ބޮލިފުށީގެ ހިންގުން ޖުމެއިރާއާ ހަވާލުކުރަން އަމުރު ކުރީ ބޮޑަށް ގެއްލުންވާ ފަރާތެއް ބެލުމެއް ނެތި: އެސްޕީއެޗް

އޮކްޓޯބަރ 1، 2019: ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިންގަޕޫރު އާބިޓްރޭޝަނަށް ހުށަހަޅާފައިވާ ކ. ބޮލިފުށީގެ މެނޭޖްމަންޓުގެ މައްސަލަ ނިމެންދެން، ރިޒޯޓުގެ ހިންގުން ޖުމެއިރާއަށް ހަވާލު ކުރަން ހައިކޯޓުން ވަގުތީ އަމުރެއް ނެރުނީ އެކަމުގެ ސަބަބުން ބޮޑަށް ގެއްލުންވާ ފަރާތެއް ބެލުމެއް ނެތި ކަމަށާއި، އެ އަމުރު ތަންފީޒު ކުރެވޭނެ ގޮތެއް ނެތް ކަމަށް އެ ރަށުގެ ސަބްލީޒް ހޯލްޑަރު އެސްޕީއެޗް ޕްރައިވެޓް ލިމިޓެޑުން ބުނެފި އެވެ.

ގޭޓްވޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ބޮލިފުށި އެސްޕީއެޗްއަށް ސަބްލީޒް ކުރީ 2007 ވަނަ އަހަރު އެވެ. އެ ކުންފުނިން އެ ރަށުގައި ރިސޯޓެއް ތަރައްގީ ކުރުމަށްފަހު، އެތަން ހިންގަން 2009 ވަނަ އަހަރު ހަވާލު ކުރީ ޖުމެއިރާ ކުންފުންޏާ އެވެ.

ޖުމެއިރާއިން އެ ރިސޯޓު ހިންގާ ގޮތާ މެދު އެ ކުންފުންޏާއި އެސްޕީއެޗްއާ ދެމެދު 2013 ވަނަ އަހަރުން ފެށިގެން ދެބަސްވުންތަކެއް އުފެދުނެވެ. އެންމެފަހުން މެއި 31، 2020ގައި އެސްޕީއެޗްއިން ޖުމެއިރާގެ އެއްބަސްވުން ބާތިލު ކުރި އެވެ. އަދި ބޮލިފުށީގެ ހިންގުން އެޓްމޮސްފިއާ ހަވާލު ކުރި އެވެ. މިހާރު އެޓްމޮސްފިއާ އިން އެ ރިޒޯޓު ރިބްރޭންޑުކޮށް ހިންގަމުން ދަނީ އޯޒޮން ރިޒާވް ބޮލިފުށީގެ ނަމުގަ އެވެ.

އެސްޕީއެޗްއިން ޖުމެއިރާއާއެކު އެއްބަސްވުން ބާތިލު ކުރީ އެ ދެ ފަރާތުގެ ދެމެދުގައި ހެދި އެއްބަސްވުމާ ހިލާފަށް ކަމަށް ބުނެ ޖުމެއިރާއިން ވަނީ މައްސަލަ ސިންގަޕޫރު އާބިޓްރޭޝަނަށް ހުށަހަޅައިފަ އެވެ. އަދި އެ މައްސަލަ ސިންގަޕޫރު އާބިޓްރޭޝަނުގައި ނުފަށަ އެވެ.

އެ މައްސަލަ ނިމެންދެން ޖުމެއިރާއާއި އެސްޕީއެޗްއާއެކު ހެދި އެއްބަސްވުން އަލުން އިއާދަކޮށް، އެއްބަސްވުމުގައިވާ ގޮތަށް ރިސޯޓުގެ ހިންގުން ޖުމެއިރާއާ ހަވާލު ކުރަން ޖުމެއިރާއިން ރާއްޖޭގެ ހައިކޯޓުގައި ވަގުތީ އަމުރަކަށް އެދުމުން މިދިޔަ ނޮވެމްބަރު 29، 2020ގައި ހައިކޯޓުން ވަނީ އެފަދަ އަމުރެއް ނެރެދީފަ އެވެ. އެއީ ބޭރުގެ އާބިޓްރޭޝަނެއްގައި ހިނގާ މައްސަލައަކާ ގުޅިގެން ރާއްޖޭގެ ކޯޓަކުން ނެރުނު ފުރަތަމަ ވަގުތީ އަމުރެވެ.

ހައިކޯޓުގެ ނިންމުން އެސްޕީއެޗްގެ ފަރާތުން މިދިޔަ ޑިސެމްބަރު މަހު ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި އެވެ. އަދި ހައިކޯޓުގެ އަމުރު ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރަކަށް އެސްޕީއެޗްއިން އެދުމުން ސުޕްރީމް ކޯޓުން ޑިސެމްބަރު 23، 2020ގައި ވަނީ އެފަދަ އަމުރެއް ނެރެދީފަ އެވެ.

މިހާރު ސުޕްރީމް ކޯޓުގައި ކުރިއަށްދާ މައްސަލައިގެ ތެރެއަށް ބޮލިފުށީގެ ހެޑްލީޒް ހޯލްޑަރު ގޭޓްވޭއިންވެސް ވަނީ ތަދައްހުލްވެފަ އެވެ. ގޭޓްވޭއިން ތަދައްހުލްވާން އެންމެ ފުރަތަމަ ޖުމެއިރާގެ ފަރާތުން އިއުތިރާޒު ކުރިއަސް ފަހުން ވަނީ އެކަން އަނބުރާ ގެންގޮސްފަ އެވެ.

މިއަދު އެ މައްސަލައިގައި ސުޕްރީ ކޯޓުގައި ފުރަތަމަ ފަހަރަށް ވަނީ އަޑުއެހުމެއް ބާއްވައިފަ އެވެ. މިއަދުގެ އަޑުއެހުމުގައި އޮތީ އެސްޕީއެޗްގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކާ މެދު ވާހަކަ ދެއްކުމެވެ. އެސްޕީއެޗްގެ ފަރާތުން މިއަދު ސުޕްރީމް ކޯޓަށް ވަޑައިގެންނެވި ވަކީލުންގެ ތެރެއިން އަޑުއެހުމުގައި ވާހަކަ ދެއްކެވީ ގާނޫނީ ވަކީލު ޝާހީން ހަމީދެވެ.

ޝާހީން ވިދާޅުވީ، ބޮލިފުށި އަލުން ރިބްރޭންޑުކޮށް، އެޓްމޮސްފިއާ ބްރޭންޑަށް އަލުން ހުޅުވަން 22 މިލިއަން ޑޮލަރު ހޭދަވި ކަމަށެވެ. އަދި ހައިކޯޓުގެ ވަގުތީ އަމުރު ތަންފީޒުކޮށްފި ނަމަ އާބިޓްރޭޝަނުގެ މައްސަލަ ނިމެންދެން އަލުން ޖުމެއިރާގެ ބްރޭންޑަށް ބޮލިފުށި ބަދަލު ކުރަން 20 މިލިއަން ޑޮލަރާއި 30 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ހަރަދުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކަމަށް ޓަކައި ރިޒޯޓު ނުހިންގައި ތިން މަސް ވާނެ ކަމަށް ވިދާޅުވި އެވެ.

އޭގެ އިތުރުން، ހައިކޯޓުގެ ވަގުތީ އަމުރު ތަންފީޒު ކުރާ ނަމަ އޭގެ ސަބަބުން ތިން ވަނަ ފަރާތެއް ކަމަށްވާ، މިހާރު ރިސޯޓު ހިންގާ އެޓްމޮސްފިއާއަށްވެސް ބޮޑެތި ގެއްލުންވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެޓްމޮސްފިއާއާއެކު ހަދާފައިވާ އެއްބަސްވުމަކީ ގާނޫނީ ގޮތުން ސައްހަ އެއްބަސްވުމެއް ކަމަށް ވިދާޅުވި އެވެ.

