ބާނީ ސެންޑާސްގެ މީމް އެންމެފަހުން ޗެރިޓީ ފަންޑަކަށް

ހުވާކުރުމުގެ ރަސްމިއްޔާތުގައި ބާނީ ސެންޑާސް

މިދިޔަ ޖެނުއަރީ 20 ވަނަ ދުވަސްވީ އެމެރިކާއަށް މުހިންމު ތާރީހީ ދުވަހަކަށްވީ އެގައުމުގެ 46 ވަނަ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ އިތުރުން އެންމެ ފުރަތަމަ އަންހެން ނައިބު ރައީސްވެސް ހުވާކުރެއްވި ދުވަހަށް ވުމުންނެވެ. އެ ދުވަހުގެ ފޮޓޯތަކާއި ވީޑިއޯތައް ކިތަންމެހާވެސް ގިނައިން ސޯޝަލް މީޑީއާގައި އެނބުރުނެވެ. އެކަމަކު އެންމެންގެ ލޯ އަޅައިގަތް އެންމެ ކަމުދިޔަ ފޮޓޯއަކަށްވީ އެ ހަފްލާގައި ސީނިއާ ޑެމޮކްރެޓިކް ސެނެޓަރެއް ކަމަށްވާ ބާނީ ސެންޑާސް އާދައިގެ މިޓަންސް ތަކެއް އަތަށް ލައްވައިގެން ގޮނޑިއެއްގައި އިށީދެގެން އިން ފޮޓޯ އެވެ.

އެމެރިކާގެ އިތުރަށް މުޅި ދުނިޔެއަށްވެސް މި ފޮޓޯ ވަރަށް ކަމު ދިޔަ އެވެ. މި ފޮޓޯއަށް އެތައް ސަތޭކަ މީމްއެއް ހެދި ވައިރަލްވިއިރު ދިވެހިންގެ މެދުގައިވެސް މި މީމްތައް ހަދައި އެކި ދިމާތަކުގައި ޕޯސްޓްކޮށްފައި ހުއްޓެވެ.

އުމުރުން 79 އަހަރުގެ ސެންޑާސްއަށްވެސް މި މީމްތައް ވީ ނިކަން މަޖާ ކަމަކަށެވެ. ގިނަ ބަޔަކަށް އޭނާގެ މިޓަންސް ކަމުދިޔަ އިރު އެއީ ސެންޑާސްގެ އުފަން ސްޓޭޓް ވާމަންޓް ގައި އުޅޭ ޖެން އެލިސް ނަަމަކަށް ކިޔާ ޕްރައިމަރީ ޓީޗަރެއް އޭނާއަށް ކެމްޕެއިނެއްގައި ހަދިިޔާކޮށްދިން މިޓަންސް އެކެވެ.

ހުވާކުރުމުގެ ރަސްމިއްޔާތުގެ ފޮޓޯތައް ވައިރަލްވެ ގާތް މީހުންގެ ފަރާތުން އެއީ ޖެން ތައްޔާރުކުރި މިޓަންސްއެއްކަން އެނގުމުން ގިނަ ބަޔަކު ވަނީ އެ ގަންނަން އޭނާއަށް ގުޅައި މެސެޖުކޮށްފަ އެވެ. ނަމަވެސް ޖެން ފަހުންކުރި ޓްވީޓެއްގައި ވަނީ ވިއްކާނެ މިޓަންސްއެއް އޭނާގެ އަތުގައި ނެތްކަމަށް ބުނެފަ އެވެ.

މި މިޓަންސް ހެދުމުގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ވޫލް އާއި، އަދި ޕްލާސްޓިކް ފުޅިވެސް ބޭނުންކޮށްފައިވާއިރު، މިހާރު ޖެން ވަނީ ތަފާތު ތިން ކަމަކަށް ފަންޑް ހޯދުމަށް ހާއްސަ ތިން މިޓަންސް ބިޑްކުރުމަށް ހުޅުވާލާފަ އެވެ.

ކެމްޕެއިން ޓީމުން ތައްޔާރުކޮށްފައިވާ ސްވެޓް ޝާޓެއް --

އެއާއެކު، ބާނީ ސެންޑާސްވެސް މިވަނީ މީހުންނަށް ކަމުދިޔަ މީމްތަކާއި އެކީ ހާއްސަ ފަންޑްރެއިސިން ހަރަކާތެއް ފަށާފަ އެވެ. މިގޮތުން އޭނާގެ ކެމްޕެއިން ޓީމުން ވަނީ މީމްތަކުގައި ބޭނުންކުރާ ސެންޑާސްގެ ފޮޓޯ ހިމަނައިގެން ހާއްސަ ސްވެޓްޝާޓްތަކަކާއި ޓީޝާޓްތަކެއް ތައްޔާރުކޮށްފަ އެވެ. މި ސްވެޓްޝާޓްތައް ވިއްކައިގެން ލިބޭ ފައިސާ ހަދިޔާ ކުރުމަށް ނިންމާފައިވަނީ ވާމަންޓްގައި ކާބޯތަކެތި ތައްޔާރުކޮށް ގޭގެއަށް ފޯރުކޮށްދޭ މީލްސް އޮންދަ ވީލްސް ކިޔާ ހިލޭ ސާބަހަށް މަސައްކަތްކޮށްދޭ ޖަމިއްޔާ އަކަށެވެ.

comment ކޮމެންޓް