ފަތުރުވެރިކަން ކުރިއަރުވަން ސްޕެއިންގެ ކުންފުންޏަކާއެކު މަޝްވަރާ ކޮށްފި

ސަޖިޓޫރު އާއި އެކު ޓޫރިޒަމް މިނިސްޓްރީން މަޝްވަރާ ކުރުން --- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

ފަތުރުވެރިކަން ކުރިއެރުވުމާ ގުޅޭގޮތުން ސްޕެއިންގެ ފަތުރުވެރިކަމުގެ އިންޑަސްޓްރީގައި މަސައްކަތްކުރާ ސަރުކާރުގެ ކުންފުންޏެއްކަމަށްވާ ސަޖިޓޫރު އާއި އެކު ޓޫރިޒަމް މިނިސްޓްރީން މަޝްވަރާ ކޮށްފި އެވެ.

ސްޕެއިން ސަރުކާރުގެ ކުންފުންޏެއްކަމަށްވާ ސަޖިޓޫރުގެ ރައީސް އެންރިކް މާޓިނެޒް މަރިން އާއި ޑިރެކްޓަރު އޮފް ޓޫރިޒަމް ރިސާޗް ޑިވެލޮޕްމަންޓް އެންޑް އިނޮވޭޝަން ކާލޯސް ރޮމާރިއޯ އާއި ޓޫރިޒަމް މިނިސްޓާ ޑރ.އަބްދުﷲ މައުސޫމް ބައްދަލު ކުރެއްވީ ޔޫއެންޑަބްލިއުޓީއޯގެ 113 ވަނަ ބައްދަލުވުމުގައި ބައިވެރިވުމަށް މިނިސްޓަރު މިހާރު ސްޕެއިން އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގަ އެވެ.

މި ބައްދަލުވުމުގައި ސަޖިޓޫރުގެ ފަރާތުން ސްޕެއިންގެ ފަތުރުވެރިކަން ތަރައްގީކުރަން ގެންގުޅޭ ސިޔާސަތުތަކާއި، ފަތުރުވެރިކަން ކުރިއެރުވުމަށް އެކުންފުނިން ކުރަމުންގެންދާ މަސައްކަތުގެ މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ. ހާއްސަކޮށް ފަތުރުވެރިކަން ކުރިއެރުވުމުގައި ރިސާޗާއި ކޮމިއުނިކޭޝަން އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ ބޭނުންކުރެވިދާނެ އަދި ބޭނުން ކުރަމުންދާ ގޮތްތަކުގެ މައުލޫމާތު އެކުންފުނިން ހިއްސާކުރި ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުންޏެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ ރާއްޖޭގެ އުތުރާއި ދެކުނުގެ ފަތުރުވެރިކަން ފުޅާކޮށް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންދާކަމަށާއި އެކަމުގައި ސަޖިޓޫރުގެ މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް ގިނަކަންތައްތަކެއް ރާއްޖޭގައިވެސް ތަންފީޒުކުރުމުގެ ފުރުސަތު އޮތްކަމަށެވެ.

ސަޖިޓޫރަކީ ރިސާޗާއި އަދި ޓެކްނޮލޮޖީގެ ކުރިއެރުން ބޭނުންކޮށްގެން ފަތުރުވެރިކަން ޒަމާނާއި އެއްގޮތައް ކުރިއަރުވައި، ދުނިޔޭގެ ފަތުރުވެރިކަމުގެ ވާދަވެރިކަމުގެ ތެރޭގައި ސްޕެއިންއަކީ މަގުބޫލު މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމުގެ މަސައްކަތް ކުރުމަށް އުފައްދާފައިވާ ސަރުކާރުގެ ކުންފުންޏެކެވެ.

comment ކޮމެންޓް