އިންޑިއާގެ 12 ސްޓޭޓަކުން ދޫނިރޯގާ ފެނުމާ އެކު މުޅި ގައުމަށް ދޫނިރޯގާ ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ

ދޫނިރޯގާ ޖެހިފައިވާ ބައެއްދޫނިތައް އިންޑިއާގައި ނައްތާލަނީ

ނިއުދިއްލީ (ޖަނަވަރީ 25) : އިންޑިއާގައި ވަރަށް ބާރަށް ދޫނި ރޯގާ (ބާޑް ފްލޫ) ފެތުރެމުން ދާކަމަށް އެގައުމުން ބުނެފި އެވެ. އިންޑިއާގެ ފިޝަރީޒް، އެނިމަލް ހަސްބަންޑްރީ އެންޑް ޑެއިރީއިންގް މިނިސްޓްރީ ބުނާގޮތުން ކުރިން ދެ ސްޓޭޓަކުން މިރޯގާ ފެނުނު ނަމަވެސް މިހާތަނަށް 12 ސްޓޭޓަކުން ދޫނިރޯގާ ފެނިފައިވާ ކަމަށާއި މުޅި ގައުމަށް ވެސް މިރޯގާ ފެތުރިދާނެކަމުގެ ކަންބޮޑުވުން އެބައޮތް ކަމުގަ އެވެ.

އޭވިއަން އިންފްލުއެންޒާގެ ނަމުން ނަންދީފައިވާ ދޫނިރޯގާއަކީ ކެއުމަށް ބޭނުންކުރާ ދޫނިތަކާއި ޕެޓްގެ ގޮތުގައި ގެންގުޅޭ ދޫނިތަކާއި އެނޫން ވެސް ތަފާތު ދޫނިތަކުގެ ނޭވާލާ ނިޒާމަށް ޖެހޭ ރޯގާއެއްކަމަށް ވާއިރު މިއީ ދޫނިތަކުގެ ޒަރީއާއިން އިންސާނުންނަށް ވަރަށް ފަސޭހައިން ޖެހޭ ރޯގާއެކެވެ.

ދޫނި ރޯގާގެ ވައިރަސް އިންސާނުންގެ ހަށިގަނޑަށް ވާސިލްވަނީ ދޫނިތަކާ ގައިގޯޅިވެ އުޅުމުގެ ތެރޭގަ އެވެ. ކުކުޅު ހާލާއި ޓާކީ އާއި އަސްދޫނިފަދަ ދޫނިތައް ކަތިލުމުގެ ތެރޭގައާއި މިތަކެތި ސާފުކުރުމާއި ފަތްނޮޅުމުގެ މަސައްކަތުގައި އުޅުމުގެ ތެރޭގައި އިންސާނުންގެ ހަށިގަނޑަށް ވަރަށް ފަސޭހައިން މި ރޯގާ ވާސިލްވެއެވެ. މީގެއިތުރުން ބަލިޖެހިފައި ހުންނަ ކުކުޅާއި ޓާކީ ހައު އަދި އަސްދޫނިފަދަ ދޫނިތަކަށް ކާންދިނުމާއި އެތަކެތި ބެލެހެއްޓުމުގެ ތެރޭގައި ވެސް އިންސާނުންނަށް މިބަލިޖެހުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ދޫނި ރޯގާގެ ވައިރަސް

ދޫނި ރޯގާގެ ވައިރަސް ދޫނިތަކުގެ މެދުގައި ފެތުރެނީ ތަންތަނުން ގެންނަ ދޫނިތަކާއި ގައުމުތަކުގެ ސަރަހައްދު ހުރަސްކޮށް އެއްގައުމުން އަނެއް ގައުމަށް ހިޖުރަކުރާ ދޫނިތައް އެހެން ދޫނިތަކާ ގައިގޯޅިވެ މިލްޖުލްވުމުގެ ސަބަބުންނެވެ. އިންސާނުންގެ ކެއުމަށް ބޭނުންކުރާ ކުކުޅު ހާލާއި ޓާކީ އާއި އަސްދޫނިފަދަ ދޫނިތަކަކީ އެންމެ ފަސޭހައިން ދޫނި ރޯގާގެ ވައިރަސް ޖެހޭ ދޫނިތަކެވެ.

ދޫނިރޯގާޖެހިގެން އިންޑިއާގައި އެތައް ލައްކަ ދޫންޏެއް މިހާތަނަށް މަރުވެފައިވާ އިރު ޖަނަވާރުންގެ ސިއްހަތާބެހޭ އިންޑިއާގެ އިދާރާތަކުން ގެންދަނީ ދޫނިރޯގާ ކޮންޓްރޯލް ކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ. މީގެ ތެރޭގައި އެތައް ލައްކަ ދޫންޏެއް ރައްކާތެރިކަމާ އެކު ނައްތާލުމާއި ދުނިގެންގުޅޭ ތަންތަނަށް ބޭސްޖެހުމާއި އެތަންތަނުގެ ސާފުތާހިރުކަން ބަލައި ސްޕަވައިޒް ކުރުމާ އަދި ދޫނި ރޯގާއިން ސަލާމަތްވުމުގެ އިރުޝާދު ދުނިގެންގުޅޭ ފަރާތްތަކަށް ދިނުން ހިމެނެ އެވެ.

އިންޑިއާގެ ސިއްހަތާބެހޭ މާހިރުން ދޫނިރޯގާ ކޮންޓްރޯލް ކުރުމުގައި

ނައްތާލަންޖެހޭ ދޫނިތަކުގެ އަދަދު މިލިޔަނުން ގުނާލެވޭވަރަށް މައްޗަށް ދާނެ ކަމަށްވަނީ އަންދާޒާ ކުރެވިފައެވެ. މިކަމުގެ ސަބަބުން އިންޑިއާގެ ދަނޑުވެރިންނަށް ވަނީ ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާންޖެހިފައެވެ.

ދޫނި ރޯގާގެ ޖަރާސީމު އާންމުގޮތެއްގައި ހުންނަނީ ބަލިޖެހިފައިވާ ދޫނީގެ ނަޖިހުގަޔާއި، ދޫނީގެ ނޭވާލާ ނިޒާމުގައި ހުންނަ ދަވައިގައާއި ދޫނީގެ ލޭގަ އެވެ.

އިންޑިއާގެ ފިޝަރީޒް، އެނިމަލް ހަސްބަންޑްރީ އެންޑް ޑެއިރީއިންގް މިނިސްޓްރީ ބުނާގޮތުން ދޫނިރޯގާ މިހާތަނަށް ފެނިފައިވާ ސްޓޭޓްތަކުގެ ތެރޭގައި އުއްތަރަހާންދު، މަހާރާޝްތުރާ، އުއްތަރަ ޕްރަދޭޝް ހަރިޔާނާ، މަދިޔާ ޕްރަދޭޝް، ކެރަލާ، ޗައްތިޝްގަރު، ހިމާޝަލް ޕްރަދޭޝް، ގުޖުރާތު، ދިއްލީ، ރާޖެސްތާނު، ޖައްމޫ އާއި ކަޝްމީރު އަދި ޕަންޖާބު ހިމެނެއެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް