްސާލާފައި ބޭއްވޭނެ ސަބަބެއް ނޫން ކަމަށެވެ. އަދި މިހާރުވެސް އާތިފްގެ ވަކީލުން ތިއްބެވިކަމާއި އެއީ ވަކީލެއްގެ ހައްގު ލިބިދިނުން ކަމަށް ދެކޭކަން ދައުލަތުގެ ވަކީލުން ފާހަގަކުރެއްވި އެވެ.

ޝަރީއަތުގެ ކުރިން ހުށަހަޅާ ކަންކަން ހުށަހަޅަން ގާޒީ ފުރުސަތު ދެއްވުމުން ދައުލަތުން ވަނީ ދައުލަތުން ހުށަހަޅާ ހެކިތަކެއް ރައްކާތެރި ކުރުން ނުވަތަ ސިއްރު ކުރުމުގެ އަމުރެއް ނެރެ ދިނުމަށް އެދިފަ އެވެ. އާތިފްގެ ފަރާތުން ބުނީ، ހެކި ރައްކާތެރި ކުރުމުގެ އަމުރެއް ހޯދަން ދައުވާ ފޯމާއެކު އެދިފައި ނުވާ ކަމަށެވެ. ނަމަވެސް ދައުލަތުން އެކަމާ ދެކޮޅު ހެދި އެވެ. ހެކި ރައްކާތެރި ކުރުމުގެ އަމުރެއް ނެރެން ފެންނަ ނަމަ އެފަދަ އަމުރެއް ނެރޭނީ ޝަރީއަތުގެ މަރުހަލާ ފެށުމުގެ ކުރިންނެވެ.

އަޑުއެހުން ނިންމާލުމުގެ ކުރިން ދެން އެ މައްސަލައިގައި އަޑުއެހުމެއް އޮންނާނީ ފެބްރުއަރީ 23ގައި ކަމަށް އިސްގާޒީ ޝަކީލް ވިދާޅުވި އެވެ. އެއީ ހެކި ހާމަ ކުރަން ބާއްވާ އަޑުއެހުމެކެވެ.

އާތިފްގެ މައްޗަށް ކުރާ ދައުވާ ސާބިތުވެއްޖެ ނަމަ އޭނާއަށް އަންނާނެ އަދަބަކީ 10،000 ރުފިޔާ އާއި 500،000 ދެމެދުގެ އަދަދަކުން ޖޫރިމާނާ ކުރުން ނުވަތަ އެއް އަހަރާ 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ ޖޫރިމާނާ ކުރުމާއެކު ޖަަލަށް ލުމެވެ.

އާތިފް މީގެ ކުރިން ޝަރީއަތުގައި މަޖިލީހުގައި ވަނީ، ދައުލަތާ އެކު އިއުތިރާފް އެއްބަސްވުމެއް ހަދަން ހުށަހަޅާފައިވާ ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް