19،600 މީހުން ވެކްސިން ޖަހަން ރަޖިސްޓާކޮށްފި

ފެބްރުއަރީ 24، 2020: ހިމަބިހި އަދި ރުބެއްލާއަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިނަށް މިހާތަނަށް ރާއްޖެއިން 19،000 އަށް ވުރެ ގިނަ މީހުން ރަޖިސްޓާކޮށްފައިވާ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ދުވާލެއްގެ މައްޗަށް ހާހެއްހާ މީހުން ވެކްސިނަށް ރަޖިސްޓާކުރަމުން އަންނަ ކަމަށެވެ.

އެގޮތުން މިހާތަނަށް 19،666 މީހަކު ޕޯޓަލްގައި ރަޖިސްޓާކޮށްފައިވާ ކަމަށެވެ. ޑރ. ނަޒްލާ ވިދާޅުވީ އެއަށްވުރެ ވެސް ގިނަ މީހުން ޕޯޓަލްގައި ރަޖިސްޓާވާން ބޭނުންވާ ކަމަށާއި، އެހެންކަމުން ވީހާވެސް އަވަހަށް އެކަން ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ރާއްޖޭގައި ބޭނުންކުރެވޭނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބަލައި އޭގެ ރައްކާތެރިކަން ކަށަވަރުކޮށް ހުއްދަ ދީފައިވާ ވެކްސިންތަކެވެ.

އަދި ކޮންމެ ވެކްސިނެއްވެސް ރައްކާކޮށް ފޯރުކޮށްދިނުމުގައި އެ ވެކްސިނެއް ބަހައްޓަންޖެހޭ ފިނިހޫނުމިން ބެލެހެއްޓޭނެ ކަމަށާއި ވެކްސިން ރައްކާކޮށް ބެލެހެއްޓުމުގެ ނިޒާމު ފުޅާކުރުމުގެ މަސައްކަތް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއި ޔުނިސެފްގެ އެހީގައި ކުރަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަނީ ބުނެފަ އެވެ.

ވެކްސިން ޖެހުމުގެ ސަބަބުން ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށް އިތުރު އެހީއަކަށް ވާނެ ކަމަށާއި އެހެން ނަމަވެސް ވެކްސިން ޖެހުން މަޖުބޫރު ނޫން ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

ނަމަވެސް ގިނަ ބަޔަކު ވެކްސިން ޖަހައިފިނަމަ، އާންމު ހާލަތަށް ރުޖޫއަވުން އަވަސްވާނެ ކަމަށާއި ވަކި ފަރުދަކަށް ބަލައިފި ކަމުގައިވާ ނަމަވެސް، މި ވެކްސިން ޖެހުމުން އޭނާ ބަލިން ރައްކާތެރިވުމުގެ އިތުރުން ބަލީގެ ނުރައްކާ އެންމެ ބޮޑު މީހުންގެ ތެރެއިން މީހަކަށް އޭނާގެ ފަރާތުން ބަލި ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އަދި ވެކްސިންޖެހުމުގެ ސަބަބުން ނޭދެވޭ އަސަރެއް ހަށިގަނޑަށް ކުރިތޯ ބެލުމަށް ވެކްސިން ޖަހާފައިވާ ފަރާތްތައް ވަކިވަކިން މޮނިޓާ ކުރަމުންގެންދާނެ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ. އަދި މިގޮތުން ކުރިއަށް ގެންދާ މޮނިޓަރިންގ ކުރިއަށް ގެންދާނީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ކަމަށް ބުނެފައިވެ އެވެ.

އެޗްއީއޯސީ އިން ވަނީ ރާއްޖެއަށް ވެކްސިން ލިބޭ މިންވަރަކުން، ވެކްސިން ޖަހާނެ ތަރުތީބު އާންމުކޮށްފަ އެވެ. އެގޮތުން އެންމެ ފުރަތަމަ ވެކްސިން ޖަހާނީ ހެލްތު ކެއާ އަދި ސޯޝަލް ކެއާ ވޯކަރުންނަށެވެ.

މި މަހުގެ 20 ވަނަ ދުވަހު އިންޑިއާ ސަރުކާރުން ވަނީ 'ކޮވިޝީލްޑް' ވެކްސިންގެ އެއް ލައްކަ ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފަ އެވެ. އެއީ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ ވެކްސިނެކެވެ. 'ކޮވިޑްޝީލްޑް' އުފައްދާފައިވަނީ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާ ގުޅިގެން ތައްޔާރުކުރި ވެކްސިންގެ ފޯމިއުލާ ބޭނުންކޮށްގެން އެއާއި އެއްގޮތަށެވެ.

އޭގެ އިތުރުން, ކޮވިޑް19 ވެކްސިން ހޯދުމަށް ރާއްޖެއިން ވަނީ ކޯވެކްސް ފެސިލިޓީގައި ބައިވެރިވެފަ އެވެ. އެޗްޕީއޭ އިން ބުނީ ކޯވެކްސް ފެސިލިޓީގެ ތެރެއިން ރާއްޖެއަށް ވެކްސިން ލިބޭނެކަމަށް ލަފާކުރެވެނީ މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ކަމަށެވެ.

އޭގެ އިތުރުން، ސަރުކާރުން އަންނަނީ އެސްޓްރާޒެނެކާ ފަދަ ވެކްސިން އުފައްދާ ކުންފުނިތަކުން ވެކްސިން ގަތުމުގެ އިންތިޒާމުތައް ހަމަޖައްސަމުންނެވެ. އެގޮތުން ވެކްސިންގެ 700،000 ޑޯޒް ގަތުމަށް އެސްޓްރާޒެނެކާ އާއެކު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ.

comment ކޮމެންޓް