ޖުމެއިރާއަށް ރަށް ހިންގަން އަލުން ދޭން އާބިޓްރޭޝަނުން ނިންމިޔަސް، ޖުމެއިރާއާއެކު ހަދާފައިވާ އެއްބަސްވުމުގެ ބާކީ އޮތް މުއްދަތުގައި އެ ކުންފުންޏަށް ލިބޭނީ ނުވަ މިލިއަން ޑޮލަރުކަންވެސް ޝާހީން ފާހަގަކުރެއްވި އެވެ.

އެހެންކަމުން، އެ މައްސަލައިގައި ބޮޑަށް ގެއްލުންވާ ފަރާތަކީ ކޮބާ ކަމާ މެދު ހައިކޯޓުން ރިއާއަތްކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޖުމެއިރާގެ ނުވަ މިލިއަން ޑޮލަރުގެ ހައްގު ރައްކާތެރި ކުރަން ނެރުނު އަމުރުގެ ސަބަބުން އެސްޕީއެޗްއިން އެޓްމޮސްފިއާ ބްރޭންޑަށް ރިޒޯޓު ހިންގަން ކުރި 22 މިލިއަން ޑޮލަރުގެ ހަރަދާއެކު 50 މިލިއަން ޑޮލަރު ބޭކާރުވުމުގެ ފުރުސަތު އޮތްކަން އޭނާ ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ، ބޭރުގެ ޖުރިސްޑިކްޝަންތަކުގައިވެސް އަމުރު ރައްދުވާ ފަރާތަށް ލިބިދާނެ ގެއްލުމަށާއި، ތިން ވަނަ ފަރާތަކަށް ލިބިދާނެ ގެއްލުން ފަދަ ކަންކަމަށް ބަލާ ކަމަށެވެ. އަދި އެކަމުގެ މިސާލުތަކެއްވެސް ދެއްކެވި އެވެ.

ގިނަ އަދަދެއްގެ ފައިސާތަކެއް ދައްކަން ޖެހިއްޖެ ހާލަތެއްގައި ރިޒޯޓުގެ މޯގޭޖު ޑިފޯލްޓުވެ، ރިސޯޓުގެ މޯގޭޖުކޮށްފައިވާ އާރިއާލް ބޭންކުން ރަށުގެ ލީޒްއާއި ސަބްލީޒް ވިއްކާލަން މަގުފަހިދެދާނެ ކަމަށް ވިދާޅުވި އެވެ. އެހެންވެއްޖެ ނަމަ ރިޒޯޓުގެ އެތައް މުވައްޒަފުންގެ ވަޒީފާ ގެއްލޭނެކަންވެސް ފާހަގަކުރެއްވި އެވެ. އަދި ހައިކޯޓުގެ ވަގުތީ އަމުރުުން ހާސިލު ކުރަން ބޭނުންވާ، ރިޒޯޓު އަލުން ހިންގަން ހަވާލު ކުރުމުގެ މަގުސަދުވެސް ހާސިލު ނުވާނެ ކަމަށް ވިދާޅުވި އެވެ.

އެހެންކަމުން، އެ ވަގުތީ އަމުރަކީ ތަންފީޒު ކުރެވޭނެ ގޮތެއް ނެތް އަމުރެއް ކަމަށްވެސް ޝާހީން ވިދާޅުވި އެވެ.

