ރާއްޖެ - ބެންގަލޫރު ދަތުރުތައް އިތުރުކޮށްފި

އިންޑިގޯގެ ފްލައިޓެއް ވީއައިއޭގައި --- ފޮޓޯ: ވީއައިއޭ

ރާއްޖެ އާއި އިންޑިއާގެ ބެންގަލޫރާ ދެމެދު އިންޑިގޯ އިން ކުރާ ދަތުރުތައް އިތުރުކޮށް، ބޭސްފަރުވާ އަށް ބެންގަލޫރަށްދާ ދިވެހިންނަށް ހާއްސަ ފެއާ އެއް ތައާރަފުކޮށްފިއެވެ.

މީގެ ކުރިން ބެންގަލޫރާއި މާލެ އާއި ދެމެދު ހަފްތާ އަކު ތިން ދަތުރު ބޭއްވި ނަމަވެސް އަންނަ މަހުގެެ އެކަކުން ފެށިގެން ހަފްތާއަކު ކޮންމެ ދުވަހަކު ދަތުރުތައް ބާއްވާނެއެވެ.

އިންޑިއާގެ ބަޖެޓް ކެރިއަރު، އިންޑިގޯ އިން ރާއްޖެ އާއި އިންޑިއާގެ ހަތަރު ސިޓީ އަކާއި ދެމެދު މިހާރު ދަތުރު ބާއްވައެވެ.

މާލެ އާއި މުމްބާއީ އާ ދެމެދު ވެސް ހަފްތާއަކު ކޮންމެ ދުވަހަކު ދަތުރު ބާއްވާއިރު ކޮޗިން އާއި މާލެ އާއި ދެމެދު އަދި ނިއު ދިއްީ އާއި މާލެ އާއި ދެމެދު ހަފްތާއަކު ހަތަރު ދަތުރު ބާއްވަނއެވެ.

އިންޑިގޯ އިން ރާއްޖެ- ބެންގަލޫރު ދަތުރުތައް އިތުރުކުރި އިރު އެ ސިޓީއަކީ ބޭސްފަރުވާ އަށާއި ތައުލީމު ހާސިލު ކުރުމަށްވެސް ގިނަ އަދަދެއްގެ ދިވެހިން ގޮސް އުޅޭ ސިޓީ އެކެވެ.

ރާއްޖެ އާއި އިންޑިއާ އާއި ދެމެދު މިދިޔަ އަހަރުގެ އޮގަސްޓު މަހު ގާއިމް ކުރި ޓްރެވަލް ބަބުލްގެ ދަށުން އިންޑިއާގެ ހަތަރު އެއާލައިނަކުން ރާއްޖެ އަށް ދަތުރު ކުރެއެވެ. އިންޑިއާ އަކީ ރާއްޖޭގެ ޓޫރިޒަމުގައިވެސް މުހިއްމު މާކެޓެކެވެ. މިދިޔަ އަހަރު އެންމެ ގިނަ ޓޫރިސްޓުން ރާއްޖެ އައި ގައުމަކީ އިންޑިއާ އެވެ.

comment ކޮމެންޓް