ކޭސްތައް އިތުރުވަނީ ކުދިކުދި ކަންކަމުގައި ފަރުވާ ކުޑަކޮށްލެވިގެން: އެޗްއީއޯސީ

އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު -- ފޮޓޯ: އެޗްއީއޯސީ

ރާއްޖެއިން ކޮވިޑަށް އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަނެއްކާވެސް މައްޗަށް ދާން ފަށާފައި ވަނީ ވަރަށް ކުދިކުދި ކަންކަމުގައި، ރައްޔިތުން ފަރުވާކުޑަ ކުރާތީ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ރާއްޖެއިން ދުވާލެއްގެ މައްޗަށް ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށުގައި ހުރުމަށްފަހު ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި އެ އަދަދު ވަނީ މަތިވާން ފަށައިފަ އެވެ.

އެގޮތުން އިއްޔެ ވެސް ރާއްޖެއިން 108 މީހަކު ބައްޔަށް ޕޮޒިޓިވްވި އިރު، އޭގެ ތެރޭގައި މާލެ އިން ފެނުނު 79 ކޭސް ހިމެނެ އެވެ.

އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ރޭ ވިދާޅުވީ ކޮންމެ ފަހަރަކުވެސް ކޭސްތައް މަދުވާ އިރަށް އެންމެނަށް ވެސް ދިރިއުޅުމުގެ ކަންކަން މާބޮޑަށް ފަސޭހަކޮށްލެވޭ ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ މަގުމަތިން ފެންނަ މަންޒަރުތަކާއި މީހުންގެ ވާހަކައިންނާއި އަދި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ވެސް، މީހުން ފިޔަވަޅުތައް މާބޮޑަށް "ރިލެކްސް" ކޮށްލައިގެން އުޅޭކަން ފާހަގަވާ ކަމަށެވެ.

"ކޮވިޑް ނުދާ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ. އަޅުގަނޑުމެން އެޗްއީއޯސީ ހަދައިގެން މި މަސައްކަތުގައި މިތަނުގައި މިތިބީ މިކަން އެއްކޮށް ފިލައިގެން ނުދާތީ. އިތުރަށް ކުރަންޖެހޭ މަސައްކަތްތަކާ ބަލަންޖެހޭ ކަންކަން ގިނަވީމަ. އަނެއްކާ ކޭސްތައް މަދުވީމަ މާބޮޑަށް ރިލެކްސް ކޮށްލެވިއްޖެއްޔާ ކޭސްތައް އިތުރުވާނެ ކަން ވެސް އަޅުގަނޑުމެން އެންމެނަށް އެބަ އެނގޭ. ދެފަހަރު އެހެން ވެއްޖެ މިހާރުވެސް. އެހެންވީމަ ކުރިއަށް އޮތް ތަނުގައި އެހެންވުމުގެ ފުރުސަތު ވެސް އޮންނާނެ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަހަރެއްހާ ދުވަސް ވަންދެން ވަރަށް ގިނަ ކަންކަން ހިފަހައްޓާފައި ހުރުމަށްފަހު، ފިޔަވަޅުތަކަށް ލުއި ދިނީ ކޮންމެހެން އެކަން ކުރަން ޖެހުމުން ކަމަށެވެ.

އެގޮތުން ސްކޫލުތައް ހުޅުވައި ކުދިންނަށް ތައުލީމު ދޭންޖެހޭ ކަމަށާއި، ޓޫރިޒަމް ހުޅުވައި، އޭގެން ނަފާ ހޯދައިގެން ގައުމުގެ ކަންކަން ވެސް ހިންގަން ޖެހޭ ކަމަށް ވިދާޅުވި އެވެ. އަދި ވިޔަފާރިތަކާއި ގުރްއާން ކްލާސްތަކާއި އެހެނިގެން ތަންތަން ވެސް ހުޅުވަން ހުއްދަ ދިނީ އާންމުންގެ ދިރިއުޅުމަށް ވެސް އެކަންކަން މުހިންމު ވުމުން ކަމަށް ވެސް ވިދާޅުވި އެވެ.

ނަމަވެސް އެކަންކަން ހުޅުވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ކުރި ގޮތަށް ކުރަން ނޫންކަން ވެސް ޑރ. ނަޒްލާ ފާހަގަކުރެއްވި އެވެ.

