މިފްކޯގެ އުފެއްދުންތައް ފެލިވަރުން ސީދާ މާލެ ގެނެވޭނެ އިންތިޒާމު ހަމަޖައްސައިފި

އެމްޕީއެލްއިން މިފްކޯއަށް ރީޗްސްޓެކާ ވިއްކުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރުން--

ފެލިވަރުގެ އޮޕަރޭޝަންތައް ހަރުދަނާ ކުރުމަށްޓަކައި ކޮންޓޭނަރު ހޭންޑަލް ކުރާ "ރީޗް ސްޓެކާ"އެއް މިފްކޯއިބް ގަނެފި އެވެ.

މިފްކޯއިން އެ އިކުއިޕްމަންޓް ގަތީ އެމްޕީއެލްގެ ފަރާތުންނެވެ. މިކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ އަދި އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ އެވެ.

އެ ރަސްމިއްޔާތުގައި މިފްކޯގެ އެމްޑީ އިސްމާއިލް ވިދާޅުވީ އަލަށް ހޯދި އިކުއިޕްމަންޓާއެކު ފެލިވަރުގެ އޮޕަރޭޝަންތަކުގައި މިހާރު ހުރި ދަތިތަކަށް ލުޔެއް ލިބި، އިތުރު މާކެޓްތަކަށް ވަނުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.

"ރީޗް-ސްޓެކާ މައިގަނޑު ގޮތެއްގައި ބޭނުން ކުރާނީ ފެލިވަރުގެ ޕްރޮޑަކްޝަންގައި ނިންމާ ޕްރޮޑަކްޓްތައް އެކްސްޕޯޓު ކުރުމުގެ މަސައްކަތަށް،" އިސްމާއިލް ފައުޒީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސްޓޯރޭޖްގެ މައްސަލައާހުރެ މިހާރު ފެލިވަރުގެ އުފެއްދުންތައް މާލެއަށް ގެންނަނީ ކޫއްޑޫއަށް ގެންދިއުމަށްފަހު ކަމަށާއި މި އިކުއިޕްމަންޓްގެ ސަބަބުން އެކަމަށްވެސް ހައްލެއް ލިބިގެންދާނެ ކަމަށެވެ.

"ފެލިވަރުގެ މަސް ކިރުމުގައާއި ސްޓޯރޭޖަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދަން ރީފާ ކޮންޓޭނަރު (ފިނިކުރި ކޮންޓޭނަރު)ތަކެއް އެބަ އޮޕަރޭޓްކުރަން. އެވެސް ވަރަށް ބޮޑު ލުޔަކަށް ވާނެ. އެފިޝަންސީގެ ގޮތުން ފަސޭހަވާނެ މިހާރު ކުރިއަށްވުރެ. އެއީ ސީދާ 40 ފޫޓުގެ ކޮންޓޭނަރު ލޭންޑިން ކްރާފްޓަށް ލޯޑުކޮށްގެން މާލެއަށް ގެނެވޭނެ. މިހާރު ކޫއްޑޫއިން ލޯޑުކޮށްގެން މާލެއަށް ގެންނަނީ. ހަރަދުގެ ގޮތުން ބަލާއިރުވެސް މިފްކޯއަށް ލުއިވާނެ." އިސްމާއިލް ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ ޝާހިދު ވިދާޅުވީ މިފްކޯއަށް ވިއްކާ ރޭސްޓެކާއަކީ އެމްޕީއެލްއިން ބޭނުންކޮށްފައިވާ، އެހެން ނަމަވެސް ވަރަށް ރަނގަޅު ހާލަތުގައި ހުރި އިކުއިޕްމަންޓެއް ކަމަށެވެ.

"ރީސްޓެކާއަކީ އޭގެ ޒާތުގައި ވަރަށް އަގުބޮޑު އިކުއިޕްމަންޓެއް. އެމްޕީއެލްގައި ބޭނުންކޮށްފައި މީގެ އަގު މިހާރު ހުންނާނީ ކޮންމެވެސް ވަރަކަށް ދަށްވެފައި. އެހެން ނަމަވެސް މިފްކޯއަށް މި ފޯރުކޮށްދެނީ މިފްކޯގެ މާލީ ހާލަތަށްވެސް ބަލާފައި، ވަރަށް ދިގު މުއްދަތެއްގައި ފައިސާ ދައްކާ ގޮތަށް ކުޑަ އަގެއްގައި." ޝާހިދު ވިދާޅުވި އެވެ.

އެހެން ނަމަވެސް އެމްޕީއެލްއިން މިފްކޯއަށް ރީސްޓެކާ ވިއްކި އަގާއި، ފައިސާ ދައްކަން ކަނޑައެޅި މުއްދަތު ހާމަކޮށްފައި ނުވެ އެވެ.

comment ކޮމެންޓް