ތިން ޕޭޝަންޓުން ޕޮޒިޓިވްވެ، އޭޑީކޭގެ އެޗްޑީޔޫ ބަންދުކޮށްފި

މެއި 14، 2020: އޭޑީކޭ ހޮސްޕީޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭޑީކޭ ހޮސްޕިޓަލްގެ ހައި ޑިޕެންޑެންސީ ޔުނިޓުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލި ތިން މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އެ ޔުނިޓު ވަގުތީގޮތުން ބަންދުކޮށްފި އެވެ.

ރޭ ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަލްޒާ ރަފީގު ވިދާޅުވީ އެ މީހުން ޕޮޒިޓިވްވުމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

އަދި އެޗްޑީޔޫ ޑިސްއިންފެކްޓް ކުރުމަށް މިހާރު ބަންދުކޮށްފައިވާ ކަމަށާއި، ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ތިބި ހުރިހާ ބަލިމީހުންނާއި އެޗްޑީޔޫގައި މަސައްކަތްކުރި ސްޓާފުންނާއި ބަލި މީހުންނާ ކޮންޓެކްޓުވި ހުރިހާ ސްޓާފުން ވެސް ވައިރަހަށް ޓެސްޓުކޮށްފައިވާ ކަމަށެވެ.

"އަދި މިހާތަނަށް އެއިން އެއްވެސް މީހަކު ޕޮޒިޓިވްވެފައެއް ނުވޭ. ދެން ކޮންޓެކްޓުވި ހުރިހާ ސްޓާފުން ވެސް ތިބީ ކަރަންޓީނުގަ. އައުޓްބްރޭކް އިތުރަށް މޮނީޓާކުރުމުގެ މަސައްކަތް އޭޑީކޭއާ ގުޅިގެން ކުރިއަށް އެބަ ގެންދަން،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވީ އެޗްޑީޔޫ ބަންދުކުރަން ޖެހުނު ނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު އެހެނިހެން ހިދުމަތް ދިނުމުގެ ކަންކަން ރޭވިފައިވާ ކަމަށެވެ.

އެހެންކަމުން ހިދުމަތް ހޯދަން އޭޑީކޭއަށް ދާ ހުރިހާ ފަރާތްތަކަށް ވެސް ހިދުމަތް ލިބޭނެ ކަމަށެވެ.

comment ކޮމެންޓް