އިމްޕޯޓު ދަށަށް، އެކްސްޕޯޓު މައްޗަށް ޖެހިލައިފި

މާލޭ ވިޔަފާރި ބަނދަރު -- ފޮޓޯ: ކަސްޓަމްސް

މިދިޔަ ޑިސެމްބަރު މަހު ރާއްޖެއަށް މުދާ އިމްޕޯޓް ކުރި މިންވަރު ބޮޑުތަނުން ދަށްވި ނަމަވެސް، އެކްސްޕޯޓް ކުޑަކޮށް މައްޗަށް ޖެހިލައިފި އެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ޑިސެމްބަރު މަހު ރާއްޖެއަށް އިމްޕޯޓްކުރި މުދަލުގެ އަގަކީ 2.6 ބިލިއަން ރުފިޔާ އެވެ. ދެހާސް ނަވާރަ ވަނަ އަހަރުގެ ޑިސެމްބަރު މަހު 4.4 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓުކޮށްފައި ވާއިރު، 2020 ގައި އިމްޕޯޓުކުރި އަދަދު ވަނީ 40 ޕަސެންޓު ދަށްވެފަ އެވެ.

ޑިސެމްބަރު މަހު ރާއްޖެއިން އެކްސްޕޯޓު ކުރި މުދަލުގެ އަގަކީ 459 މިލިއަން ރުފިޔާ އެވެ. މިިއީ 2019ގެ ޑިސެމްބަރު މަހު އެކްސްޕޯޓުކުރި މުދަލުގެ އަގާ އަޅާބަލާއިރު އަށް ޕަސެންޓު އިތުރު އަދަދެކެވެ. އެގޮތުން 2019 ވަނަ އަހަރުގެ ޑިސެމްބަރުގައި އެކްސްޕޯޓު ކުރި މުދަލުގެ އަގަކީ 425 މިލިއަން ރުފިޔާ އެވެ.

ޑިސެމްބަރު މަހު މުދާ އެތެރެކުރި މިންވަރު ވަރަށް ބޮޑަށް ދަށްވުމާއެކު އިމްޕޯޓް ޑިއުޓީން ދައުލަތަށް ލިބުނު އާމްދަނީ ވެސް 2019 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 30 ޕަސެންޓު ވަނީ ދަށްވެފަ އެވެ.

ޑިސެމްބަރު 2019 ގައި 359 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މިދިޔަ ޑިސެމްބަރު މަހު އެ އަދަދު ވަނީ 252 މިލިއަން ރުފިޔާއަށް ދަށްވެފަ އެވެ.

ޑިސެމްބަރު މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ ޗައިނާ، އޫއޭއީ އަދި އިންޑިއާ އެވެ. ޗައިނާ އަދި ޔޫއޭއީ އިން 408 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު އިންޑިއާ އިން 360 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފަ އެވެ.

އެންމެ ގިނައިން ރާއްޖެއިން މުދާ އެކްސްޕޯޓު ކުރީ ނުވަތަ ބޭރު ކުރީ ތައިލެންޑް، ޖަރުމަންވިލާތް އަދި އިންޑިއާ އެވެ.

comment ކޮމެންޓް