ރާއްޖެ އާއި ޗައިނާ ސަރުކާރާ ދެމެދު ބާއްވާ ބައިލޭޓަރަލް ކޮންސަލްޓޭޝަންސްގެ ހަތް ވަނަ ބުރު މާދަމާ ބާއްވަން ނިންމައިފިއެވެ.
ފޮރިން މިނިސްޓްރީ އިން ބުނީ މާދަމާގެ ބައްދަލުވުން ކުރިއަށް ދާނީ ވާޗުއަލް ކޮށް ކަމަށެވެ.
ބައްލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރާނީ ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި، ކޮވިޑް-19 އާއި ދެކޮޅަށް ކުރެވޭ މަސައްކަތްތަކާއި އަދި ބައިނަލްއަގުވާމީ މަސްރަހުގައި ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން ކަމަށް ފޮރިން މިނިސްޓްރީ އިން ބުންޏެވެ.
މީގެ އިތުރުން ކޮވިޑް-19 އިން އަރައިގަނެ، އިގުތިސޯދު ކޮޅަށް ޖެހުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭ ގޮތުންނާއި، ދެގައުމުގެ މެދުގައި ވިޔަފާރިއާއި ފަތުރުވެރިކަން ވީހާވެސް އަވަހަކަށް އިއާދަކުރުމާ ބެހޭ ގޮތުން މަޝްވަރާކުރާނެ ކަމަށް ވެސް މިނިސްޓްރީ އިންް ބުންޏެވެ.
ކޮވިޑް-19ގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް މަސައްކަތްކުރާ މިދަނޑިވަޅުގައި ޗައިނާ ފަދަ ތަރައްޤީގީގެ ބައިވެރިންނާއެކު މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ސަރުކާރުން ތައްޔާރަށް އޮތްކަމަށް ފޮރިން މިނިސްޓްރީ އިން ބުންޏެވެ.
ފޮރިން މިނިސްޓްރީ އިން ބުނީ މި ހިނގާ 2021 ވަނަ އަހަރު އިތުރު ދާއިރާތަކުން ގުޅުން ބަދަހިކޮށް، ކުރިއަށް ހުރި ޕްރޮޖެކްޓްތަކާ ބެހޭ ގޮތުން ސަރުކާރުން ޗައިނާ އާއެކު މަޝްވަރާކުރާނެ ކަމަށެވެ.
ބައިލޭޓަރަލް ކޮންސަލްޓޭޝަނަކީ ދެގައުމުގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ކުރެވޭ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ވަރަށް މުހިއްމު މަގެއް ކަން މިނިސްޓްރީ އިން ފާހަގަ ކުރިއެވެ.
ރާއްޖެއާއި ޗައިނާ އާ ދެމެދު ބައިލޭޓަރަލް ކޮންސަލްޓޭޝަންސް އެންމެ ފަހުން ބާއްވާފައިވަނީ 2017 ވަނަ އަހަރު ރާއްޖޭގައެވެ.
މަޝްވަރާތަކުގައި ސަރުކާރުގެ ފަރާތުން އިސްކޮށް ބައިވެރިވެ ވަޑައިގަންނަވާނީ މިނިސްޓާ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް އަހުމަދު ޚަލީލެވެ. ޗައިނާ ސަރުކާރުގެ ފަރާތުން އިސްކޮށް ބައިވެރިވެ ވަޑައިގަންނަވާނީ ވައިސް މިނިސްޓާ އޮފް ފޮރިން އެފެއާޒް ލޫ ޝައުހުއީ އެވެ.