"ކޮންމެ ކަމަކަށް ވެސް އެބަ އޮތް ވަރަށް ތަފްސީލުކޮށް، އަޅުގަނޑުމެން ވަރަށް ގިނަ، އެޗްޕީއޭ އިން ދުވަހަކު ވެސް އެއްފަހަރާ މިހާގިނަ ގައިޑްލައިން ހެދިކަމެއް އަޅުގަނޑަކަށް ނޭނގޭ. ހިޔެއް ނުވޭ ހަދާފަ ހުންނާނެ ހެނެއް. ކޮންމެ ކަމަކަށް ވަކިވަކިން ހަމަ ތަފްސީލުކޮށް ތައްޔާރުކޮށް އާންމުކޮށްފަ ހުންނާނެ ގައިޑްލައިންތައް،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވީ އެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުނުކުރެވޭ ނަމަ އަނެއްކާވެސް ކޭސްތައް އިތުރުވެގެންދާނެ ކަމަށެވެ. އެހެންކމަުން ގައިޑްލައިންތަކަށް ފުރިހަމައަށް ބޯލަނބަން ޑރ. ނަޒްލާ ވަނީ ތަކުރާރުކޮށް އެދިވަޑައިގެންފަ އެވެ.

"މީގެ މާނައަކީ ފިހާރައަށް ވަރަށް އަވަހަށް އެއްޗެއް ގަންނަން ވަޑައިގަތަސް ތިން މީހުންނަށް ވަދެވޭ ފިހާރައެއް ތެރޭ ތިން މީހުން ތިބިއްޔާ، ހަތަރު ވަނައަށް ވަޑައިގަންނަވާ ބޭފުޅާ ހަމަ ބޭރުގަ މަޑުކޮށްލައްވަން ޖެހޭނީ. އެއީ އެބޭފުޅާގެ ވެސް ރައްކާތެރިކަމަށްޓަކައި. އެތެރޭގަ ތިބި މީހުންގެ ވެސް ރައްކާތެރިކަމަށްޓަކައި. ރެސްޓޯރަންޓަށް ވެސް ވަޑައިގަންނަވަންވީ، އެކަމަކު ކާގަޑި ނޫން އެހެން ހުރިހާ ގަޑިއެއްގަ މާސްކް އަޅުއްވައިގެން ތިއްބަވަންވީ. ކާގަޑީގަ އެކަނި ނަގާނީ. އަދި ކާން ތިބޭ އިރުވެސް އަމިއްލަ އާއިލާއާ އެއްކޮށް އުޅޭ މީހުން ނޫން ކަމަށް ވަންޏާ، ގައިދުރުކަން ބެހެއްޓޭ ވަރަށް ދުރުދުރުގަ ތިބޭނީ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެއީ ވަރަށް ކުދިކުދި ކަންކަމުގެ ގޮތުގައި ގަބޫލުކުރެވުނަސް، އެކަމުގައި ފަރުވާ ކުޑަކުރެވޭނަމަ މިކަމުގައި ކުރިއަށް ދެވެން ނެތް ކަމަށެވެ.

"އެހެންވީމަ މިކަހަލަ ވަރަށް ބައިވަރު ކުދިކުދި ކަންތައްތައް ވަރަށް ގިނަ މީހުން އެއްފަހަރާ ކުރީމަ ހަމަ ކޭސްތައް އިތުރުވަނީ. ކޮންމެހެން ބޮޑު ކްލަސްޓާއެއް އުފެދިގެން ނޫނީ މާބޮޑެތި ކަންތައްތަކެއް ވެގެނެއް ނޫން، ކުރެވޭ ވަރަށް ބައިވަރު ކުދިކުދި ކަންތައްތަކުން ކޭސްތައް ގިނަވަނީ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވީ ވައިރަުގެ އާ ވޭރިއަންޓް ވެސް ރާއްޖެ އައުމުރުގެ ފުރުސަތު އެބަ އޮތް ކަމަށާއ އެހެންކަމުން ދިރިއުޅުމުގެ ހުރިހާ ކަމެއް ވެސް މިހާރު ތަފާތުކޮށް ކުރަން ޖެހިފައިވާ ކަމަށެވެ.

މިހާރު ދީފައިހުރި ލުއިތައް އެގޮތުގައި ދެމެހެއްޓޭނީ ވެސް ގައިޑްލައިނާ އެއްގޮތަށް އަމަލުކޮށްގެން ކަމަށާއި ނޫންނަމަ ކިތަންމެ ބޭނުން ނުވިޔަސް އަނެއްކާ ވެސް ހަރުކަށި ފިޔަވަޅުތައް އަޅަން ޖެހޭނެ ކަމަށެވެ.

comment ކޮމެންޓް