އަންހެނުންނަށް ގޮނޑި ހާއްސަ ކުރީ ރަނގަޅަށް ކަމަށް ކުރި ހުކުމް އިސްތިއުނާފު ކުރަނީ

އޮކްޓޯބަރު 1، 2019: ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ލޯކަލް ކައުންސިލް އިންތިހާބަށް އަންހެނުންނަށް 33 ޕަސެންޓު ގޮނޑި ހާއްސަ ކުރުމަކީ ގާނޫނުއަސާސީއާ ހިލާފަށް ކޮށްފައިވާ ކަމެއް ނޫން ކަމަށް ހައިކޯޓުން އިއްޔެ ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ނިންމައިފި އެވެ.

ލޯކަލް ކައުންސިލްތަކުން އަންހެނުންނަށް ގޮނޑި ހާއްސަކުރަން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި އިސްލާހު ގާނޫނު އަސާސީއާ ހިލާފު ކަމަށާއި އެ އިސްލާހުން ގާނޫނުއަސާސީއިން ލިބިދޭ އަސާސީ ބައެއް ހައްގުތަކަށް އުނިކަން އަންނަ ކަމަށް ބުނެ ހައިކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅުއްވީ ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ގޮފީގެ ކުރީގެ ރައީސް، އަދި ގާނޫނީ ވަކީލު މޫސާ އަންވަރެވެ.

އެ މައްސަލާގައި ހައިކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަކުން އިއްޔެ ނިންމާފައި ވަނީ ގޮނޑި ހާއްސަ ކުރީ ގާނޫނު އަސާސީއާ ހިލާފަށް ނޫން ކަމަށެވެ.

ހައިކޯޓުގެ ހުކުމް އިސްތިއުނާފު ކުރައްވާނެ ކަމަށް މޫސާ އަންވަރު އިއްޔެ ޓްވިޓާގައި ވަނީ ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ ހައި ކޯޓުގެ ހުކުމް އޮތްގޮތުން ގާނޫނު އަސާސީގެ އަސާސީ ހައްގުތަކާ ގުޅޭ ބާބު ކަފުން ކުރަން ފުރުސަތު ލިބޭ ކަމަށެވެ. އަދި އެއީ ގާނޫނު މާނަ ކުރުމުގެ ހަމަތަކާއި އަދުލު އިންސާފު ގާއިމް ކުރުމުގެ އަސާސީ މަގުސަދުތަކާ ހިލާފު ކަމަށް ވިދާޅުވި އެވެ. އަދި މިނިވަން ޑިމޮކްރެޓިކް މުޖުތަމައުތަކުގައި ގޮނޑި ހާއްސަ ކުރާ ގޮތަށް އެއްވެސް ވަރަކަށް ރިއާއަތް ކޮށްފައި ނުވާ ކަމަށް ވިދާޅުވި އެވެ.

ހައިކޯޓުގައި މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތު ބަލަހެއްޓެވީ ފަނޑިޔާރު މުހައްމަދު ނިޔާޒެވެ. ދެން ބެންޗުގައި ތިއްބެވީ ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިިމާއި ފަނޑިޔާރު ހުސައިިން ޝަހީދުގެ އިތުރުން ފަނޑިޔާރު ހާތިފް ހިލްމީ އެވެ.

comment ކޮމެންޓް