ޝާހީން ވިދާޅުވީ، ސިންގަޕޫރު އާބިޓްރޭޝަނުގައި މައްސަލަ މައުޟޫއީ ގޮތުން ބަލާއިރު ނިންމަން ޖެހޭ ކަންކަމާ މެދު ހައިކޯޓުގެ ވަގުތީ އަމުރުގައި ކޮމެންޓުކޮށްފައިވާ ކަމަށެވެ. އެގޮތުން، އެއްބަސްވުން ބާތިލު ކުރީ ހެޔޮ ނިޔަތުގައި ކަމާ މެދު ހައިކޯޓުގެ ހުކުމުގައި ކޮމެންޓުކޮށްފައިވާކަން ފާހަގަކުރެއްވި އެވެ. ނަމަވެސް، އެއީ ހައިކޯޓުގެ ކުރިމަތީގައި އޮތް ސުވާލުތަކެއް ނޫން ކަމަށާއި ހައިކޯޓުގެ ކުރިމަތީގައި އޮތީ ވަގުތީ އަމުރުގެ މައްސަލަ ކަމަށް ޝާހީން ވިދާޅުވި އެވެ. ހައިކޯޓުގެ އަމުރުގައި ހިމެނޭ އެ ބައިގެ ބޭނުން ޖުމެއިރާއަށް ސިންގަޕޫރު އާބިޓްރޭޝަނުގައި ހިފިދާނެކަން އޭނާ ފާހަގަކުރެއްވި އެވެ.

ސިންގަޕޫރު އާބިޓްރޭޝަނަށް ޖުމެއިރާއިން ހުށަހެޅި މައްސަލަ އޮތް ހިސާބު ހައިކޯޓުން ބަލާފައި ނުވާ ކަމަށްވެސް ޝާހީން ވިދާޅުވި އެވެ. އެގޮތުން، އެ މައްސަލަ ރަޖިސްޓްރީކޮށް، ބަލަން ފެށިތޯ ބަލާފައި ނުވާ ކަމަށް ވިދާޅުވި އެވެ.

އޭގެ އިތުރުން، ހައިކޯޓަށް އާބިޓްރޭޝަން މައްސަލަތަކުގައި ވަގުތީ އަމުރު ނެރެވޭނީ އެ ކޯޓުން އެކަމާ ގުޅިގެން ހަދަން ޖެހޭ އުސޫލުތަކުގެ ދަށުން ކަމަށް އާބިޓްރޭޝަން ގާނޫނުގައިވާ ކަމަށްވެސް ޝާހީން ވިދާޅުވި އެވެ. ނަމަވެސް، ހައިކޯޓުން އެ މައްސަލަ ނިންމި އިރުވެސް އެފަދަ އުސޫލުތަކެއް ހައިކޯޓުގައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ޝާހީން ވިދާޅުވި ގޮތުގައި އެފަދަ މައްސަލަތަކުގައި ވަގުތީ އަމުރެއް ނެރެވޭނެ ގޮތްތަކެއް ސިންގަޕޫރުގައިވެސް އޮވެ އެވެ. ނަމަވެސް، ޖުމެއިރާއިން ދިވެހިރާއްޖޭގެ ހައިކޯޓުގައި ވަގުތީ އަމުރަށް އެދުނީ އެފަދަ އަމުރެއް ސިންގަޕޫރުން ނެރެނުދޭނެތީ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި އެއީ ރާއްޖޭގައި އޮތް ގާނޫނީ ހުސްކަމުގެ ބޭނުން ހިފަން ކުރި ކަމެއް ކަމަށް ވިދާޅުވި އެވެ.

އެސްޕީއެޗްއިން ބުނާ ގޮތުގައި، އެ ކުންފުނިން ބޮލިފުށި ތަރައްގީ ކުރީ 145 މިލިއަން ޑޮލަރު ހަރަދުކޮށްގެންނެވެ. އަދި އެ ރިޒޯޓުގެ ކުއްޔާއި ޓެކްސް ފަދަ ހަރަދުތައްވެސް ކުރީ އެ ކުންފުނިން ކަމަށާއި، ޖުމެއިރާއާއެކު ހެދީ ހަމައެކަނި މެނޭޖް ކުރުމުގެ ހިދުމަތް ދިނުމުގެ އެއްބަސްވުމެއް ކަމަށް އެސްޕީއެޗްއިން ބުނެ އެވެ.

comment ކޮމެންޓް