އާ ފޮރިން އިންވެސްޓްމެންޓުތައް ހޯދުމުގައި ޗައިނާއިން އެމެރިކާ ފަހަތަށް ޖައްސާލައިފި

އެމެރިކާ ފަހަތަށް ޖައްސާލުމަށް ޗައިނާއިން ވަނީ މިދިޔަ އަހަރު އެންމެ ގިނަ އާ ފޮރިން އިންވެސްޓުމެންޓު ހޯދި ގައުމުގެ ލަގަބު ހޯދާފަ -- ފޮޓޯ: ގެޓީ

ބެއިޖިން (ޖެނުއަރީ 25): އާ ފޮރިން އިންވެސްޓްމެންޓުތައް ހޯދުމުގައި މިދިޔަ އަހަރު ޗައިނާއިން އެމެރިކާ ފަހަތަށް ޖައްސާލައިފި އެވެ.

ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑެވެލޮޕްމެންޓް (ޔޫއެންސީޓީއޭޑީ)އިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން މިދިޔަ އަހަރު ޗައިނާއަށް 163 ބިލިއަން ޑޮލަރުގެ އާ ފޮރިން އިންވެސްޓްމެންޓު ލިބުނެވެ. އެއާ އަޅާ ބަލާއިރު، އާއްމު ގޮތެއްގައި ކޮންމެ އަހަރަކު އެންމެ ގިނައިން އާ ފޮރިން އިންވެސްޓްމެންޓުތައް ހޯދާ އެމެރިކާއަށް މިދިޔަ އަހަރު ލިބިފައި ވަނީ 134 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓުތަކެވެ.

އެމެރިކާއަށް އާ ފޮރިން އިންވެސްޓްމެންޓުތައް އެންމެ ގިނައިން ލިބުނީ 2016 ގައި 472 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓާ އެކު އެވެ. އެއާ އަޅާ ބަލާއިރު އެ އަހަރު ޗައިނާއަށް އާ ފޮރިން އިންވެސްޓްމެންޓުން ލިބުނީ 134 ބިލިއަން ޑޮލަރެވެ.

އޭގެ ފަހުން ޗައިނާގައި ބޭރުގެ އިންވެސްޓްމެންޓުތައް އިތުރުވި ނަމަވެސް 2017 ގެ ފަހުން އެމެރިކާއަށް ލިބޭ އާ އިންވެސްޓްމެންޓުތަކުގެ މިންވަރު ދަނީ ކޮންމެ އަހަރަކު ދަށްވަމުންނެވެ.

ފާއިތުވި ހަތަރު އަހަރު އެމެރިކާގެ ރައީސް ކަމުގައި ހުންނެވި ޑޮނަލްޑް ޓްރަމްޕް ޗައިނާއާ "ވިޔަފާރީގެ ހަނގުރާމަ"އެއް ފައްޓަވައި، އެގައުމުގެ ކުންފުނިތަކުން ޗައިނާގައި އޮޕަރޭޓު ކުރުން ހުއްޓާލާ އެމެރިކާއަށް ބަދަލުވުމަށް އެންގެވި އެވެ. އަދި ގައުމީ ސަލާމަތާ ގުޅުން ހުރި ސަބަބުތަކާ ހެދި، އެމެރިކާގައި އިންވެސްޓު ކުރާ ޗައިނާގެ ފަރާތްތައް ބަލާ، ތަހުގީގު ކުރާ މިންވަރު އިތުރު ކުރާނެ ކަމުގެ އިންޒާރު އެ ސަރުކާރުން ދިނެވެ.

ކޮވިޑް-19 ބަލިމަޑުކަމާ ހެދި އެމެރިކާގެ އިގުތިސާދަށް ގެއްލުން ލިބެމުން ދިޔަ ނަމަވެސް ޗައިނާގެ އިގުތިސާދު ވަނީ ކުރި އަރަން ފަށާފަ އެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކާ ހިލާފަށް މިދިޔަ އަހަރު ޗައިނާގެ އިގުތިސާދު ވަނީ 2.3 ޕަސެންޓު ކުރިއަރާފަ އެވެ.

ޗައިނާއަކީ އާ ފޮރިން އިންވެސްޓުމެންޓުތައް އެންމެ ގިނަ ގައުމު ކަމަށްވީ ނަމަވެސް ޖުމްލަކޮށް ބޭރުގެ ކުންފުނިތަކުން އެންމެ ބޮޑު އިންވެސްޓްމެންޓްތައް ކޮށްފައި ވަނީ އެމެރިކާގެ އެވެ.

ޔޫއެންސީޓީއޭޑީގެ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު ގްލޯބަލް ފޮރިން ޑިރެކްޓް އިންވެސްޓްމެންޓް ވަނީ 42 ޕަސެންޓު ދަށްވެފަ އެވެ. އަދި ތަރައްގީ ވަމުން އަންނަ ގައުމުތަކަށް ލިބުނު އިންވެސްޓްމެންޓުތައް މިދިޔަ އަހަރު 12 ޕަސެންޓު ދަށްވި ނަމަވެސް ދުނިޔޭގެ ހުރިހާ އާ ފޮރިން ޑިރެކްޓް އިންވެސްޓްމެންޓުތަކުގެ 72 ޕަސެންޓު ހިއްސާ ކުރީ އެގައުމުތަކުންނެވެ. އެގޮތުން އޭޝިއާގެ ތަރައްގީވަމުން އަންނަ ގައުމުތަކަށް މިދިޔަ އަހަރު 476 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓުތައް ލިބިފައިވެ އެވެ.

comment ކޮމެންޓް